02 Sep 2023, 08:59
ހަގީގީ އެމްޑީޕީ ފިކުރުގެ މީހުން އަދިވެސް އެޕާޓީގައި އެބަތިބި ކަމަށާއި، އެޕާޓީން ވަކިވީ "ވަންހަނާ" ފިކުރެއް ކަމަށް އެމްޑީޕީގެ ރިޔާސީ ރަނިންމޭޓް، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރޭ ކާނިވާ ސަރަހައްދުގައި އޮތް އެމްޑީޕީގެ ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެޕާޓީ އުފެދިގެން އައީ ރާއްޖެ ބަދަލުކޮށް، ރައްޔިތުންނަށް އުފާވެރިކަމާއި، އަމާންކަން ހޯދައިދޭން ކަމަށެވެ. މިހާރުގެ ސަރުކާރުން ވެސް ކުރަމުންދާ މަސައްކަތަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީގެ ފިކުރަކަށް ބަދަލެއް ނާދޭ، ބަދަލުވެގެން ދުރުވެގެން ދިޔައީ ވަންހަނާވެފައިވާ ފިކުރެއް. އަޅުގަނޑުމެން ދަންނަ ފިކުރެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސަަތުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހިމެނި ކަންކަން މި ސަރުކާރުން ތަންފީޒުކުރަމުން އަންނަ ކަމަށެވެ.
"ރައްޔިތުންނަށް ހަމަޖެހުން ހޯދައިދިނުން، ބޯހިޔާވަހިކަން ހޯދައިދިނުން، ފެނާއި ނަރުދަމާ އަޅައިދިނުން، ޑުރަގުގެ ވަބާއިން ސަލާމަތް ވުން، ދަތުރު ފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުން، ދެން އެ ނޫން ކޮންކަމެއްތޯ މިސަރުކާރުން ކުރަނީ؟" އޭނާ ވިދާޅުވިއެއެވެ.
އަސްލަމް ވިދާޅުވީ އެ ޕާޓީން ގިނަ ބަޔަކު ވަކިވެގެން ނުދާކަމަށެވެ. އެހެންނަމަވެސް، ދުވަހެއް ދުވަހަކަށް ތާއީދު އިތުރުވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފެނިގެންދަނީ ފުޅާވަމުންދާތަން، އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މެންބަރުން އިތުރުވަމުންދާތަން، އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ތާއީދު އިތުރުވެގެންދާ ތަން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީއަށް އޮންނަ ތާއީދު ބޮޑުވަމުން އަންނަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އަސާސީ ޚިދުމަތްތަކުގެ މަޝްރޫއުތަކާއި، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީން ވަކިވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވާ އަސްލަމް ވިދާޅުވީ، ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ ރޮނގުން ބޮޑެތި ބޭފުޅުން ކަމުގައި ހެދިގެން ކުރީގެ ބައެއް ވެރިން އުޅުއްވި ކަމަށެވެ.
"މިއިން އެއްވެސް ވާހަކައެއް ނުދައްކަވާ، މިއިން އެއްވެސް ފޮޓޯ އެއް ނުނަންގަވާ، [މި ސަރުކާރުން] ކަން ކުރާތަން މި ފެންނަނީ،" އޭނާ ވިދާޅުވިއެވެ.
އެގޮތުން، ތިމާވެށީގެ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ކުނި މެނޭޖުކުރުމަށް ހައްލެއް ގެނެސްދިނީ މިހާރުގެ ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މި މޭރުމުން ވާހަކަދެއްކެވިއިރު، ރައީސް ނަޝީދާއެކު އެމްޑީޕީން ވަކިވި އެޕާޓީގެ މެންބަރުން އެކަން ކުރުމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ދައްކަނީ އެ ޕާޓީގެ އުސޫލުތައް ނުހިފެހެއްޓުމެވެ.