ބާސެލޯނާގެ ސްޕެއިން ފޯވަޑް އަންސޫ ފަޓީ، ލޯނުގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު، ބްރައިޓަންއާ ގުޅިއްޖެއެވެ.

ބްރައިޓަނުން އިއުލާންކޮށްފައިވާ ގޮތުގައި އެ ކްލަބުން ފަޓީ ހޯދާފައިވަނީ މިސީޒަނުގެ ނިޔަލަށެވެ. ލޯނުގެ ދަށުން ފަޓީ، އެ ކްލަބާ ގުޅިފައިމިވަނީ ބާސާގެ ފުރަތަމަ 11 އިން ފުރުސަތު ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލުމަށްފަހުއެވެ.

ފަޓީ ވަނީ އުމުރުން އެންމެ 16 އަހަރުގެ ބާސާގެ ސީނިއާ ޓީމުން ފެނިފައެވެ. އޭރު ބާސާގައި ވިދާލުމަށްފަހު، އޭނާއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ އަނިޔާގެ މައްސަލަތަކަކާ ގުޅިގެންނެވެ. އެއާއެކު އޭނާ ދިޔައީ ބާސާގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

"އަހަރެމެން ވަރަށް އުފާކުރަން. ފަޓީގެ އެހީތެރިކަމާއެކު އަހަރެމެންގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. އަދި ފަޓީއަށް އޭނާ ބޭނުންވާ ހިސާބަށް ދިއުމަށް އަހަރެމެން ފުރުސަތު ފަހިކޮށްދޭނަން. އޭނާއަށް އެކަން ހައްގު،" ބްރައިޓަންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުގެ ކޯޗު ރޮބާޓޯ ޑަ ޒާބީ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަނުން ދެން ކުޅޭ މެޗުގައި ނުކުންނަން ޖެހޭނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗަށް ބްރައިޓަނުން ނުކުންނާނީ މާދަމާއެވެ.