Last Updated:
2 year 3 month ago

ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް

    ބުލޮގު ޚުލާސާ

    ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ލައިވް ކަވަރޭޖް

    23:54

    ރިޔާސީ ބަހުސް 2023 ނިންމާލައިފި.

    23:51

    އުމަރު ވިދާޅުވީ ފާއިތުވި 15 އަހަރު ހަތަރު ރައީސުން ވެރިކަން ކުރެއްވީއިރު ނާމާންކަމާއި މަސްތުވާތަކެތީގެ މައްސަލައާއި ދަރަންޏާއި ކޮރަޕްޝަން ވީ ބޮޑު ކަމަށް. ޑިމޮކްރެޓިކް ނިޒާމަށް ދިވެހީން އެދޭ ހައްލުތައް ހޯދައިނުދެވުނު ކަމަށް.

    އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަން ޖެހޭ ކަމަށް.

    އުމަރު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނެއް ސޮފްޓް ލީޑަރަކަށް ނުބޭލޭނެ ކަމަށް.

    އޭނާ ވިދާޅުވީ 18 އަހަރު ވަންދެން އޭނާ ވަކާލާތު ކުރައްވަނީ ހައްގަށް ކަމަށް. އަދި، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ވޯޓު ދޭންވީ އޭނާއަށް ކަމަށް.

    23:47

    ޒަމީލް ވިދާޅުވީ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލީ މިނިވަންކަމާ އެކު ކުރައްވަން ޖެހޭ ކަންކަން ކުރުމަށްޓަކައި ކަމަށް. ކުރިން ދައްކާ މަރުތަކުގެ ވާހަކައާއި މަރުތަކުގެ ވާހަކަ މިހާރު ނުދައްކާ ކަމަށް.

    އޭނާ ވިދާޅުވީ، ގައުމުގެ ޚަރަދުތައް ކުޑަކޮށް، ދަރަނި ވެސް ކުޑަކުރަން ޖެހޭ ކަމަށް.

    23:45

    ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ގޮތެއް ނިންމާއިރު ފާއިތުވި 20 އަހަރާ ބެހޭ ގޮތުން ވިސްނަން ޖެހޭ ކަމަށް، ޚާއްސަކޮށް 2018 ވަނަ އަހަރާ ހަމައަށް އޮތް ސަރުކާރާ މެދު ވިސްނަން ޖެހޭ ކަމަށާއި އެ ސަރުކާރުގައި ޕާޓީގެ ލީޑަރުން ޖަލަށް ލައި، ނޫސްތައް ބަންދު ކުރި ކަމަށް ރައީސް ވިދާޅުވި.

    ރައީސް ވިދާޅުވީ މި ސަރުކާރު އައުމާއެކު އަސާސީ އެތައް މަސައްކަތެއް ކުރަން ޖެހުނު ކަމަށާއި އޭގެ ތެރޭގައި ފެނާއި ނަރުދަމާ އަޅައި، ކަރަންޓު ދިނުން ހިމެނޭ ކަމަށް ވިދާޅުވި. މި ސަރުކާރުގައި ރާއްޖެއަށް ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމަށް ވިދާޅުވި އަދި އިގުތިސާދު އިތުރަށް ކުރިއަރުވާނެ ކަމަށް ވިދާޅުވި.

    މީގެ އިތުރުން މި ސަރުކާރެ އައިއިރު ދައުލަތަށް ލިބެނީ 22 ބިލިއަން ރުފިޔާ ކަމަށާއި 10 އަހަރު ތެރޭގައި އެ އަދަދު 50 ބިލިއަން ރުފިޔާއަށް އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި.

    23:45

    މުއިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖެ ހޯދަން އެންމެން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް. ނުބައި ނިންމުމެއް ނިންމައިފި ނަމަ، މިނިވަންކަން ގެއްލިދާނެ ކަމަށް އޭނާ ވިދާޅުވި. އަދި، ތަރައްގީގެ މަގުގައި ގައުމު ސޮއްސާލާފައިވާ ކަމަށް މުއިއްޒު ވިދާޅުވީ.

    އޭނާ ވިދާޅުވީ، ތަރައްގީ ގެނެވޭނީ ނަތީޖާ ނެރެދީފައިވާ ބަޔަކަށް ވެރިކަން ހަވާލު ކޮށްގެން ކަމަށް.

    މުއިއްޒު ވިދާޅުވީ، ނަތީޖާ ނެރެވޭނީ އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރެވޭނެ ބަޔަކަށް ކަމަށް. ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކޮށްދެވޭނީ އޭނާއަށް ކަމަށް މުއިއްޒު ވިދާޅުވި

    ގާސިމް އިބްރާހީމް

    [މި އިންތިޚާބަކީ] ވަރަށް ސަރުކާރުގެ ނުފޫޒާއި ބާރު ފޯރުވައިގެން ކުރިއަށްގެންދާ، އެތެރެ ނުފެންނަ އިންތިޚާބެއް.
    23:42

    ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޭސްފަރުވާ ހިލޭ ކޮށްދެއްވާނެ ކަމަށް. އަދި، އެހެން ހުރިހާ ކެންޑިޑޭޓުންގެ މެނިފެސްޓޯއަށް ވުރެ އޭނާގެ މެނިފެސްޓޯ މާ ފުރިހަމަ ވާނެ ކަމަށް.

    އޭނާ ވިދާޅުވީ، ޕީޕީއެމާއި އެމްޑީޕީ ވެސް ވެރިކަން ކުރުމުގައި ފެއިލްވެފައިވާ ކަމަށް. އެހެންވެ، މި ފަހަރުގެ އިންތިޚާބުގައި ކަންތައްތައް ކުރުމުގެ ގާބިލުކަން ހުރި ކެންޑިޑޭޓަކަށް ވޯޓު ދޭން ޖެހޭ ކަމަށް.

    އަހުމަދު ފާރިސް މައުމޫން

    ގައުމުގެ މައްސަލަތައް ރަނގަޅު ކުރެވޭނީ، އެންމެނަށް އެއްބަސްވެވޭ ޕްލޭނެއް އެކުލަވައިލެވިގެން. ސިޔާސީ ވިސްނުން އެއްކިބާކޮށް މުޅި ގައުމުގެ މިސްރާބެއް ކަނޑައެޅިގެން،
    23:40

    ފާރިސް ވިދާޅުވީ ކުދި އިސްލާހުތައް ގެނެސްގެން ރާއްޖެ ހައްލު ކުރެވެން ނެތް ކަމަށް. އެގޮތުން ރާއްހެ ހައްލު ކުރެވޭނީ އެންމެން އެއްބަސްވާ ސިޔާސަތެއް ކަނޑައަޅައިގެން ކަމަށާއި އޭނާގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ފާރިސް ވިދާޅުވި.

    ފާރިސް ވިދާޅުވީ ނޭޝަނަލް ޑެވެލޮޕްމެންޓް ޕްލޭނެއް ދެ އަހަރު ތެރޭގައި ހަދައި، އެ ޕްލޭން ރެފަރެންޑަމްއަކުން ފާސްކުރާނެ ކަމަށް. އެ ޕްލޭން އޮތުމުން ކޮންމެ ސަރުކާރެއްގައި ފަށާފައިވާ މަޝްރޫއުތައް ދެން އަންނަ ސަރުކާރެެއްގައި ހުއްޓުވަން ނުޖެހި، އިސްރާފު ކުޑަވާނެ ކަމަށް ވިދާޅުވި.

