އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް އެންޓި ކެމްޕެއިން ކުރި ދެ މައްސަލައެއް މިހާތަނަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަލައިފިކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިހެން ވިދާޅުވީ، މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެންޓި ކެމްޕެއިން ކުރުމާ ގުޅިގެން ހަބީބް ވިދާޅުވީ، އެފަދަ ދެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމުން އެ މައްސަލަ ބަލާ ޖަވާބު ދީފައި ވާކަމަށެވެ. އަދި ރިޝްވަތާ ގުޅޭ މައްސަލައެއް ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއް ފޮނުވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ކަމަށް ހަބީބް ވިދާޅުވިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ެތރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ހަބީބް އެފަދައިން ވިދާޅުވިއިރު، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކެންޕޭނު ތަރުޖަމާނު މުހައްމަދު ތޮލާލް އިއްޔެ ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށާއި އެއީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން އެނގޭތީ ކަމަށް ވިދާޅުވެފައެވެ.

ހަބީބް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވޯޓުލާ މަރުކަޒުގައި ބޫތު ބަހައްޓާ ގޮތުން ވޯޓު ކަރުދާހުގެ ފޮޓޯ ނަގާ ނުވަތަ އޮޅުވާލުމުގެ ކަމެއް ހިނގާފާނޭކަމުގެ ކަންބޮޑުވުން ހިމެނޭ ކަމަށެވެ. އަދި ކުލަކުލައިން ފާހަގަ ޖެހުމާއި އެއް ފާހަގައަށް ވުރެ ގިނައިން ފާހަގަ ޖެހުމަކީ ވެސް ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

"މިއަދު ލަފާދޭ ކޮމިޓީއާ އެކީގަ ވޯޓުލާ މަރުކަޒެއް ހުންނާނެ ގޮތުގެ ނަމޫނާއެއް ދައްކާ އެ ބޭފުޅުން ވެސް އެކަން ބައްލަވާ އެކަމާ ފެނިވަޑައިގަންނަވާ ގޮތުގެ ލަފާ ދެއްވާފަ ވަނީ. ދެން ކޮމިޝަނުގެ ޖަލްސާއެއް ބާއްވާ ކޮމިޝަނުން އެކަމާމެދު ނިންމާ ގޮތެއް ނިންމާފަ އަޅުގަނޑުމެން އާންމު ކުރާނީ،" ހަބީބް ވިދާޅުވިއެވެ.

އިންތިޚާބަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކުރައްވަމުން ހަބީބް ވިދާޅުވީ، ވޯޓު ކަރުދާހާ ތަކެތި މާލެ އަތޮޅު ނޫން އެހެން ހުރިހާ އަތޮޅަކަށް ފޮނުވާ ނިމިފައިވާކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު މާލެ އަތޮޅުގެ ރަށްރަށަށް އެތަކެތި ފޮނުވާނޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

މިއަހަރުގެ ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ 282،395 މީހުންނަށެވެ. އެއީ 138،196 އަންހެނުންނާއި 144،199 ފިރިހެނުންނެވެ.