ފުވައްމުލަކުގައި މިރޭ ހިނގި ގްރޫޕް މާރާމާރީ އަކާ ގުޅިގެން ތަފާތު ހާދިސާތަކެއް އެ ރަށުގައި މިރޭ ހިނގައިފި އެވެ.

ސަން އޮންލައިންގެ ޕާޓްނާ، "ކައްޓެޅި އޮންލައިން"ގެ ނޫސްވެރިން ސަން އޮންލައިންއަށް މިރޭ ބުނީ އެ ރަށުގައި ތަފާތު ތިން ހާދިސާއެއް މިރޭ ހިނގީ 9:40 އެހާކަން ހާއިރު އެ ރަށުގައި ހިނގި ގްރޫޕް މާރާމާރީއެއްގައި ޒުވާނެއްގެ ބޮލަށް ވަޅި ހެރި ހާދިސާއާއި ގުޅިގެން ކަމަށެވެ. ކައްޓެޅިން ބުނީ އެ މާރާމާރީގައި ވަޅި ޖެހި ޒުވާނާޔަށް އެ ރަށު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ދެވަނަ ހާދިސާ ހިނގީ އެ ސީނަށް ދިޔުމަށް ގާޒީމަގުން ސައިރަންގައި ދަތުރުކުރި ޕޮލިސް ޖިޕް ކޮންޓްރޯލުން ނައްޓައިގެން ގޮސް ހިނގި އެކްސިޑެންޓެއްގަ އެވެ. އެ އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ ބައެއް ސައިކަލްތަކަށް ގެއްލުންވެފައިވާ ކަމަށް ކައްޓެޅި އޮންލައިން އިންބުންޏެވެ. ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށްވެސް ބުންޏެވެ.
އަދި އެކަމާ ހިތްހަމަނުޖެހިގެން ބައެއް މީހުން އެ ޖިޕަށް ގެއްލުންދީ ޖިޕްގައި އެވަހުތު ތިބި ބައެއް ފުލުހުންނަށް ހަމަލާދިން ކަމަށް ވެސް ކައްޓެޅި އޮންލައިންއިން ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފުލުހުންގެ ޖިޕް އެކްސިޑެންޓްވީ ސަރަހައްދަކީ އެމްޑީޕީގެ ހަރަކާތްތެއް ހިނގަމުން ދިޔަ ސަރަހައްދެއް ކަމަށެވެ. އަދި އެ އެކްސިޑެންޑުގައި އަނިޔާވީ އެމްޑީޕީގެ ތިން ސަޕޯޓަރަކަށް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ތަކުގައި އަނިޔާވި މީހުންނަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ބުނީ އެ މައްސަލަތައް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.