02 Sep 2023, 10:07
އަންނަ ރިޔާސީ ދައުރަށް ފަހު، ސިޔާސީ ދާއިރާއިން ރިޓަޔާކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެެވެ.
މިއަދު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގުރާމުގައި، ދެވަނަ ދައުރެއް ލިބޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ވިދާޅުވަމުން ރައީސް ވަނީ އެ ދައުރަށް ފަހު އިތުރު ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ.
"އަޅުގަނޑު ސިޔާސީ މަސައްކަތުން ރިޓަޔާ ކުރާނަން. ސިޔާސީ އިތުރު މަސައްކަތެއް މި ދައުރަށް ފަހު އަޅުގަނޑުގެ ނޯންނާނެ," ރައީސް ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގެން ނަމަވެސް، ހިލޭ ސާބަހަށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދުވަސްކޮޅަކު ހުންނެވުމަށް ވިސްނަވާ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ ކެމްޕޭން ފެއްޓެވި އިރު ކޯލިޝަންގައި ތިބީ 78،000 މެންބަރުން ކަމަށާއި އަންނަ ހޮނިހިރު ދުވަހު އިންތިޚާބު ބޭއްވުމުގެ ކުރިން ކޯލިޝަން މެންބަރުންގެ އަދަދު 90،000 ފަހަނައަޅާ ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އޭގެ މާނައަކީ ގާތްގަނޑަކަށް، އިންތިޚާބެއް ކާމިޔާބު ކުރަން ދެން އިތުރަށް ބޭނުންވާނީ ގާތްގަނޑަކަށް 35،000 ވޯޓް، ޕާޓީ މެމްބާޝިޕްގެ އިތުރުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ސިޔާސީ ހަޔާތް ފެއްޓެވީ 1994ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ފާދިއްޕޮޅު މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގަތުމާ ހަމައިންނެވެ. އެއަށް ފަހު، މެދުނުކެނޑި ފަސް ދައުރު އެ ގޮނޑިފުރުއްވިއެވެ.
އެމަނިކުފާނަށް 2018ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި އިރު ހުންނެވީ އެ ޕާޓީގެ ޕީޖީ ލީޑަރެއްގެ މަގާމުގައެވެ.
ދެވަނަ ދައުރަކަށް ފަހު ރައީސް ރިޓަޔާކުރައްވާނެ ކަމަށް އިއުލާނު ކުރެއްވި އިރު، ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، ދުނިޔޭގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިކޮށް ފެނެއެވެ.
އޭގެ ތެރެއިން ބައެއް ބޭފުޅުން ވެރިކަމުން ފައިބާވަޑައިގަންނަވަމުން، ރިޓަޔާމެންޓު އިއުލާނު ކުރެއްވި ނަމަވެސް، ފަހުން ދިމާވާ ކަމަކާ ހުރެ، އަލުން ސިޔާސީ މަސައްކަތް ފައްޓަވާފައި އެބަހުއްޓެވެ.