    23:34

    އިލްޔާސް ވިދާޅުވީ، ފަރުދުންގެ ތަނަވަސްކަން އިތުރު ކުރަން ޖެހޭ ކަމަށް. އޭނާ ވިދާޅުވީ، ދިރިއުޅުމުގެ ޚަރަދު ބޮޑުވެގެން ގޮސްފި ކަމަށާއި އާންމުންގެ ދިރިއުޅުމަށް ފައިދާއެއް ނުކުރާ ކަމަށް.

    އޭނާ ހޮވަން ޖެހެނީ، ހުރިހާ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރަން ކަމަށް އޭނާ ވިދާޅުވި.

    އިލްޔާސް ވިދާޅުވީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ނިޒާމުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް. ރާއްޖެއަށް ބަދަލު ގެނައުމަށް އޭނާއަށް ވޯޓު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި.

    23:32

    ބަޣާވާތުގެ ތުހުމަތުތަކަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ، ހަތެއް ފެބްރުއަރީގައި އޭނާ ކުރެއްވީ ގައުމީ މަސައްކަތެއް ކަމަށް. އަދި އެދުވަހާ ގުޅިގެން ކޯނީ ރިޕޯޓެއް ނެރުނު ކަމަށާއި އޭނާގެ މައްސަލައެއް އޮތް ކަމަށް އެ ރިޕޯޓުގައި ނެތް ކަމަށް. ވެރިކަން ބަދަލު ކުރުމުގައި ޒިންމާއެއް ނެތް ކަމަށް ވެސް ނާޒިމް ވިދާޅުވި.

    ނާޒިމް ވިދާޅުވީ، ބައެއް ވެރިން އޭނާއަށް ތުހުމަތު ކުރަނީ އޭނާއާ މެދު ޖެހިލުންވާތީ ކަމަށް.

    23:32

    އިލްޔާސް ލަބީބު ވިދާޅުވީ، މި އަންނަނީ މުޅި ގައުމު ބަދަލު ކުރަން ކަމަށް. ޖީލު ބަދަލުވެއްޖެ ކަމަށް ވިދާޅުވި.

    އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް މިހާރު ވެސް އޮތީ ދެވަނަ ބުރެއްގައި ކަމަށާއި އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ އޭނާ ކަމަށް.

    ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު (މ) --- ފޮޓޯ/ ވަގުތު
    އިލްޔާސް ލަބީބް

    އަޅުގަނޑު އިރާދަކުރެއްވިއްޔާ މިހިރީ މިހާރު ދެވަނަ ބުރުގަ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވެރިކަމުގެ ހުވާ ކުރާނަން.
    23:29

    ފާރިސް ވިދާޅުވީ، އޭނާ މީގެ ކުރިން އެއްވެސް ކޮރަޕްޝަނެއް ހިންގާފައިނުވާނެ ކަމަށް. އޭނާ ވިދާޅުވީ، އޭނާގެ އެއްވެސް މައްސަލައެއް މިހާރު ހިނގަމުންނުދާ ކަމަށް.

    އޭނާ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އޭނާގެ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް. އަދި، ޝަރުޢީ ނިޒާމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށް.

    23:26

    ގާސިމް ވިދާޅުވީ އޭނާ ކޯލިޝަންގައި ހިމަނައިގެން ވެރިކަމަށް އައުމަށް ފަހު ކޮންމެ ސަރުކާރަކުން ގާސިމަށް ކުރިން ދީފައިވާ ތަކެތި އަތުލާ ކަމަށް. ސަރުކާރުން ބަދަލު ހޯދަން ޝަރީއަތަށް ދާން ޖެހެނީ އޭގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވި.

    ޑރ. މުޙައްމަދު މުއިއްޒު

    އަޅުގަނޑަށް ފުރިހަމަ ތާއިދާއި އިތުބާރާއެކު ޓިކެޓް ހަވާލުކުރެއްވީ ރައީސް ޔާމީން.
    ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ ވަގުތު
    23:24

    މުއިއްޒު ވިދާޅުވީ، އޭނާއަށް ރައީސް ޔާމީންގެ އިތުބާރު އެބައޮތް ކަމަށް. އަދި، ސިޔާސީ ނުފޫޒު ކޯޓުތަކުން އެއްކިބާ ކުރައްވާނެ ކަމަށާއި އެ ހިސާބުން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް.

    23:22

    ރައީސް ޞާލިޙް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން އާއިލާގެ އެއްވެސް ބޭފުޅަކަށް ވަޒީފާ ދީފައިނުވާނެ ކަމަށް. އާއިލާ ބޭފުޅުން އެ ތިއްބެވީ އިންތިޚާބީ މަގާމުތަކުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ކޮއްކޯފުޅަށް ވަޒީފާ ދިނީ މި ސަރުކާރުގައި ނޫން ކަމަށް.

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    އަޅުގަނޑުގެ ސަރުކާރަކު އަޅުގަނޑުގެ އާއިލާގެ މީހަކަށް އަދި ވަޒީފާ ދީފައެއް ނުހުންނާނެ. އަދި ދެންވެސް ނުދޭނަން.
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    އަޅުގަނޑުގެ ސަރުކާރަކު އަޅުގަނޑުގެ އާއިލާގެ މީހަކަށް އަދި ވަޒީފާ ދީފައެއް ނުހުންނާނެ. އަދި ދެންވެސް ނުދޭނަން.
    23:21

    ޒަމީލް ވިދާޅުވީ، ކަންކަން ކުރިއަށް ދަނީ ގޯސްކޮށް ކަން އެނގިވަޑައިގަތީ ސަރުކާރުތަކުގައި މަސައްކަތް ކުރެވުމުން ކަމަށް.

    އޭނާ ވިދާޅުވީ، މި ކަން ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ މީހުން ނުކުންނަން ޖެހޭ ކަމަށް.

    23:19

    އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މައްސަލަތައް ހައްލުކުރަން، ޔޫރަޕުން އިމްޕޯޓް ކުރި މޮޑެލްތައް ބަދަލުކުރުމަށް އިސްލާމީ ޝަރީއަތުގައި ހިފަން ޖެހޭ ކަމަށް. އަދި ކޮރަޕްޝަނާއި މީހުން މެރުން ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރަން އިސްލާމީ ޝަރީއަތުގައި ހިފާނެ ކަމަށް އުމަރު ވިދާޅުވި.

    އުމަރު ވިދާޅުވީ، ރިސޯޓުތަކުގައި ވަގުތުން ރާ މަނާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް.

    އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު --- ފޮޓޯ/ ވަގުތު
    23:15

    ރައީސަށް ރައްދު ދެއްވައި އުމަރު ނަސީރު ވިދާޅުވީ، 20 މިލިއަން ރުފިޔާ ސަލާމަތް ކުރުމުން ފެންވަރު ރަނގަޅު ނޫން ބޭސް ގެނެވި، އޭގެ ސަބަބުން މަރުވި މީހުންގެ އަދަދު ވެސް ބަލަން ޖެހޭ ކަމަށް.

    23:14

    ޒަމީލް ވިދާޅުވީ، ކޮރަޕްޝަން ނައްތައިލީމާ ސިއްހީ ދާއިރާއާއި ހުރިހާ ދާއިރާއެއްގައި ހުރި މައްސަލަތައް ވެސް ނައްތައިލެވޭނެ ކަމަށް.

