ޔަޝް ރާޖް ފިލްމްސްއިން 2014ވަނަ އަހަރު އުފެއްދި ފިލްމު "މަރުދާނީ"ގެ 3ވަނަ ބައެއް ވެސް ކުޅެން ބޭނުންވާކަމަށް ބަތަލާ ރާނީ މުކަރުޖީ ބުނެފިއެވެ.

ރާނީ މުކަރުޖީ ފުލުހުންގެ އިސް މީހެއްގެ ރޯލްއިން ފެންނަ މި އެކްޝަން ތުރިލާއަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. ފުރަތަމަ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބާއެކު ޔަޝް ރާޖް ފިލްމްސްއިން ވަނީ 2019ވަނަ އަހަރު މި ސިލްސިލާގެ ދެވަނަ ފިލްމުވެސް އުފައްދާފައެވެ.

ފިލްމުގެ ތިން ވަނަ ބައެއް ކުޅެން ޝައުގުހުރިކަން ހާމަކުރަމުން ރާނީ ބުނެފައިވަނީ "މަރުދާނީ3" އުފެއްދުމުގެ ޚިޔާލު ޔަޝް ރާޖް ކުންފުނިން ގެންގުޅޭ ކަމަށެވެ. އަދި ފިލްމަށް އެންމެ އެކަށީގެންވާ ވާހަކައެއް ތަރައްޤީކޮށް ފަރުމާކުރެވުމުން ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަރުޙަލާ ފެށޭނެކަމަށް ބަތަލާ ވަނީ ބުނެފައެވެ. އަދި މި ފިލްމުގެ ސްކްރިޕްޓަށް ވަރަށް އިންތިޒާރުކުރެވޭ ކަމަށާއި ފިލްމުގައި ކުޅުނު ފުލުސް އޮފިސަރު ޝިވާނީގެ ރޯލް ކުޅެން ވަރަށް ބޭނުންވާ ކަމަށް ރާނީ ވަނީ ބުނެފައެވެ.

ފިލްމު "މަރުދާނީ2" ކުޅުނުއިރު ވަރަށް ބޮޑަށް ހިތް ނުތަނަސްވި ކަމަށާއި އެއީ މީގެ ކުރިން ދުވަހަކު ވެސް ފިލްމެއްގެ ސީކުއަލް ކުޅެފައިނުވާތީ ހިތަށްވެރިވި ނުތަނަވަސްކަމެއް ކަމަށް ރާނީ ވަނީ ސިފަކޮށްފައެވެ. އެހެންނަމަވެސް މި ސިލްސިލާގެ ދެވަނަ ބަޔާއެކު ސީކުއަލްތައް ކުޅެން ހިތްވަރުލިބި އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވެއްޖެކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ރާނީގެ ފިރިމީހާ އަދި ޕްރޮޑިއުސަރު އަދިތުޔަ ޗޯޕްރާގެ ހާއްސަ ބެލުމުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ތިން ވަނަބައިގެ ވާހަކަ ގުޅުވާލަން ބޭނުން ވަނީ މިހާރުގެ މުޖްތަމަޢުތެރޭގައި ފާހަގަކޮށްލެވޭ މައްސަލަތަކުގެ މައްޗަށް ކަމަށް ރާނީ ވަނީ ބުނެފައެވެ. ބަތަލާ ރާނީ މުކަރުޖީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރު ރިލީޒްވި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިންނެވެ. އެ ފިލްމަށް ބޮޑު މަގުބޫލު ކަމެއް ލިބުނެވެ.