ޔޫރޯ އަށް ދާ ސްޕޭން ޓީމުން ކުރީގެ ފޯވަޑް ރައުލް ގޮންޒާލޭޒް އަށް ފުރުސަތު ތަނަވަސްވެ، އަނިޔާގެ ސަބަބުން އިތުބާރު ޑިފެންޑަރު ކާލޮސް ޕުޔޯލް ބާކީކޮށްފި އެވެ.

އުމުރުން 34 އަހަރުގެ ޕުޔޯލް ބާކީކުރީ އޭނާގެ ކަކުލަށް އަނިޔާވެ މަދުވެގެން ހަ ހަފުތާއަށް ކުޅުމާ ވަކިވާން ޖެހުމުންނެވެ. މިސީޒަނުގެ ވެސް ކުރީކޮޅު އަނިޔާގެ މައްސަލަތައް ކުރިމަތިވި ޕުޔޯލް އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ އޮޕްރޭޝަނަކަށް ފަހު އެވެ.

އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕޭން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ޕުޔޯލް ބާކީކުރަން ޖެހުމުން އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނީ ޕުޔޯލް ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ނަމަވެސް ސްޕޭނުގައި މަގާމުތައް ފޫބެއްދޭވަރުގެ ކުޅުންތެރިން އެބަތިބި ކަމަށެވެ.

މިއާއެކު ސްޕޭން ޓީމަށް ފޯވަޑުންގެ ދަތިކަން ދިމަވެފައިވާތީވެ ފޯމުގައި ހުރި ދުވަސްވީ ފޯވަޑް ރައުލް ގޮންޒާލޭޒް ޓީމަށް ގެނައުމަށް ޑެލްބޮސްކޭ ވަނީ ވިސްނައިފަ އެވެ.

ޖަރުމަނުގެ ޝާލްކޭއަށް ފާއިތުވެދިޔަ ދެ ސީޒަނުގައި 66 މެޗުން 28 ގޯލު ޖަހައިދިން ރައުލް، 34 އަކީ ޑެލްބޮސްކޭގެ ކޯޗުކަމުގައި ރެއާލް މެޑްރިޑަށް ކުޅެފައިވާ އެ ޓީމުގެ ކުރީގެ ކެޕްޓަނެވެ. އަދި އޭނާ އަކީ އެއް ދުވަސްވަރެއްގައި ސްޕޭނަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވަޑެވެ. ޖުމުލަ 102 މެޗުން 44 ގޯލު ޖަހާފައިވެ އެވެ. 2006 ވަނަ އަހަރުގެ ފަހުން ރައުލް އަލުން ޓީމަށް ގެނައުމުގެ ވިސްނުން ގެންގުޅެން ޖެހުނީ ފެނާންޑޯ ޓޮރޭޒް ފޯމު ކަޓައި ޑޭވިޑް ވިޔާގެ އަނިޔާ އަދިވެސް ރަނގަޅުނުވާތީ އެވެ.