    23:12

    ރައީސް ވިދާޅުވީ މި ވެރިކަން ފެށުނު އިރު ސިއްހީ ދާއިރާ އޮތީ ފެއިލްވެފައި ކަމަށް. އަދި "އާސަންދައަށް ފަރުވާ ދިނުމުގެ" މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ޔޫރަޕުން ބޭސް ގެނެވޭ ގޮތަށް އެއްބަސްވުން ހެދުމުގެ މަސއްކަތައް ކުރަމުން ދާ ކަމަށް ރައީސް ވިދާޅުވި.

    މީގެ އިތުރުން މި ސަރުކާރުން 71 ބޭހެއްގެ އަގު ހާމަނައިޒްކޮށް، 20 މިލިއަން ރުފިޔާ ސަލާމަތް ކުރެއްވިއްޖެ ކަމަށް ރައީސް ވިދާޅުވި.

    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް --- ފޮޓޯ/ ވަގުތު
    23:11

    މުއިއްޒު ވިދާޅުވީ، ރާއްޖެ ގެންނަ ބޭހުގެ ކޮލިޓީ ޔަގީން ކުރުމަށް ލެބޯޓްރީ ޓެސްޓިން ހަރުދަނާ ކުރެވެން ޖެހޭނެ ކަމަށް.

    އޭނާ ވިދާޅުވީ، މިހާރު އާސަންދަ ވަރަށް ބޮޑަށް މިސްޔޫސް ކުރާ ކަމަށް. އޭނާގެ ވެރިކަމެއްގައި ޕްރިވެންޓިވް ހެލްތްކެއާއަށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށް.

    23:10

    ގާސިމް ވިދާޅުވީ ސިއްހީ ދާއިރާގައި ވިސްނާފަ އޮތް ގޮތަކީ އެހީއެއް އެދޭ އެންމެންނަށް އެހީ ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭސް ފަރުވާގެ ނިޒާމު އޮތް ގޮތަށް ރާއްޖޭގައި ސިއްހީ ނިޒާމް ހިންގާނެ ކަމަށް ވިދާޅުވި.

    23:09

    ފާރިސް ވިދާޅުވީ، ސިއްހީ ދާއިރާ ރެގިއުލޭޓު ނުކުރެވުމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް. އަދި، އޭނާގެ ވެރިކަމެއްގައި އެންމެ މޮޅު ބޭސްތައް ދިވެހީންނަށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް.

    އޭނާގެ ވެރިކަމެއްގައި އާސަންދަ އުވާލައި، ދެފުށް ފެންނަ ރަނގަޅު ނިޒާމެއް އުފައްދަވާނެ ކަމަށް އޭނާ ވިދާޅުވި.

    23:05

    އިލްޔާސް ވިދާޅުވީ، ސަރުކާރުން ކޮށްފައިވާ އެންމެ ބޮޑު ބޭއިންސާފަކީ އާސަންދައަށް ސަލާން ޖަހަން މަޖުބޫރު ކުރުން ކަމަށް.

    އިލްޔާސްގެ ވެރިކަމުގައި ސަލާން ޖަހަން ނުޖެހި، އާސަންދައަކީ ވަރުގަދަ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި. ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލުވެސް ރަނގަޅު ނޫން ކަމަށް އިލްޔާސް ވިދާޅުވި.

    ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު --- ފޮޓޯ/ ވަގުތު
    23:03

    ނާޒިމް ވިދާޅުވީ، ސިއްހީ ނިޒާމު އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް. ހަމަހަމަ ކަމެއް ބޭސް ފަރުވާގެ ނިޒާމުގެ ނެތް ކަމަށް އޭނާ ވިދާޅުވި.

    އޭނާ ވިދާޅުވީ، އިންޝުއަރެންސް ކާޑެއް ތައާރަފުކޮށް، ހަމަހަމަ ކަމާ އެކު ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް.

    22:59

    ފާރިސް ވިދާޅުވީ ރިޓަޔާ ކުރާ އުމުރު 65 އަހަރުން 70 އަހަރަށް މަތި ކުރާނެ ކަމަށް. އަދި ޒުވާނުންނަށް ފާޑު ކިޔުމުގެ ބަދަލުގައި ޒުވާނުންނަށް މަގު ދައްކަން ޖެހޭ ކަމަށް ވިދާޅުވި.

    އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫން --- ފޮޓޯ/ ވަގުތު
    22:57

    ގާސިމް ވިދާޅުވީ ޒުވާނުންނަށް ފުރުސަތު ފަހި ކޮށްދެއްވާނެ ކަމަށް. އަދި، މުސްތަގުބަލު ރަނގަޅު ކުރުމަށް ތައުލީމީ ނިޒާމަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށް.

    އޭނާ ވިދާޅުވީ، އިސްރަށްވެހިންނަށް ދޭ އެލަވަންސް ވެސް ބޮޑު ކުރަން ޖެހޭ ކަމަށް. އެގޮތުން އޭނާގެ ވެރިކަމެއްގައި 5،000 ރުފިޔާގެ އިނާޔާތް 7،000 ރުފިޔާއަށް ބޮޑު ކޮށްދެއްވާނެ ކަމަށް.

    ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް --- ފޮޓޯ/ ވަގުތު
    22:55

    މުއިއްޒު ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކަންތައް މެނިފެސްޓޯގައި ހިމަނާފައި ވާނެ ކަމަށް. އެގޮތުން ކްރިއޭޓާ އާމްދަނީއެއް ތައާރަފުކޮށް، އޭގެ ދަށުން ޒުވާނުން އަމިއްލައަށް އުފައްދާ ތަކެތި ވިއްކަން ފުރުސަތުދީ، ޒަމާނީ ޕޭމެންޓް ގޮތްތައް ތައާރަފު ކުރާނެ ކަމަށް ވިދާޅުވި. އަދި ޒުވާނުންނަކީ ފުދުންތެރި ބަޔަކަށް ހަދައި، އިޚުތިރާމް ލިބޭ ބަޔަކަށް ހަދައިދޭނެ ކަމަށް ވިދާޅުވި.

    22:52

    ރައީސް ވިދާޅުވީ، 65 އަހަރުން މަތީ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް. އަދި، ރިޓަޔާ ކުރާއިރު އަމިއްލަ މަސައްކަތެއް ފެށޭ ގޮތަށް ލުއި ލޯނު ހަމަޖައްސައިދެއްވާނެ ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ، ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް އެކި ކަންކޮޅުތަކުގައި ފަހި ކޮށްދެއްވާނެ ކަމަށް.

    22:51

    އުމަރު ނަސީރު ވިދާޅުވީ، ސްކޫލް ދައުރުގައި ދަރިވަރުން ކެޑޭޓް ފަދަ އެކްޓިވިޓިޓީތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށާއި ސްކޫލް ނިންމާ ހުރިހާ ފިރިހެން ކުދިން ނެޝަނަލް ސާވިސް ފުރިހަމަ ކުރަން ޖެހޭނެ ކަަމަށް.

    22:46

    22:45

    އުމަރު ވިދާޅުވީ، ކެންޑިޑޭޓުން ދައްކަނީ "ސްވީޓް ޓޯކް" ކަމަށް. ދެކޮޅު ޖެހޭ ވާހަކަތައް ނުދައްކާ ކަމަށް. ދެން ތިބި ހަތް ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ކެންޑިޑޭޓަކަށް ވެރިކަން ލިބުނަސް އެ ވިދާޅުވާ ކަންކަން ނުކުރާނެ ކަމަށް އޭނާ ވިދާޅުވި.

    އޭނާ ވިދާޅުވީ، ކުންފުނިތަކުން ހައުސިން ހިންގީމާ، ކޮރަޕްޝަން އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށް.

