10 May 2012, 09:23
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އިރު އެއްވެސް މަޖުބޫރުކަމެއް އޮތް ކަމަކަށް ވިދާޅެއް ނުވެ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހުން ފެށިގެން ވިދާޅުވަމުން ގެންދަވަނީ ވެރިކަމުން އިސްތިޢުފާދެއްވީ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުއްސަނދި މަހުޖަނުން ރާވައިގެން، ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ހިންގި ބަޣާވާތަކުން ކަމަށެވެ. އެހާހިސާބުން ފެށިގެން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ބޮލުގައި ބާޣީންގެ ލަގަބު އެމަނިކުފާނާއި އެމްޑީޕީން އެޅުވި އެވެ.
ރައީސް ނަޝީދުގެ އިސްތިއުފާގެ ޚަބަރު ދުނިޔޭގެ ފަލަ ސުރުހީތަކަށް ބަދަލުވި އެވެ. އަދި ވެރިކަމުން އިސްތިއުފާދެއްވި ސަބަބު ރައީސް ނަޝީދު ބޭރުގެ މީޑިއާތަކަށް ވިދާޅުވެދެއްވަމުން ގެންދެވި އެވެ. ރައީސް ނަޝީދުގެ ގިނަ އިންޓަވިއުތަކުގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައީސް ކަމުން އިސްތިއުދެއްވީ ސިޔާސީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ގެނައި އިންގިލާބަކުން މަޖުބޫރުވެވަޑައިގެނެވެ. އަދި އެބަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ރައީސް ނަޝީދު ގެންދެވީ ސިފަކުރައްވަމުންނެވެ.
އެމްޑީޕީން ރައީސް ވަހީދުގެ ސަރުކާރަކީ ބަޣާވާތަކުން ގެނައި ބާޣީ ސަރުކާރެއް ކަމަށް ބުނެ، އަޑު އުފުލަމުންގެންދާއިރު ގައުމީ ދިފާއީ ބާރުތައް ބަގާވާތް ހިންގި ކަމަށް އެމްޑީޕީން ބުނާ ސިޔާސީ ލީޑަރުންނަށް ވިކިފައިވާ ކަމަށް ބުނެ ސަލާމަތީ ބާރުތައް ބާޣީންގެ ގޮތުގައި ލޭބަލްކުރި އެވެ.
ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު، ރައީސް ނަޝީދު އޭއެފްޕީ އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ރޭވިގެން އައި އިންގިލާބެއްގައި މަޖުބޫރުވެވަޑައިގެން ކަމަށާއި އެ އިންގިލާބުގެ މައުލޫމާތު ޑރ. މުހައްމަދު ވަހީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހިސާބުން އެމްޑީޕީން ރައީސް ވަހީދަކީ ބާޣީއެއް ކަމުގައި ނިންމި އެވެ.
ވެރިކަން ބަދަލުވިފަހުން އެމްޑީޕީން ފޯރިއާއެކު އަވަސް އިންތިހާބަކަށް ގޮވާލާ މާލެތެރޭގައި ކުރަމުން ގެންދާ މުޒާހަރާތަކުގައި ވެސް އެންމެ ހަރުކޮށް އެންމެ ބާރަށް އިވޭ އެއް އަޑަކީ "ބާޣީ" ސަރުކާރެއް އަޑެވެ. ނޫނީ "ބަޣާވަތް" ގެނައި ލީޑަރުންތަކެއްގެ ވާހަކަ އެވެ.
ރައީސް މައުމޫން އަޑީގައި ހުންނަވައިގެން ސިޔާސީ އިދިކޮޅު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން ކޮޅެއް ރާވައިގެން ގެނައި ބަޣާވާތެއްގެ ގޮތުގައި އެމްޑީޕީން މިސަރުކާރު ސިފަކުރަމުން ގޮސް، ގައުމީ ދިފާއީ ބާރުތަކަށް އެ ލަގަބު ވަނީ ލިބިފަ އެވެ. އެހާ ހިސާބުން އެލިސްޓަށް އިތުރުވާން ހުރި ނަންތައް ނިމުނީ ކަމުގައި ބައެއް ފަރާތްތަކުން ގަބޫލްކުރި އެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބް ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރި ތަނެވެ. އެހިސާބުން ފެށިގެން އެބޭފުޅުނަށް ވެސް ބާޣީންގެ މަގާމު އެމްޑީޕީން ދިނެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވާން ދިމާވި ސަބަބު ކަމަށް އެމްޑީޕީން ބުނާ އިންގިލާބް ނުވަތަ ބަޣާވާތް ގެނައުމުގެ އެންމެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމުގައި އެމްޑީޕީން މިހާތަނަށް ބުނަމުންގޮސް، ކުއްލިއަކަށް އިވިގެން ދިޔައީ ބަޣާވާތުގެ އެންމެ އަޑީގައި ހުރީ އިންޑިޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑީ އެމް މުލޭ ކަމަށް އެމްޑީޕީ ކުރި ތުހުމަތުގެ އަޑެވެ.
ރައީސް ނަޝީދު މިދިޔަ މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ "އޯޕަން" މަޖައްލާ އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ވަގުތީ ޗެއާޕަސަން ރީކޯ މޫސާ މަނިކު ވިދާޅުވެފައިވާ ގޮތުގައި އިންޑިޔާގެ ހައިކޮމިޝަނަރު މުލޭ ބޭނުންވެލެއްވީ އެމަނިކުފާނާ ގާތްގުޅުމެއް އޮންނަ ވިޔަފާރި ކުންފުންޏަކަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށެވެ. އެފުރުސަތު ލިބިވަޑައިނުގަތުމުން މުލޭ އޭރު އޮތް އިދިކޮޅު ޕާޓީތަކާ ގުޅުން ބަދަހި ކުރެއްވި ކަމުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވެފައިވެ އެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ކަންތައްތައް ވަމުން ދިޔަ ގޮތް އިންޑިޔާގެ ސަރުކާރާ ހިއްސާކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން މުލޭ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ވެސް މޫސަ ވިދާޅުވެފައިވެ އެވެ.
ބަޣާވާތް ގެނެއި ކަމަށް އެމްޑީޕީން ތުހުމަތުކުރާ ބޭބޭފުޅުންގެ ލިސްޓްގައި އެންމެ ފަހުން ހިމެނިވަޑައިގެންނެވި އިންޑިޔާގެ ޝަފީރު މުލޭއަކީ ރައީސް ނަޝީދުގެ އަރިހުގައި އެމަނިކުފާނު އިންޑިޔާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގައި ވެސް ބައިވެރިވެވަޑައިގެންނަވާ ބޭފުޅެކެވެ. މީގެ އިތުރުން މުލޭ އާއި ރައީސް ނަޝީދަކީ ވަރަށް ގާތްގުޅެއް އޮންނަ ދެ ރަހުމަތްތެރިންނެވެ. އެހެންނަމަވެސް މިހާރުގެ "ބާޣީ" އެކެވެ.
ބާޣީގެ ލިސްޓަށް ނަމަކަށް ފަހު ނަމެއް އަންނަނީ އިތުރުވަމުންނެވެ. ބާޣީގެ ލިސްޓް ނިމޭނީ ކިހާހިސާބަކުންބާވަ އެވެ؟