ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރަނީ ދިވެހި ރައްޔިތުން ޖޫރިމަނާކޮށްގެން ކުރާ ކެމްޕެއިނެއް ކަމަށާއި، ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިނަކީ ޕާޓީގެ މެންބަރުންނާއި ރައްޔިތުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރާ ކެމްޕެއިނެއް ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް، ޕީއެންސީން މިހެން ބުނީ އެމްޑީޕީން ރޭ ބޭއްވި "އުފާވެރި މާލެ" ކެމްޕޭން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވަމުންނެވެ. އެ ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ މަގުތަކުން ޕާކިން ސްލޮޓް ވިއްކައިގެން، ލިބޭ ފައިސާ ބޭނުންކޮށްގެން ކެމްޕޭން ކުރުމުގެ ފުރުސަތު ޑރ. މުއިއްޒަށް ނުލިބޭނެ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން ތަރުޖަމާނު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، މާލޭގެ ޕާކިން މައްސަލައަކީ މިއަދު އުފަންވި މައްސަލައެއް ނޫންކަމަށާއި އެއީ ވަރަށް ކުރިންސުރެ ވެސް އޮތް މައްސަލައެއްކަމަށެވެ. އަދި އެކަން ހައްލުކުރުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި، ޑރ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގެ ދުވަސްވަރު ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާކިން ސްޓްރަކްޗާތަކެއް މާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވޭ. ރައީސް ޔާމީންގެ ދައުރުގެ ފަހުކޮޅުން ފެށިގެން ހުންނާނެ. އެތަންތަން އޮޕަރޭޝަނަށް ނުގެނެވި މި ސަރުކާރު ނިމިގެން މިދަނީ. އެތަންތަން އޮޕަރޭޝަނަށް ނުގެނެވުމުގެ ސަބަބުން ސިޓީ ކައުންސިލުން މޭޔަރު ކަމަށް ވަޑައިގެންފަ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް މަޖުބޫރުވީ މާލޭގެ މަގުތަކުން ޕާކިން ސްލޮޓްތައް ވިއްކަން،" މުއާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު ވިދާޅުވީ، ޑރ. މުއިއްޒަށް އެގޮތަށް އެކަން ކުރަައްވަން ޖެހިވަޑައިގަތީ އެއީ މި ސަރުކާރުން ޕާކިން ބިލްޑިންތަކެއް ހަދަން ހުއްދަ ނުދިނުމުން ނުވަތަ އެކަން ކުރަން ފުރުސަތު ނުދިނުމުން ކަމަށެވެ.

މި ސަރުކާރުން އެއްވެސް ވަރަކަށް އެކަން ކުރަން ބޭނުންނުވާކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވީ، ޕާކިން މައްސަލައަށް ހައްލެއް ނުގެނެސް ސްޓިކާ ނުޖަހާނަމޭ ބުނީ ވެސް ރައީސް ޞާލިޙުކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ މުޅި ސިޔާސަތަކީ ރައްޔިތުންނާއި ޒުވާނުން "ފެލައިގެން"، ސައިކަލުތަކާއި ވެހިކަލްތަކުގަ ސްޓިކާ ޖަހައިގެން އޭގެން ލިބޭ ފައިސާއިން ވެރިކަން ހިންގުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ މި ސަރުކާރުން ކެމްޕެއިން ކުރަނީ ރައްޔިތުން ޖޫރިމަނާކޮށްގެން ހޯދާ ފައިސާއިން. އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓް ނުޖެހޭނެ ޕާކިން ސްލޮޓްތައް ވިއްކައިގެން ފައިސާ ހޯދައިގެން އެކަން ކުރާކަށް،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ އިދިކޮޅުން ކެމްޕެއިން ކުރަނީ، ދިވެހި ރައްޔިތުންގެ އަމިއްލަ ޖީބުން ކަމަށެވެ.

"ސީދާ އެ ރަށެއްގެ ބަޔަކު ކެމްޕެއިން ޓީމް އަމިއްލައަށް ޗަންދާ ނަގައިގެން ނޫޑްލްސް ގަތަސް، ކެމްޕެއިނަށް ބޭނުންވާ ފޮތިކޮޅެއް ގަތަސް، އެހެންކަމެއް ކުރަންވިޔަސް އަމިއްލައަށް ޗަންދާ ނަގައިގެން ކުރަމުން އެގެންދަނީ،" މުއާޒު ވިދާޅުވިއެވެ.

"މި ކެމްޕެއިންކީ ސީދާ ދެޕާޓީގެ މެންބަރުންނާ ޖުމްލަކޮށް ދިވެހި ރައްޔިތުން ކުރަމުންގެންދާ ކެމްޕެއިން. ދިވެހި ރައްޔިތުން މިކަމަށް ފައިސާ ހޯދަނީ. ދިވެހި ރައްޔިތުންގެ އަމިއްލަ ޖީބުތަކުން މިކަން ކުރަމުން މިދަނީ،" މުއާޒް ވިދާޅުވިއެވެ.