    22:42

    ޒަމީލް ވިދާޅުވީ ކުދިކުދި ރަށްރަށުގައި ޚިދުމަތްތައް ގާއިމު ކުރުމަށް ބޮޑެތި ޚަރަދު ކުރުމުން މީހުންނަށް އެ ދެވެނީ ދޮގު އުއްމީދެއް ކަމަށް. ނަމަވެސް މާލެއަކީ ވެސް މީހުންނަށް އުޅެވޭނެ ހާލަތުގައި އޮތް ތަނެއް ނޫން ކަމަށް ވެސް ވިދާޅުވެ. މި މައްސަލައަށް ގެނެވޭނެ ހައްލުގެ ތަފްސީލް ނުދެވެނީސް ވަގުތު ވަނީ ހަމަވެފަ.

    22:40

    ރައީސް ވިދާޅުވީ ތޮއްޖެސުން ހައްލު ކުރުމަށް ޓަކައި އާބަން ސެންޓަރުތަކެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް.

    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް --- ފޮޓޯ/ ވަގުތު
    ޑރ. މުހައްމަދު މުއިއްޒު

    ތާއަބަދަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ނިންމައިދޭނަން،
    އަމިއްލަގޮތުން ވާދަކުރައްވާ އުމަރު ނަސީރު --- ފޮޓޯ/ ވަގުތު
    22:37

    ހަމައެކަނި މާލެ ސަރަހައްދަށް މީހުން އެއްކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ، މިހާރު އޮތް ގޮތަށް ބެލުމުގެ ބަދަލުގައި ވެރިން ލީޑްކޮށްގެން ބަދަލެއް ގެންނަން ޖެހޭ ކަމަށް އަދި އެކަމާ ބެހޭ ގޮތުން ރައްޔިތުންގެ ވިސްނުން ވެސް ތަަރައްގީ ކުރަން ޖެހޭ ކަމަށް.

    ޑރ. މުހައްމަދު މުއިއްޒު

    އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ފަސް އަހަރު ނިމެން ދެ ހަފުތާއަށް ވީމައި ގޯތި ދިނުމަކީ ތޯއޭ ރައްޔިތުންނަށް ހައްގު މިންވަރަކީ،
    22:32

    ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި ވެރިކަމުގައި މަސައްކަތްތައް ކުރެވިއްޖެ ކަމަށް. ގުޅީފަޅާއި ގިރާވަރުން ގޯތި ދޫކުރުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވި. އަދި ބޯހިޔާވެހިކަމަށް އެދިފައިވާ އެންމެންނަށް ދައުރު ނިމޭއިރު ގޯތި ދިނުމުގެ އުއްމީދު ރައީސް ފާޅުކުރެއްވި.

    22:30

    މުއިއްޒު ވިދާޅުވީ، ސަރުކާރު ކުންފުނިތައް ވަރަށް ބޮޑަށް ދަރާފައިވާ ކަމަށް. އެހެންވެ، އަމިއްލަ ފައިމައްޗަށް ތެދުވެވޭ ކުންފުނިތަކެއް ހަދަން ޖެހޭ ކަމަށް.

    އޭނާ ވިދާޅުވީ، ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިގްތިސާދު ހަލާކުވެފައިވާ ކަމަށް.

    ގިރާވަރުފަޅާއި ގުޅީފަޅު އެއްކޮށް، ހައުސިންގެ ޓޯޓަލް ސޮލޫޝަން ގެންނާނެ ކަމަށް އޭނާ ވިދާޅުވި. މުއިއްޒު ވިދާޅުވީ ކުންފުނިތައް ވަރުގަދަ ކުރުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން މުހިއްމު ކަމެއް ކަމަށް.

    އަދި، ގޯތި ލިބުނު މީހުންނަށް ގެ ހަދައިދޭނެ ނިޒާމެއް ހޯދައިދެއްވާނެ ކަމަށް އޭނާ ވިދާޅުވި.

    22:29

    ގާސިމް ވިދާޅުވީ ހިޔާ ފްލެޓްގެ ކުލި މާފު ކުރުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ ކަމަށާއި، ހިޔާ ފްލެޓު ހެދުމަށް ނަގާފައިވާ ދަރަނި އަނބުރާ ދައްކަން ލޯން ނަގަން ޖެހޭ ނަމަ ލޯން ވެސް ނަގާނެ ކަމަށް. މީގެ ކުރިން ފިނޭންސް މިނިސްޓަރުކަން ކުރެއްވިކަން ފާހަގަކުރައްވައި އެފަދަ ކަންތައްތަކުގެ ތަޖުރިބާ ހުރި ކަމަށް ގާސިމް ވިދާޅުވި.

    22:26

    ގާސިމް ވިދާޅުވީ ބޯހިޔާވަހިކަން މިހާރު ކުރިއަށް ދަނީ އެއްވެސް ހަމައެއް އިންސާފެއް ނެތި ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ބޭނުން ކޮށްގެން ނާޖާއިޒު ފައިދާތައް ނަގަމުންދާ ކަމަށް. އެހެންވެ، އެ މައްސަލަ ހަމައަކަށް އެޅުވުމަށްޓަކައި، ހުރިހާ ސޯޝަލް ހައުސިން އެއްގެ ކުލި މާފު ކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި.

    22:25

    ފާރިސް ވިދާޅުވީ ހައުސިން މާކެޓްގައި ޑިމާންޑާ ސަޕްލައިގައި މާ ބޮޑު ތަފާތެއް ނެތް ކަމަށް. އަދި ސޯޝަލް ހައުސިން ފަދަ ކަންތައްތަކުގައި ރޭވުންތެރި ކަމެއް ނެތް ކަމަށް ވިދާޅުވި.

    ފާރިސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހައުސިން ޕްލޭނެއް ހަދައި، އެކަމާ ބެހޭ ރެފަރެންޑަމްއެއް ވެސް ނަގާނެ ކަމަށް.

    22:23

    އިލްޔާސް ލަބީބު ވިދާޅުވީ، ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ދަތިތަކަން ހުރި ނަމަ، ސަރުކާރުން ގެރެންޓީ ދީގެން އެކަން ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށް.

    އޭނާ ވިދާޅުވީ، 15 ބުރީގެ ފަސް ކޮންޑޮމީޑިއަމް ބިނާ ކުރާނެ ކަމަށް.

    22:22

    ނާޒިމް ވިދާޅުވީ ރާއްޖޭގެ ހައުސިން ސިޔާސަތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް. އަދި ނާޒިމްގެ ވެރިކަމެއްގައި އިގުތިސާދު ވަރުގަދަ ވުމުން، ރާއްޖޭގެ ރޭޓިން މަތިވާނެ ކަމަށާއި އެއާއެކު ބޭންކުތަކުން ލޯނު ލިބޭނެ ކަމަށް އޭނާ ވިދާޅުވި. އޭގެ ސަބަބުން ހައުސިން މައްސަލަ ހައްލު ކުރެވޭނެ ކަމަށް ނާޒިމް ވިދާޅުވި.

    މުހައްމަދު ނާޒިމް

    ވެރިކަން ކުރާ ބޭފުޅުންނަށް ޝަރަފުވެރިކަމާއި އަބުރުވެރިކަމާ އެކު އުޅެވެން ޖެހޭ. އަޅުގަނޑުގެ ސަރުކާރެއްގައި ކުރީގެ ރައީސުން ފަހަތުން ނުދުވާނަން،
    އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް --- ފޮޓޯ/ ވަގުތު
    22:18

    ނާޒިމް ވިދާޅުވީ ކުރީގެ ރައީސުންގެ ފަހަތުން ދުވަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް. އަދި ވެރިކަން ކުރައްވާ ބޭފުޅުންނަށް ޝަރަފުވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅެވެން ޖެހޭނެ ކަމަށާއި އެކަން ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި.

    ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސއްކަތް ކުރެވޭނެ ގޮތް ހަދާނެ ކަމަށާއި ފަނޑިޔާރުގެ އާރާސްތުކޮށް، ފަނޑިޔާރުން ކުރާ ހުކުމަކީ ހައްގު ހުކުމަށް ހަދަން މަގުފަހިކޮށްދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި. އަދި ވާނުވާ ބަންދަށް ނިމުމެއް ގެންނާނެ ކަމަށް ވެސް ވައުދުވެވަޑައިގަތް.

    22:17

    އިލްޔާސް ލަބީބު ވިދާޅުވީ، ކުރީގެ ރައީސުންގެ ފަހަތުން ދުވަން އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް. އަދި، ދިވެހި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށް.

    އޭނާ ވިދާޅުވީ، ވަޒީފާގެ ބިރުވެރިކަން ނައްތައިލާ، މިނިވަންކަމާ އެކު ވަޒީފާ އަދާ ކުރެވޭނެ މާހައުލެއް ހޯދައިދެއްވާނެ ކަމަށް.

    އިލްޔާސް ވިދާޅުވީ، ފަރުދީ ތަނަވަސްކަން އިތުރު ކުރުމަށް އޭނާގެ ވެރިކަމުގައި ފުރުސަތު ދެއްވާނެ ކަމަށް.

    ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު --- ފޮޓޯ/ ވަގުތު
    22:17

    ފާރިސް ވިދާޅުވީ އޭނާ އިސްވެ، ރައީސް ޞާލިޙްގެ މައްސަލައެއް ނުބަލާނެ ކަމަށް.

    އިލްޔާސް ލަބީބް

    އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް އެއްވެސް ކުރީގެ ރައީސެއްގެ ފަހަތުން ދުވާކަށް.
    ފާރިސް މައުމޫން

    އަޅުގަނޑުމެންގެ މިތާ ވަގުތު ހޭދަ ކުރަން ޖެހޭނީ އަޅުގަނޑުމެންގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން. އަޅުގަނޑުމެންގެ ވެރިކަމުގައި އެ ބާރުތައް ދޫކޮށްލާނަން. ޝަރުއީ ނިޒާމް މިނިވަން ކުރާނަން.
    22:13

    ފާރިސް ވިދާޅުވީ، ޖިނާޢީ ޢަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށް. އެކަމަކު، އެއްވެސް ސަރުކާރަކަށް އެ ކަން ބަދަލު ނުކުރެވުނު ކަމަށް.

    އޭނާ ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވައިފި ނަމަ ކޯޓުތައް މިނިވަން ކުރާނެ ކަމަށް. އަދި، ސިޔާސީ ނުފޫޒުން ޝަރުޢީ ނިޒާމު މިނިވަން ކުރާނެ ކަމަށް. އޭނާ ވިދާޅުވީ، ދިވެހީންނަކީ ސިޔާސީ ބޭފުޅުންގެ ޝޯކޭސް ބަލަން ތިބި ބައެއް ނޫން ކަމަށް.

    22:12

    ގާސިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާއަށް އަނިޔާވެރިވެފައިވާ ކަމަށް. އޭރު އޭނާގެ ޝަރީއަތް ހިންގީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ގާސިމް ތުހުމަތު ކުރެއްވި.

    ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް --- ފޮޓޯ/ ވަގުތު
    ޑރ. މުހައްމަދު މުއިއްޒު

    އެއްވެސް ބޭފުޅަކު ގާނޫނާ ހިލާފަށް ރައީސް ޔާމީންގެ ވެރިކަމުގައި ބަންދު ކުރެވިފައެއް ނުވާނެ،
    ޑރ. މުހައްމަދު މުއިއްޒު

    ރާއްޖޭގައި އޮތް ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނާނެ. މިހާރު މި ފެންނަ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނާނެ،
    22:10

    މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަނީ އިސްލާމް ދީނުގައި އޮންނަ ގޮތަށް ކަންތައް ކުރަން ކަމަށް އަދި ދީނުގައި އޮންނަ ގޮތަށް އަދުލުވެރިކަމާ އެކު ވެރިކަން ކުރައްވާނެ ކަމަށް. މުއިއްޒުގެ ވެރިކަމުގައި ފެންނާނީ އަދުލުވެރިކަން ކަމަށާއި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވި.

    ރައިސް އިބްރާހިމް މުހައްމަދު ޞާލިޙް

    އެ މަނިކުފާނުގެ [ޔާމީން] މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމެއްގައި އައި ހުކުމެއް ނޫން،
    22:07

    ރައީސް ޞާލިޙް ވިދާޅުވީ 2012 ގައި އެމްޑީޕީގެ ވެރިކަން ވެއްޓުމަށް ފަހު ދެން އައި އެންމެ ބިރުވެރި ނާމާން ކަޅު ދުވަސްތައް ކަމަށް. ދައުލަތުގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުން އަދި ސިޔާސީ ބޭބޭފުޅުން ޖަލަށް ލެއްވި ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ، 2018ގެ ފަހުން މިއަދު އެކަން ބަދަލުވެފައިވާ ކަމަށް. އެއްވެސް މީހަކު އެއްވެސް ސިޔާސީ މައްސަލައެއްގައި ބަންދުކުރެވިފައި ނޯންނާނެ ކަމަށް.

    22:07

    ޒަމީލް ވިދާޅުވީ، ސިޔާސީ ނިޒާމުގެ ތެރެއިން ބިރުވެރިކަން ފިލައިގެން ނުދާ ކަމަށް އެހެންވެ، ސިޔާސީ މަސްރަހު އިސްލާހު ކުރަން ޖެހޭ ކަމަށް. ވީމާ މީހުން ހޭލުންތެރިކޮށް، ސިޔާސީ ބަދަލެއް އަންނަ އިރަށް ބިރު ގަންނަން ނުޖެހޭކަން އަންގައިދޭ ކަމަށް ވިދާޅުވި.

    22:04

    އުމަރު ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފެދުނު ފަހުން ރާއްޖެ ބައިބައިވެ، ދަރީންގެ އަޚްލާގު ގެއްލިއްޖެ ކަމަށް. އަދި، އެ ކަމުން އެއްވެސް ފައިދާއެއް ނުކުރާ ކަމަށް.

    އޭނާ ވިދާޅުވީ، ސިޔާސީ ނިޒާމު އައިސްގެން ފައިދާވީ، ސިޔާސީ ބޭފުޅުންނަށް ކަމަށް. ކޮރަޕްޝަން ސާބިތުވެއްޖެ ނަމަ، ކޮންމެ ބޭފުޅަކަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި.

    އުމަރު ވިދާޅުވީ، ސިޔާސީ މީހަކަށްވީތީ ކުށް ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް.

    އުމަރު ނަސީރު

    ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވެގެން ޖަލަށް ލާން ނުޖެހޭ. އަޅުގަނޑަކަށް ހިއެއް ނުވޭ ފަހަކަށް އައިސް ސިޔާސީ ޚިޔާލު ތަފާތުވުމުގެ ސަބަބުން ޖަަލަށް ލާފައިވާހެން.
    މުހައްމަދު ނާޒިމް

    ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ޖެހޭނެ. އެކަމަށް އިންޑިއާ ސަރުކާރުން އޮތީ އެއްބަސްވެފައި. އެކަން ކުރަން މި ސަރުކާރަކަށް ނުކެރުނު،
    22:01

    ނާޒިމް ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖޭގައި އެބަ ތިބި ކަމަށް.

