މަޝްހޫރު ލޯބީގެ ފިލްމު "އާޝިޤީ"ގެ ތިންވަނަ ފިލްމުން ފެންނާނީ އިންޑިއާގެ މޮޑެލިންގް ދާއިރާގައި މަގުބޫލު މޫނެއްކަމަށްވާ އަކަންކްޝާ ޝަރުމާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މޮޑެލިންގެ ދާއިރާގައި މަސައްކަތްކުރުމުގެ އިތުރުން އަކަންކްޝާއަކީ ކަންނާޑާ ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައިވާ ފަރާތެކެވެ.

ފިލްމު "އާޝިޤީ3" އުފައްދާނެކަން އިއުލާނުކުރީއްސުރެ ފިލްމުގައި ބަތަލާގެ ރޯލްއިން ފެންނާނެތަރިއަކާ ގުޅޭގޮތުން ވަރަށްގިނަ ބަހުސްތައްވަނީ ކުރެވިފައެވެ. ކާތިކްއާއެކު ފިލްމުގެ ބަތަލާގެ ރޯލްއިން ސާރާ ޢަލީ ޚާން ފެންނާނެކަމުގެ އަޑުތަކެއްވެސް ތަންކޮޅެއްކުރިން އެރިއެވެ.

އެހެންނަމަވެސް މުނިފޫހިފިލުވާ ޚަބަރުތައް ގެނެސްދޭ ގިނަ މަސްދަރުތަކުން ބުނެފައިވަނީ އަކަންކްޝާ ފިލްމަށް ގެނައުމާ ގުޅޭގޮތުން ބަތަލާއާއެކު މަޝްވަރާތައް ކުރެވެމުންދާކަމަށެވެ. ފިލްމުތަކުން ފެނުމުގެ އިތުރަށް އަކަންކްޝާވަނީ މިދިޔަ އަހަރު ރިލީޒްކުރި މިއުޒިކް ވީޑިއޯ ދެ ލަވަޔަކުން އެކްޓަރު ޓައިގަރު ޝްރޮފްއާއެކު ފެނިފައެވެ.

މިލަވަތަކަށްފަހު ޓައިގާއާއި އަކަންޝްކާއާއި ދެމެދު ލޯބީގެ ގުޅުމެއްވާކަމުގެ އަޑު ފެތުރިފައިވަނިކޮށް ދާދިފަހުން ޓައިގާ ބުނެފައިވަނީ އެކްޓަރުހުރީ ހުސްކޮށްކަމަށެވެ.

"އާޝިޤީ2" ގެނެސްދިން މުކޭޝް ބަޓްއާއި ބުޝަން ކުމާރު ބޭނުންވަނީ މި ސިލްސިލާގެ ތިންވަނަ ފިލްމުން ބެލުންތެރިންނަށް މުޅިންއާ ބަތަލާއެއް ތައާރަފުކުރުމަށެވެ.

މިސިލްސިލާގެ ކުރީގެ ދެ ފިލްމުގައިވެސް ލީޑް ރޯލްއިން ފެނިފައިވަނީ މުޅީން އާ ތަރިންނެވެ. އެގޮތުން 1990ވަނަ އަހަރު ރިލީޒްކުރި ފިލްމު "އާޝިޤީ"ގައި ރާހުލް ރޯއިއާއެކު އަނޫ އަގަރުވާލް ފެނިފައިވާއިރު 2013ވަނަ އަހަރު ރިލީޒްކުރި "އާޝިޤީ2"އިން އަދިތްޔަ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރުވަނީ ފިލްމީ ދާއިރާއަށް ތަޢާރަފްވެފައެވެ.

ފިލްމު "އާޝިޤީ3"އަށް މިއުޒިކް އުފެއްދުމުގެ ޒިންމާ ތަޖުރިބާކާރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ ޕްރިތަމްއާ ޙަވާލުކުރެވިފައިވާއިރު މިފިލްމު ޑައިރެކްޓްކުރާނީ އަނޫރާގް ބާސޫއެވެ.