މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ 50ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް މިއަދު ފަށައިފިއެވެ.

މި ހަރަކާތްތައް ފަށާފައި ވަނީ ސަލްމާން މިސްކިތުގައި މިއަދު ކުރި ފަތިސް ނަމާދުންނެވެ. އެއަށްފަހު އެމްއެންޔޫގެ ދަރިވަރުންނާއި ލެކްޗަރާއިން ބައިވެރިވި ހިނގާލުމެއް ވަނީ ބާއްވާފައެވެ.

މި ހިނގާލުން ފެށީ ސަލްމާން މިސްކިތުގެ އުތުރަށް އޮންނަ މެރިންޑަރައިވުންނެވެ. އެގޮތުން މެރިންޑަރައިވުން ފެށިގެން ވިލާ ކޮލެޖު މަގުން ގޮސް ހިނގާލުމުގެ ބައިވެރިން ދިޔައީ އެމްއެންޔޫގެ އިދާރީ މަރުކަޒަށެވެ.

މި ހިނގާލުމަށް ފަހު އެމްއެންޔޫގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްއެންޔޫގެ 50ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ މާފަންނު ސްޓޭޑިއަމްގައި ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އެގޮތުންބޮޑުބެރުގެ ނެށުމާއި ކުޅިވަރުތައް މި ހަރަކާތުގެ ތެރެއިން ކުރިއަށް ދާނެއެވެ.

މާދަމާގެ ހަރަކާތްތައް ފެށަން ހަމަޖެހިފައި ވަނީ ހެނދުނު 06:45ގައެވެ.

ރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީ އެމްއެންޔޫގެ އުފެއްދީ 1 ސެޕްޓެމްބަރު 1973 ވަނަ އަހަރުއެވެ.