ސިންގަޕޫރުގައި މީގެ ކުރިން ބޮޑުވަޒީރުގެ ނައިބުކަން ކުރެއްވި ތަރްމަން ޝަންމުގަރަތުނަމް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ސަޕޯޓަރުންނަށް އާދަޔާ ޚިލާފު ގޮތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

ސިންގަޕޫރުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ތަރްމަން ކާމިޔާބު ކުރެއްވީ 70 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އިންކޮކް ސޮންގްއަށް 15.72 ވޯޓު ލިބުނު އިރު ތިން ވަނަ ކެންޑިޑޭޓަށް ލިބިފައި ވަނީ 13.88 ޕަސެންޓް ވޯޓެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑަށާއި އަޅުގަނޑުގެ ސިޔާސަތުތަަކަށް ދިން ވޯޓަކީ ސިންގަޕޫރަށް އިތުބާރު އޮތް ކަމަށް ދިން ވޯޓެއް، ސިންގަޕޫރުގެ ރައްޔިތުންގެ ގޮތުގައި އަޅުގަނޑުމެން ކުރިއަށް ގޮސް ތަރައްގީ ވާނެ ކަމުގެ އުއްމީދު އޮތް ކަމަށް ދިން ވޯޓެއް،" ވޯޓުގެ ނަތީޖާ އިއުލާން ކުރުމުން ތަރްމަން ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވިއެވެ.

ސިންގަޕޫރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ތަރްމަން ޝަންމުގަރަތުނަމްގެ ކެމްޕޭން ލޯގޯއަކީ އަލަނާސިއެއް. ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު ތަރްމަން ވަނީ އަލަނާސި ބައްސަވާފަ -- ފޮޓޯ/ ސީއެންއޭ

އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދު ތަރްމަން ވަނީ ގައުމުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވާ ޕެރޭޑެއް ފައްޓަވާފައެވެ. އެގޮތުން އެންމެ ފުރަތަމަ މިއަދު ވަޑައިގަތީ ތަމަން ޖުރޮންގް މާކެޓް އެންޑް ފުޑް ސެންޓާ ކިޔާ، ބާޒާރަކަށެވެ. އެއީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އޭނާ ސަޕޯޓަރުންނާ އެންމެ ފަހުން ބައްދަލުކުރެއްވި އެއް ތަނެވެ.

ތަރްމަން އެތަނަށް ވަޑައިގަތީ އޭނާގެ ކެމްޕޭންގެ ލޯގޯގެ ގޮތުގައި ބޭނުންކުރެއްވި އަލަނާސި އޭނާގެ ސަޕޯޓަރުންނަށް ބަހަން ތައްޔާރަށް ހުންނަވައިގެންނެވެ. އެގޮތުން ތަރްމަން އެ ތަނަށް ވަޑައިގަތުމުގެ ކުރިން، ގިނަ އަދަދެއްގެ އަލަނާސި ކޭސް ލޮރީތަކެއްގައި އެ މާރުކޭޓަށް ގެންދިޔަ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ފުޑް ސެންޓަރަށް ވަޑައިގެން ތަރްމަން އޭނާގެ ސަޕޯޓަރުންނާ ސަލާން ކުރައްވައި، ވާހަކަދެއްކެވިއެވެ. އަދި އޭނާގެ ޓީމުން އެ ސަރަހައްދުގައި ތިބި ސަޕޯޓަރުންނަށް އަލަނާސި ބެހުމުގައި ހަރަކާތްތެރިވިއެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓަރުގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ތަރްމަން ރިޔާސީ ކެމްޕޭން ތެރޭގައި އާންމުންނާ ބައްދަލުކުރެއްވި އިރު ވެސް، އަލަނާސި ބައްސަވާފައިވެއެވެ.

ސިންގަޕޫރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ތަރްމަން ޝަންމުގަރަތުނަމްގެ ކެމްޕޭން ލޯގޯއަކީ އަލަނާސިއެއް. ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު ތަރްމަން ވަނީ އަލަނާސި ބައްސަވާފަ -- ފޮޓޯ/ ސީއެންއޭ

ސިންގަޕޫރުގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން ރައީސަކީ މާ ގިނަ ބާރުތަކެއް ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރަސްމީ ގޮތެއްގައި ރައީސް ކުރައްވާ ކަންތައްތަކުގެ ތެރޭގައި ގައުމުގެ ރިޒާވަށް އަންނަ ބަދަލުތައް ބެއްލެވުމާއި ކޮރަޕްޝަނާ ދެކޮޅު މައްސަލަތައް ތަހުގީގުކުރަން ހުއްދަ ދެއްވުން ހިމެނެއެވެ.

ތަރްމަން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ މިމަހުގެ 14އިގައެވެ. އެހާތަނަށް އެ މަގާމުގައި ހުންނަވާނީ 2017 ވަނަ އަހަރު ހަ އަހަރުގެ ދައުރަކަށް އިންތިޚާބުވި ރައީސް ހަލީމާ ޔައުގޫބްއެވެ.