ދުނިޔޭގައި ހުރިހާ ހިނދަކު އަރަބިއްޔާ ސުކޫލަށް ދެރަގޮތެއްވިޔަކަ ނުދެއްވާނެ ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.

އަރަބިއްޔާ ސުކޫލުގެ ރިހިޔޫބިލް ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ސްކޫލްގައި ބޭއްވި ޖަލްސާގައި ނައިބް ރައީސް ވަހީދުއްދީން ވިދާޅުވީ މިސަރުކާރުގައި ހުންނެވިހާ ހިނދަކު އަދި ސަރުކާރުން ބޭރުގައި ހުންނެވި ނަމަވެސް އަރަބިއްޔާ އަށް ދެރަ ގޮތެއް ވިޔަކަ ނުދެއްވާނެ ކަމަށެވެ.

"މިސަރުކާރުން ނުވަތަ އަޅުގަނޑު ސަރުކާރުގައި ނެތް ކަމުގައިވިޔަސް ﷲ ރަހުމަތްފުޅުން އިރާދަކުރެއްވިޔާ އަޅުގަނޑު ދުނިޔޭގައި ހުރިހާ ހިނދަކު މި މަދަރުސާއަށް ދެރަގޮތެއް މެދުވެރިވިޔަކަ ނުދޭނަން،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވަކިބަހަކުން ނުވަތަ ވަކި މީޑިއަމަކުން ކިޔަވައިދޭތީ އެ ސުކޫލެއްގެ ހަރަދުތައް ބަޖެޓުން އުނިވެގެން ނުވާނެ ކަމަށެވެ. އަދި އިލްމަކީ ކޮންމެ ބަހަކުން ކިޔަވައިދިން ކަމުގައި ވިޔަސް އިންސާނާކުރިއަރުވާ ތަރައްގީކޮށްދޭ އެއްޗެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ތަރައްގީ ލިބެންވީ ގޮތަށް އަރަބިއްޔާ ސުކޫލަށް ވެސް ތަރައްގީ ލިބިދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑެއްވެސް (ރައީސް)ޑރ. ވަހީދުވެސް އަދި މިނިސްޓަރެއް ވެސް ކެބިނެޓް ބޭފުޅެއްވެސް އަދި އަޅުގަނޑުމެނާއި ގުޅިފައި މިވާ ޕާޓީތައް ވެސް މަސައްކަތްކުރާނީ މި މަދަރުސާއަކީ އެހެން މަދަރުސާ ތަކެކޭ ވެސް އެއްފަދައިން ހުރިހާ ހިދުމަތްތަށް ލިބޭ މަދަރުސާއަކަށް ހަދަން،" ވަހިއްދީން ވިދާޅުވި އެވެ.

ނައިބްރައީސް ވިދާޅުވީ އަރަބިއްޔާ ސުކޫލުން ތައުލީމް ހާސިލް ކުރާ ކުދިންގެ ތެރެއިން ކޮންމެ އަހަރަކު ސްކޫލް ނިންމާ ހަތަރު ދަރިވަރަކަށް ބޭރުން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ދެއްވަން ގަސްތުކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަރަބި ތައުލީމް އުގެނިގެން ވެވޭނީ ހަމައެކަނި މުދިމަކަށް ނޫން ކަމަށާއި އަރަބިތައުލީމަކީ މުހިންމު ތައުލީމެއްކަމަށެވެ. އަރަބި ތައުލީމް ހާސިލް ކުރުމަށް ފަހު ގައުމަށް ފައިދާކުރުވަނިވި އެތައް މަގާމެއް އަދާކުރެވޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިހާރުގެ އިސްލާމިކް މިނިސްޓާ ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެސުކޫލުން ތައުލީމް ހާސިލް ކުރި ދަރިވަރެއްގެ ގޮތުން އެމަނިކުފާނު އެންމެ ދެކެން ބޭނުންވަނީ އެސުކޫލަކީ އިންޓަނޭޝަންނަލް ސުކޫލަކަށް ވާނެ ދުވަހެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަރަބިއްޔާސުކޫލަކީ އިސްލާމީ ސަހުސިއްޔަތު ދެމެހެއްޓުމަށް ވަރަށް މުހިންމު މުއައްސަސާއެއް ކަމަށާއި މިއަދުގެ ސަރުކާރުން އަރަބިއްޔާގެ ކަންތައްތަކަށް އިހުމާލުވެ ނުލައްވާނެ ކަމަށެވެ.

"ޑރ. މުހައްވަހީދު ހަސަން މަނިކުގެ ވަރަށް ބޮޑު އަމާޒެއް އަރަބިއްޔާ ތަރައްގީކުރުމާއި އަރަބިއްޔާގައިމިވާ ސަގާފަތާއި އަރަބިބަސް ދެމެހެއްޓުމަކީ،" ޝަހީމް ވިދާޅުވި އެވެ.

އަރަބިއްޔާގެ ރިހިޔޫބިލް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ އަރަބިއްޔާ ސްކޫލާ ދޭތެރޭ އެ މިނިސްޓްރީން ވަރަށް ބޮޑު އުއްމީދެއްކުރާ ކަމަށާއި މިސަރުކާރުން އަރަބި ތައުލީމަށް ހުރަހެއް ނާޅުއްވާނެ ކަމަށެވެ.

މިޖަލްސާގައި ވަނީ އަރަބިއްޔާއަށް 25 އަހަރު ފުރުމުގެ ރިހިޔޫބިލް ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ލޯގޯއެއް އިފްތިތާހު ކޮށްފަ އެވެ. ލޯގޯ އިފްތިތާހު ކޮއްދެއްވީ އެޑިއުކޭޝަން މިނިސްޓާ ޑރ، އާސިމް އެވެ. އަރަބިއްޔާ ސުކޫލުން ބުނީ އެ ސްކޫލުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއްގައި މި ލޯގޯ ބޭނުންކުރާނެ ކަމަށެވެ. މީގެ އިތުރުން އަރަބިއްޔާ ސުކޫލުން ވަނީ ރިހިޔީބިލް ފާހަކުރުމުގެ ބޭނުންވާ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން ފަންޑް ފޮއްޓެއްވެސް ހުޅުވާފަ އެވެ. މި ފައްޑު ފޮށި ހުޅުވައިދިނީ ނައިބް ރައީސް އެވެ. އަރަބިއްޔާ ސުކޫލުން ބުނި ގޮތުގައި އެ ސުކޫލުން ފައިސާ ހޯދުމުގެ ގޮތުން އެ ސުކޫލުގެ ރިހިޔޫބިލް ލޯގޯ ޖަހާފައިވާ ޓީޝާޓާއި ތަޅުދަނޑިފޫ ވިއްކާނެ ކަމަށެވެ.