02 Sep 2023, 13:12
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023އަށް ރަޖިސްޓްރީވުމުގެ މުއްދަތު ދިރާގުން އިތުރުކޮށްފިއެވެ.
ދިރާގުން ބުނީ ރޯޑް ރޭހުގެ ރަޖިސްޓްރޭޝަން މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އާންމުންގެ އެދުމުގެ މަތިން ކަމަށެވެ.
އެ ރޭހަށް ރަޖިސްޓްރީވުން މީގެ ކުރިން އޮތީ މިދިޔަ މަހުގެ 30އަށް ނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.
މިއަހަރުގެ ރަން އޮންނާނީ އަންނަ މަހުގެ 27 ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއީ މި އިވެންޓްގެ 14ވަނަ އެޑިޝަންއެވެ.
ދިރާގުން ބުނި ގޮތުގައޮ މި ރޭހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވަލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެއް ކަމަށް ދިރާގުން ބުނެއެވެ.
މިއަހަރުގެ އިވެންޓްގައި ފުރަތަމަ ފަހަރަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެއެވެ. އަދި އައު ދުވުމުގެ ރޫޓަކާއި ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމުތަކާއެކު ތަފާތު ކުލަގަދަ ހަރަކާތްތަކެއްވެސް މިފަހަރުގެ އިވެންޓުން ފެންނާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީއެމްއާރްއާރް 2023 އަކީވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި، ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ރަޖިސްޓްރީވެ، މި އިވެންޓާ ބެހޭ އިތުރު މަޢުލޫމާތު ކުންފުނީގެވެބްސައިޓުންލިބޭނެއެވެ.