02 Sep 2023, 08:22
ކުރީގެ ގިނަ ފިލްމުތަކެއް އުފައްދާފައިވާ ސުނީލް ދަރުޝަންއަށް ފައިސާގެގޮތުގައި ވަރަށްބޮޑު ޢަދަދެއް އެކްޓަރު ސަނީ ޑިއޯލް ދޭން ހުންނާނެކަމަށް ތުހުމުތަކޮށްފިއެވެ.
ފިލްމު "އެކް ރިޝްތާ"، "ހާން މޭނޭ ބީ ޕިޔާރު ކިޔާ" އަދި "މޭލާ"ގެ އިތުރުން "ޖާންވަރު" ގެނެސްދިން ޕްރޮޑިއުސަރަށް ދަރަނީގެ ގޮތުގައި ޖުމްލަ 77.25 ލައްކަ ރުޕީސް އެކްޓަރު ދޭންޖެހޭކަމަށް ސުނީލް ދަރުޝަންވަނީ ބުނެފައެވެ.
ދާދިފަހުން ސަނީ ޑިއޯލްގެ ފިލްމު "ގަދަރު2"އަށް ބޮޑު އާމްދަނީއެއް ލިބި ފިލްމުގެ ވިޔަފާރި ރަނގަޅުވެފައިވާ މިދަނޑިވަޅުގައި ސަނީ ޑިއޯލް އިންޑިއާގެ ބޭންކަކުން ނަގާފައިވާ 56 ކްރޯޑް ރުޕީސްގެ ލޯނެއް އަނބުރާ ނުދައްކާކަމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.
ކުރީގެ ޕްރޮޑިއުސަރު ސުނީލް ދަރުޝަން އިންޑިއާގެ މީޑިއާއަށް މަޢުލޫމާތު ދެމުން ބުނީ 77.25ލައްކަ ރުޕީސްގެ ފައިސާ ސަނީ އަނބުރާ ދޭންޖެހިފައިވާއިރު މި ފައިސާގެ މުޢާމަލާތް ދެ ފަރާތުގެ ދެމެދުގައި ހިނގީ 1996ވަނަ އަހަރުގައިކަމަށެވެ. އެހެންކަމުން ދަރަނި އަދާނުކުރާތާ މިހާރު 27 އަހަރު ވެދާނެކަމަށް ސުނީލްވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.
ފައިސާގެ މިމައްސަލަ އިންޑިއާގެ ކޯޓަށްވެސް ހުށަހެޅިކަމަށާއި ކޯޓުގައި ސަނީ ބުނެފައިވަނީ އޭރު އަނބުރާ ދައްކާނެ ފައިސާ އަތުގައި ނެތުމުން ބަދަލުގައި ސުނީލް ދަރުޝަންއާއެކު ފިލްމެއް އުފެއްދުމުގެ މަސައްކަތްކުރާނެކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެފިލްމު ވުޖޫދަށް އައިސްފައިނުވާކަމަށް ސުނީލް ދަރުޝަންވަނީ ބުނެފައެވެ.
ފިލްމު އުފެއްދުމުގެ ވާހަކަ ދެކެވޭ ކޮންމެ ދަނޑިވަޅެއްގައިވެސް ފިލްމަށް އެކަށީގެންވާ ތާރީޚެއް ނުލިބޭކަމަށާއި ސްކްރިޕްޓް ބަދަލުކުރަން ޖެހިފައިވުންފަދަ ތާކުންތާކުނުޖެހޭ ބަހަނާތަކެއް ސަނީ ދައްކާފައިވާކަމަށްވެސް ސުނީލްވަނީ ބުނެފައެވެ. އަދި ހައިރާންވަނީ ސަނީފަދަ އާއްމުން ބަލައިގަންނަ ފެންވަރުގެ އެކްޓަރަކު ކޯޓުން ނިންމާފައިވާ ނިންމުންތަކަށްވެސް އިހުތިރާމް ނުކުރާތީކަމަށް ފިލްމު ޕްރޮޑިއުސަރުވަނީ ބުނެފައެވެ.
މިމައްސަލައަށް ހައްލެއް ހޯދުމަށް އެދި ކޯޓުގައި ދެކޮޅަށް ދުވާތާ 27 އަހަރުވިއިރު ޕްރޮޑިއުސަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު 1.77 ކްރޯޑް ރުޕީސްއަށް އަރާފައިވާކަމަށްވެސް އޭނާވަނީ ބުނެފައެވެ.