މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި މިއަދު ހެނދުނު ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 06:45 އިން ފެށިގެން 09:45އާ ހަމައަށް މާފަންނު ސްޓޭޑިއަމްގައެވެ. އެމްއެންޔޫގެ ދަރިވަރުންނާއި ލެކްޗަރާއިން ބައިވެރިވި ކުޅިވަރުތައް ފެށުމަށް އެމްއެންޔޫއިން ވަނީ ދިދަ ނެގުމާއެކު ޚާއްޞަ ހަފުލާއެއް ބާއްވާފައެވެ. އެ ހަފުލާގެ ޝަރަފުވެރި މެހެމާނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު "އެމްއެންޔޫ 50" ރަމްޒުކޮށްދޭ ފޮޓޯއެއް ހުރިހާ ބައިވެރިން ނަގާފައިވެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ހަރަކާތްތަކާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސައިން ހަލީމް ވިދާޅުވީ، މި ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މި ހަރަކާތުގައި ކުޅުނު ގޭމުތަކުގެ މަގުސަދަކީ މަޖާކޮށް އެންމެން ގުޅުން ބަދަހިކުރުން ކަމުން، ހަރަކާތުގައި ހިމެނީ ވަރަށް މަޖާ ގޭމުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައިރީގަ ތިބޭ މީހުން ހިނި ވެސް އަންނާނެ މި ގޭމްތައް ފެނުނީމަ. އޭގެ ތެރޭގަ މަޖާ ކަންތައްތައް ހިމެނިގެން ގޭމްތައް ރާވާފަ މިހުރީ،" ހަލީމް ވިދާޅުވިއެވެ.

އެމްއެންޔޫއަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ކުޅިވަރު ތަކުގެ ތެރެއިން އެންމެ ތަރުހީބު ލިބުނު ކުޅިވަރު -- ސަން ފޮޓޯ/ މާހިލް އާތިފް

އޭނާ ވިދާޅުވީ ގޭމްތައް ރޭވީ އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ކަމަށެވެ. އެގޮތުން އޯމޯ އަޅަފައިވާ ސަތަރި ގަނޑެއްގައި ފުޓުބޯޅަ ކުޅުމާއި، މިއުޒިކަލް ޗެއާ އާއި ލުނބޯ ސަމްސަލަށް ލައިގެން ހިނގުން ފަދަ ގޭމްތައް ހިމެނެއެވެ.

އެމްއެންޔޫގެ ރަންޔޫބީލް ފާހަގަކުރުމަށް އިއްޔެ ވެސް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތައް ފަށާފައި ވަނީ ސަލްމާން މިސްކިތުގައި އިއްޔެ ކުރި ފަތިސް ނަމާދުންނެވެ. އެއަށްފަހު އެމްއެންޔޫގެ ދަރިވަރުންނާއި ލެކްޗަރާއިން ބައިވެރިވި ހިނގާލުމެއް ވަނީ ބާއްވާފައެވެ.

އެމްއެންޔޫއަށް 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތް -- ސަން ފޮޓޯ/ މާހިލް އާތިފް

މި ހިނގާލުން ފެށީ ސަލްމާން މިސްކިތުގެ އުތުރަށް އޮންނަ މެރިންޑަރައިވުންނެވެ. އެގޮތުން މެރިންޑަރައިވުން ފެށިގެން ވިލާ ކޮލެޖު މަގުން ގޮސް ހިނގާލުމުގެ ބައިވެރިން ދިޔައީ އެމްއެންޔޫގެ އިދާރީ މަރުކަޒަށެވެ.

މި ހިނގާލުމަށް ފަހު އެމްއެންޔޫގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.