    އޭނާގެ ސަރުކާރެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލާނެ ކަމަށް އޭނާ ވިދާޅުވި. އެކަމަކު، ބޭރުގެ ދޭދޭ ގައުމުތަކާ މެދުގައި އޮންނަން ޖެހޭ އަސްކަރީ ގުޅުންތައް ވެސް ބާއްވާނެ ކަމަށް އޭނާ ވިދާޅުވި.

    އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް --- ފޮޓޯ/ ވަގުތު
    ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބެއްލެވުމަށްޓަކައި ރައީސް މައުމޫންގެ ދެ ކަނބަލުން --- ފޮޓޯ/ ވަގުތު
    ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބެއްލެވުމަށް މިނިސްޓަރު މާރިޔާ، މިނިސްޓަރު ޝާހިދު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ އެކު --- ފޮޓޯ/ ވަގުތު
    ރިޔާސީ ކެންޑިޑޭޓުންގެ ބަސް ބެލުމަށްޓަކައި ހާޒިރުވެ ތިބި މީހުން --- ފޮޓޯ/ ވަގުތު
    ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބެއްލެވުމަށްޓަކައި ވަނީ ހާޒިރުވެފައި --- ފޮޓޯ/ ވަގުތު
    22:00

    ގާސިމް ވިދާޅުވީ، ބޭރުގެ ސިފައިން ތިބޭ ނަމަ ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގައިގެން އެކަން ފާސްކުރަން ޖެހޭނެ ކަމަށް.

    21:59

    ހަމަހަމަކޮށް ވަގުތު ނުލިބޭ ކަމަށް ވިދާޅުވެ ފާރިސް ނުރުހުން ފާޅުކުރައްވައިފި. އަދި ވަކި އެޖެންޑާއެއް އޮތްތޯ ބަހުސްގެ އެމްސީ ގާތު އައްސަވައިފި.

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    އުތުރުތިލަފަޅަކީ ރާއްޖޭގެ މިލްކެއް. އިންޑިއާގެ ހިލޭ އެހީގައި ހަދައިދޭ ތަނެއް.
    21:57

    އެއްވެސް އެގްރީމެންޓެއްގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަހަލަ ކަމެއް ނޯންނާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި.

    21:55

    އިލްޔާސް ލަބީބު ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ނަމަ އެކަން ވެސް ސާފުކޮށް އެނގެން ޖެހޭ ކަމަށް. އެހެން އެއްވެސް ގައުމަކަށް ރާއްޖޭގެ އެއްވެސް ކަމަކަށް ބާރެއް ނުފޯރުވޭނެ ކަމަށް.

    21:54

    ފާރިސް ވިދާޅުވީ، ދިވެހިރާއްޖޭގައި ހިނގަން ވާނީ ރާއްޖޭގެ ބާރު ކަމަށް. އަދި، ރާއްޖޭގެ އެއްވެސް ތަނެއްގައި ބޭރުގެ ބައެއް ތިބި ނަމަ ޑިޕޮލޮމެޓިކަލީ ވަރަށް ރީތިކޮށް އެކަން ކުރާނެ ކަމަށް.

    އޭނާ ވިދާޅުވީ، ގައުމުގެ ސިޔާދަތާއި އިސްތިގްލާލުގެ ވާހަކަދައްކާއިރު ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލައިގެން ނުވާނެ ކަމަށް. އަދި، ވިޔަފާރިއާއި މުޅި އިގްތިސާދު އެހެން ބައެއްގެ އަތްމައްޗަށް ދޫވެގެން ދިއުމަކީ އަޅައިނުލާ ތިބެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި.

    21:54

    ފާރިސް ވިދާޅުވީ ބޭރުގެ ސިފައިން ތިބެއްޖެއްޔާ ފައިބަން އަންގާނެ ކަމަށާއި ފައިބަން ދެކޮޅު ހަދައިފި ނަމަ އެއީ "އެކްޓް އޮފް ވޯ"އެއް ކަމަށް.

    21:52

    ގާސިމް ވިދާޅުވީ، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމައިނުލާ އެއްވެސް ބޭރުގެ ގައުމެއްގެ ސިފައިންނަށް ނުތިބޭވެނެ ކަމަށް. މި ސަރުކާރު ބޮޑު ތަނުން ގާނޫނު އަސާސީއާ ޚިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    އެެއްވެސް ބޭރު ގައުމަކުން އެއްވެސް ފައިސާއެއް އަޅުގަނޑުމެންނަކަށް ނުލިބޭ
    21:51

    ރައީސް ޞާލިޙް ވިދާޅުވީ، އުތުރުތިލަފަޅަކުގެ އެއްބަސްވުމަކީ އެއްވެސް ނުރައްކަލެއް އޮތް އެއްބަސްވުމެއް ނޫން ކަމަށް.

    އެ މަނިކުފާނު ވިދަޅުވީ، އެއްވެސް ބޭރުގެ ގައުމަކުން އެއްވެސް ފައިސާއެއް ކެމްޕޭނަށް ނުލިބޭ ކަމަށް.

    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް --- ފޮޓޯ/ ވަގުތު
    21:51

    މުއިއްޒު ވިދާޅުވީ ފުރަތަމަ ކަމަކަށް ކުރާނެ ކަމަކީ އުތުރުތިލަފަޅު އެއްބަސްވުމުގެ ޓާމްސް ބެލުން ކަމަށާއި އުތުރުތިލަފަޅު "ސަލާމަތް ކުރުން" ކަމަށް.

    ޑރ. މުހައްމަދު މުއިއްޒު

    ބޭރުގެ ސިފައިން ފޮނުވާލަން ޖެހޭ. އެއީ ނޮން ނެގޯޝިއެބަލް ކަމެއް،
    ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު --- ފޮޓޯ/ ވަގުތު
    އިބްރާހިމް މުހައްމަދު ޞާލިޙް

    މިލިޓަރީ މަސައްކަތެއް ކުރަން، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް ނެތް. ކުރިއަކު ވެސް ނެތް. މިހާރަކު ވެސް ނެތް،
    21:47

    ރައީސް ޞާލިޙް ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މިލިޓަރީ މަސައްކަތެއް ކުރަން މިހާރަކު ވެސް އަދި ކުރިއަކުން ވެސް ނުތިބޭ ކަމަށް. އެކަމަކު، ފަރިތަކުރުންތަކާއި އެކްސަޒައިޒްތަކަށް އެކި ގައުމުތަކުގެ ސިފައިން ހަރަކާތްތެރިވާ ކަމަށް.

    21:47

    މުއިއްޒު ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް. އަދި އެ ސިފައިން ތިބީ ޓްރެއިނިންއެއްގައި ނޫން ކަމަށާއި ރާއްޖޭގެ މަސްކަނޑުގެ ބޮޑުބައެއް ގެއްލިގެން ދިޔައީ ބޭރުގެ ސިފައިން ތިބުމުން ކަމަށް ވެސް މުއިއްޒު ތުހުމަތު ކުރެއްވި. ބޭރުގެ ސިފައިން ތިބީ "ނަން ނެގޯޝިއެބުލް" ކަމެއް ކަމަށް މުއިއްޒު ވިދާޅުވި.

