01 Sep 2023, 11:06
މި ނިމުނު އޮގަސްޓް މަހުގެ 11ވަނަ ދުވަހު ރިލީޒްވި ފިލްމު "ގަދަރު2"އަށް ލިބެމުން އަންނަ ކާމިޔާބީއާއެކު އުފަލުން ހުރި އެކްޓަރު ސަނީ ޑިއޯލް މި ވަގުތު އެންމެ މަސައްކަތްކޮށްލަން ބޭނުން ވަނީ ބަތަލާ އާލިއާ ބަޓްއާއެކުކަމަށް ބުނެފިއެވެ.
ސަނީގެ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު އާމްދަނީ ލިބިފައިވާ "ގަދަރު2"ގެ އެކްޓަރު ބުނީ ބަތަލާ އާލިއާ ބަޓްއަކީ ހިންދީ ސިނަމާއަށް ނިސްބަތްވާ ކޮންމެ ފަރާތަކުން ވެސް ފަޚުރުވެރި ވާނެ ބަތަލާއެއް ކަމަށެވެ.
އާލިއާއާއި ސަނީގެ ޢުމުރުގެ ބޮޑު ތަފާތެއްހުރިއިރު ސަނީ ބުނީ އާލިއާގެ ކޯ-ސްޓާއެއްގެގޮތުގައި ފިލްމެއް ކުޅުމަށް ވުރެ ބޮޑަށް ބޭނުން ވަނީ ބައްޕައަކާއި އަންހެން ދަރިއަކާ ދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް އުފައްދާ ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށެވެ. އާލިއާ ބަޓް މިހާތަނަށް ކުޅެފައިވާ ހުރިހާ ފިލްމުތަކަކީވެސް ސަނީއަށް ވަރަށް ކަމުދާ ފިލްމުތައް ކަމަށާއި އާލިއާއަކީ ވަރަށް ޅަ އުމުރުގައި ފިލްމީ މައިދާނުގައި ބޮޑެތި ކާމިޔާބީ ހޯދި ބަތަލާއެއް ކަމަށް ސަނީ ވަނީ ބުނެފައެވެ.
އާލިއާއާއެކު ފިލްމެއްގައި މަސައްކަތް ކޮށްލުމުގެ ޝައުގުވެރިކަން ސަނީ ފާޅުކޮށްފައިވާއިރު ސަނީ ވަނީ ކެރިއަރުގެ ކުރީކޮޅު އާލިއާގެ އެއްބަފާ ދައްތަ އަދި ބަތަލާ ޕޫޖާ ބަޓްއާއެކުވެސް ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. ސަނީގެ މި ހުވަފެން އަދި ހަގީގަތަކަށްނުވި ނަމަވެސް އާލިއާ ވަނީ ސަނީގެ ބައްޕަ މަޝްހޫރު ލެޖެންޑު ދަރުމެންދްރާއާއެކު ބަތަލާ އެންމެފަހުން ކުޅުނު ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގައި މަސައްކަތް ކޮށްފައެވެ.
ފިލްމު "ގަދަރު2"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދިފައިވާއިރު ފިލްމު "ގަދަރު2"ގެ ފަހުން ސަނީ ޑިއޯލް އިތުރު ފިލްމަކަށް ސޮއިކޮށްފައިވާކަން ކަށަވަރެއްނުވެއެވެ. މި ދުވަސްވަރު ސަނީ އާއްމުކޮށް ފެންނަ ހިސާބުތަކުން ވެސް ސަނީއަށް އަންނަނީ ބޮޑު ސަމާލުކަމެއް ލިބެމުންނެވެ. ހަމައެއާއެކު ފިލްމުގައި ސަނީ ދައްކުވައިދިން އެކްޓިންގްއާއެކު ވަރަށް ގިނަ ބަޔަކު ވަނީ އެކްޓަރަށް ތައުރީފު ކޮށްފައެވެ.