    21:45

    ޒަމީލް ވިދާޅުވީ، ދިވެހީންނަށް ނުރައްކާވާ ގޮތަކަށް އިންޑިއާ ސިފައިން އޮޕަރޭޓުވާތަން ނުފެންނަ ކަމަށް. އަދި، އިންޑިއާ ސިފައިން ތިބެގެން ގައުމީ ސަލާމަތަށް ނުރައްކާނުވާ ކަމަށާއި ރާއްޖޭގައި ތިބީ ހަމައެކަނި އިންޑިއާ ސިފައިން ނޫން ކަމަށް.

    އޭނާ ވިދާޅުވީ، ނެޝަނަލް ސެކިއުރިޓީއަށްޓަކައި ކުރަން ހުރީ އިތުރު މަސައްކަތްތަކެއް ކަމަށް.

    އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ޒަމީލް --- ފޮޓޯ/ ވަގުތު
    އުމަރު ނަސީރު

    އިންޑިއާ ސިފައިން ބޭލޭނީ، އަތުގައި ހިފައިގެން ގޮސް ހެލިކަޕްޓަރަށް އަރުވަން ޖެހޭނީ
    އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު --- ފޮޓޯ/ ވަގުތު
    21:43

    އުމަރު ނަސީރު ވިދާޅުވީ، ފާއިތުވި ތިން ސަރުކާރުގައި ވެސް ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް. އެއީ، މި ފަހުން ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި.

    މި ސަރުކާރުން އައިސް، މިނިވަންކަން ވިއްކާލާފައިވާ ކަމަށް އުމަރު ވިދާޅުވި. އޭނާ ވިދާޅުވީ، އިންޑިއާ ފަސްޓު ޕޮލިސީ އޮވެގެން، އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް.

    އުމަރު ނަސީރު

    އަޅުގަނޑުގެ ސިޔާސަތަކީ އިންޑިއާ ފަސްޓެއް ވެސް ނޫން. ޗައިނާ ފަސްޓެއް ވެސް ނޫން. އަޅުގަނޑުމެންގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް،
    21:37

    އުމަރު ނަސީރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ޚާރިޖީ ސިޔާސަތުގެ ކޮންޓްރޯލް ގެއްލިއްޖެ ކަމަށް. އަދި، ޗާގޯސް މައްސަލައިގައި ދިވެހި ކަނޑުން ބައެއް ގެއްލުމުގައި ވެސް އިންޑިއާގެ އަތެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި.

    21:36

    ޒަމީލް ވިދާޅުވީ ޚާރިޖީ ސިޔާސަތަށް ބަލާއިރު މި ސަރުކާރުގެ ސްޓޭންޑް ވެސް ކުރީގެ ސަރުކާރުގެ ސްޓޭންޑުވެސް ރަނގަޅު ކަމަށް. ވަކި ގައުމަކާ މާތް ގާތްވުމުގެ ތަޖުރިބާ ދެ ސަރުކާރުން ލިބުނު ކަމަށް އޭނާ ވިދާޅުވި.

    21:34

    ޒަމީލް ވިދާޅުވީ، އިންޑިއާއާ ނުވަތަ ޗައިނާއާ ވަކި ގާތް ގުޅުމެއް ބޭއްވުމުގެ ވިސްނުމެއް ނެތް ކަމަށް.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    ޗައިނާއާ އެކީގައި އޮތް ގުޅުން ވަރަށް ރަނގަޅު. މިހާރު ވެސް ވަރަށް ބައިވަރު އެހީތައް ޗައިނާއިން އެބަ ލިބޭ،
    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހާއި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒު ސަލާން ކުރައްވަނީ --- ފޮޓޯ/ ވަގުތު
    21:32

    ރައީސް ޞާލިޙް ވިދާޅުވީ އެ މަނިކުފާނުގެ ޚާރިޖީ ސިޔާސަތު މިހާރު ވެސް ބައްޓަން ކޮށްފައި އޮންނާނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް.

    އެ މަނިކުފާނު ވިދާޅުވީ، އިސް އުފުލޭ ޚާރިޖީ ސިޔާސަތެއްގެ ދަމަހައްޓަވާނެ ކަމަށް. އިސްވެ ލީޑު ކުރައްވާނެ ކަމަށް.

    ޑރ. މުހައްމަދު މުއިއްޒު

    އަޅުގަނޑުމެން ގެންގުޅޭނީ ދިވެހިން އިސްކުރާނެ ޚާރިޖީ ސިޔާސަތެއް. ދިވެހީންނަށް ރަނގަޅު ކޮންމެ ގައުމަކާ ގުޅުން ބާއްވާނަން،
    21:29

    މުއިއްޒު ވިދާޅުވީ އޭނާ ވެސް އިސްކުރައްވާނީ ދިވެހީންނަށް އެންމެ ފައިދާ ބޮޑު ޚާރިޖީ ސިޔާސަތު ކަމަށް. ދިވެހިންގެ ވަށާފާރު މަތިން ނާރާހާ ހިނދަކު ހުރިހާ ގައުމަކާ ވެސް ގުޅުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވި

    ދިވެހީންގެ އަމިއްލަވަންތަކަން ދެއްކި، އަދި އަމިއްލަ ފަރުދުންނަށް ފައިދާވާނެ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް އޭނާ ވިދާޅުވި.

    21:28

    ގާސިމް ވިދާޅުވީ، އޭނާ ވެސް ތަންފީޒު ކުރައްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިބްރާހިމް ނާސިރު ވެސް ގެންގުޅުއްވި ޚާރިޖީ ސިޔާސަތު ކަމަށް.

    އޭނާގެ އެންމެ މުހިއްމު ޚާރިޖީ ސިޔާސަތަކީ ދިވެހީންނަށް އިސްކަން ދިނުން ކަމަށް އޭނާ ވިދާޅުވި. އެންމެ ފުރަތަމައަށް ވެސް ދެވަނައަށް ވެސް އަދި ތިންވަނައަށް ވެސް އޮންނާނީ ދިވެހީން ކަމަށް ގާސިމް ވިދާޅުވި.

    21:26

    ފާރިސް ވިދާޅުވީ، ދާޚިލީ ކަންކަމުގައި ބޭރުގެ ގައުމުތަކުގެ އެހީ ހޯދުމަކީ ގައުމަށް ރަނގަޅު ކަމެއް ނޫން ކަމަށް.

    އޭނާ ވިދާޅުވީ، ޚާރިޖީ ކަންތައްތައް ބައްޓަން ކުރަން ޖެހޭނީ، އިސްރާއީލް ފިޔަފާ ދުނިޔޭގެ ހުރިހާ ގައުމުތަކާ ވެސް ގުޅުން ބަދަހި ކޮށްގެން ކަމަށް. އަދި، ދުނިޔޭގެ ފެންވަރުގައި ވެސް އަދި ސަރަހައްދީ ފެންވަރުގައި ލީޑާޝިޕް ރޯލެއް ރާއްޖޭން ދައްކަން ޖެހޭ ކަމަށް.

    އިލްޔާސް ލަބީބު

    ޗާގޯސް މައްސަލަ އަނބުރާ ގެންދާނަން. ވިއްކާލި ކަނޑު އަނބުރާ ހޯދާނަން،
    އިލްޔާސް ލަބީބް ---
    21:24

    އިލްޔާސް ލަބީބު ވިދާޅުވީ، އޭނާގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ދިވެހި ރައްޔިތުންގެ ފަރުދީ ތަނަވަސްކަން އިތުރު ކުރެވޭނެ ގޮތަކަށް ކަމަށް.

    އޭނާ ވިދާޅުވީ، އެމްބަސީތަކުގައި މަސައްކަތް ކުރާ މީހުން މަދުކޮށް، މަސައްކަތް ވަރުގަދަ ކުރާނެ ކަމަށް. އަދި، ވިއްކާލި ކަމަށް ބުނާ ކަނޑުގެ ބައި އަނބުރާ ހޯދާނެ ކަމަށް އޭނާ ވިދާޅުވި.

    21:22

    ނާޒިމް ވިދާޅުވީ އޭނާގެ ޚާރިޖީ ސިޔާސަތަކީ ދިވެހިން ފުރަތަމަ ކަމަށް. އެންމެންގެ ފަރާތުން ދިވެހީންނަށް ލިބޭ މަންފާ އިތުރު ކުރާނެ ކަމަށް. އަދި، ރާއްޖެއަކީ އިގްތިސާދީ ގޮތުން މިނިވަން ގައުމަކަށް ހަދާނެ ކަމަށް.

    އޭނާ ވިދާޅުވީ، ކުދި ގައުމުތަކުގައި ހައްގުގައި މަސައްކަތް ކުރާ އަދި ދިވެހީންގެ ހައްގުގައި މަސައްކަތް ކުރާ ގައުމަކަށް ހަދާނެ ކަމަށް.

    21:19

    އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަރަނި ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް. އަދި، ދެ އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓު ނިންމައި، ނުނިމި ހުރި ރިސޯޓުތައް ނިންމާނެ ކަމަށް.

    އޭނާ ވިދާޅުވީ، އިންފޮމޭޝަން ޓެލްނޮލޮޖީއާއި އެޑިއުކޭޝަން އިންޑަސްޓްރީއަކަށް ހަދާނެ ކަމަށް.

    އިލްޔާސް ލަބީބު

    މި އަންނަނީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑު ކުރި ޓެކްސް އަލުން ކުޑަކުރަން،
    ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ތެރެއިން-- ފޮޓޯ: ވަގުތު
    21:17

    ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވީ، ދައުލަތުން 2026 ވަނަ އަހަރު ދެ ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް. އެ ކަމެއް މި ސަރުކާރަކަށް ނުވާނެ ކަމަށާއި އެ ކަން ހައްލު ކުރެވޭނީ އޭނާއަށް ކަމަށް އިލްޔާސް ވިދާޅުވި.

    އޭނާ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދަރަނި ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް.

    އަހުމަދު ފާރިސް މައުމޫން

    ރިގްރެސިވް ޓެކްސްތައް ކުދިކޮށް، އުވައިލާނަން،
    21:15

    އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން ވިދާޅުވީ، ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް. އަދި، އިގްތިސާދު ސިންދަފާތުކޮށް، މިހާރު ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ހުއްޓައިލާ ކޮރަޕްޝަންގެ ގޮތުގައި ދައުލަތަށް ގެއްލެމުންދާ ފައިސާ ނުގެއްލޭނެ ގޮތެއް ހޯދާނެ ކަމަށް.

    އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ފާރިސް މައުމޫން --- ފޮޓޯ/ ވަގުތު
    ގާސިމް އިބްރާހިމް

    އިތުރު ޓެކްސްއެއް ނުނަގައިނަން. އެކަމަކު، ޓެކްސްގެ ނިޒާމު ހާމަނައިޒް ކުރާނެ ވާހަކަ އަޅުގަނޑު މި ދެންނެވީ،
    ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް --- ފޮޓޯ/ ވަގުތު
    21:13

    ޖުމްހޫރީ ޕާޓީގެ ރިޔާސީ ގާސިމް އިބްރާހިމް ވިދާޅުވީ، 2026 ވަނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ހިލޭ އެހީގެ ގޮތުގައި ހޯދާނެ ކަމަށް. އަދި، އާމްދަނީ އިތުރު ކޮށްގެން ބާކީ ބައި ހޯދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި.

    ޑރ. މުހައްމަދު މުއިއްޒު

    އިތުރު ޓެކްސްއެއް ނުނަގާނަން. އެކަމަކު، ޓެކްސް ބޭސް ބޮޑު ކުރާނަން
    ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ/ ވަގުތު
    21:13

    ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދައުލަތުގެ ދަރަނި މިހާރު މިއޮތީ އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް. އަދި، ފައިސާ ޕްރިންޓު ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި ނޫން ނަމަ އިގްތިސާދީ ހޭރިޔާ ވެގެންދިއުން ނުހުއްޓުވޭނެ ކަމަށް.

    ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

    އިތުރު ޓެކްސްއެއް ތައާރަފު ކުރާކަށް އަޅުގަނޑުމެން އަދިއެއް ނުވިސްނަން
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބަހުސްގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ވަގުތު
    21:09

    އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ބައެއް ދަރަނިތައް ފަސް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް. އަދި، ސޮވެރިން ޑިވޮލޮޕްމަންޓު ފަންޑު އިތުރަށް ބޮޑު ކުރައްވާނެ ކަމަށް.

    ރައީސް ވިދާޅުވީ، ދަރަނިތައް ދެއްކެވުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް.

    21:08

    އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ހަސަން ޒަމީލް ވިދާޅުވީ، ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ބޭކާރު ޚަރަދުތައް ހުއްޓައިލަން ޖެހޭ ކަމަށް.

    އޭނާ ހިންގަން ނިންމާފައިވާ ކަންކަން ކުރިއަށް ގެންދާނީ މިހާރު ކުރަމުންދާ ބޭކާރު ޚަރަދުތައް ހުއްޓައިލާ އާ ޓެކްސްތައް ތައާރަފު ކޮށްގެން ކަމަށް އޭނާ ވިދާޅުވި

    އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޒަމީލް (މ) --- ފޮޓޯ/ ވަގުތު
    21:05

    ބަހުސްގައި ވާހަކަދައްކަވަމުން އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވީ "ރައްޔިތުން ޅޮސް އުނދޯއްޔަށް" އަރުވާ ކަހަލަ ވައުދުތައް ނުވާ ހަމައެކަނި ކެންޑިޑޭޓަކީ އޭނާ ކަމަށް.

    އެހެންވެ، އެފަދަ ވައުދުތައް ހުއްޓައިލާ، ރާއްޖެ ދަތުރުކުރަމުންދާ މިސްރާބު މުޅިން ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި.

    އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް ދަރަނިތައް ދެއްކޭނީ، މިހާރު ދަތުރުކުރަމުންދާ މިސްރާބު ބަދަލުކޮށްގެން ކަމަށް. އަދި، ދައުލަތުގެ ދަރަނި ދައްކަން ޓެކްސް ބޮޑު ނުކުރާނެ ކަމަށް.

    އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު ރިޔާސީ ބަހުސް އޮންނަ ބިލަބޮން ސްކޫލަށް ވަޑައިގަންނަވަނީ --- ފޮޓޯ/ ވަގުތު
    21:00

    ބަހުސް ބެއްލެވުމަށް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ހާޒިރުވެ އެބަ ތިއްބެވި. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނިވަޑައިގަންނަވާ.

    20:57

    ރިޔާސީ ކެންޑިޑޭޓުންގެ ސަންގު ބަހުސް ކުރިއަށްގެންދަނީ ސަންގު ޓީވީ އާއި ގައުމީ ޔުނިވާސިޓީ އާއި ޕީއެސްއެމާ ގުޅިގެން