މި ސެޕްޓެމްބަރ މަހުގެ 7ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމަކީ މިއަހަރުގެ ޖަނަވަރީ މަހު ރިލީޒްވި ޝާހުގެ ފިލްމު "ޕަތާން"އަށްފަހު މި އަހަރު ރިލީޒްކުރެވޭ އެކްޓަރުގެ ދެވަނަ އެކްޝަން ތުރިލަރ ފިލްމެވެ. ކުރިޔަށްއޮތް ބުރާސްތި ދުވަހު ފިލްމު ރިލީޒްކުރެވޭއިރު ޓްރެއިލާ ރިލީޒްވުމާއެކު މި ފިލްމުގެ ވާހަކަވަނީ ޓްވިޓާގައިވެސް ޓްރެންޑްވާން ފަށާފައެވެ.

ފިލްމު "ޖަވާން"ގެ ޓްރެއިލާއާއެކު ޑައިރެކްޓަރު އެޓުލީގެ ފުރަތަމަ ހިންދީ ފިލްމުގައި ފެންނާނެ ވަރަށް ގިނަ ކަންކަން ބެލުންތެރިންނަށް ވަނީ އެނގިފައެވެ. މި ޓްރެއިލާއިން ޝާހު ފިލްމުގައި އާއްމުކޮށް ބޭނުންކުރާ ޑައިލޮގްތަކާއެކު ބެލުންތެރިންނަށް ގިނަ 'ސަޕްރައިޒް'ތަކެއް ވެސް ވަނީ ލިބިފައެވެ.

ޝާހްރުކް ޚާންގެ ވަރުގަދަ ތަޅާފޮޅުންތަކެއް ދައްކުވައިދޭ ފިލްމުގައި ސައުތު ސިނަމާގެ އެންމެ ވަރުގަދަ ތަރިންކަމަށްވާ ނަޔަންތާރާއާއި ވިޖޭ ސެތުޕަތިއާގެ ވަރުގަދަ ކުރިމަތިލުންތަކެއް ޓްރެއިލާއިން އެކަނިވެސް ދައްކުވައިދެއެވެ. މި ފިލްމުގެ އެޑްވާންސް ބުކިންގްސްއަށް ހުޅުވާލާފައިވާއިރު މިހާތަނަށް އިންޑިއާއާއި ބޭރު ޤައުމުތަކުން 1.65 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ އޮންލައިން ބުކިންގްސް އަށް ލިބިފައެވެ. ފިލްމު ރިލީޒްކުރާ ތާރީޚު ކައިރިވަމުން އަންނަވަރަކަށް މި ޢަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ފިލްމު އެނަލިސްޓުން ވަނީ ބުނެފައެވެ.

ޝާހްރުކްއާއި ނަޔަންތާރާ އަދި ވިޖޭގެ އިތުރުން ފިލްމުގެ މުހިއްމު ރޯލްއިން ބަތަލާ ދިޕިކާ ޕަދުކޯން ފެންނާނެއެވެ. މީގެ އިތުރުން ސުނިލް ގްރޯވަރު،ސާންޔާ މަލްހޯތުރާ އަދި ޕްރިޔާމާނީ މުހިއްމު ރޯލްއިން ފެންނާނެއެވެ. ޝާހްރުކް ޚާންގެ ތަފާތު ފަސް ލުކްއެއް ފެންނަ މި ފިލްމަކީ، އެކްޓަރު އަމިއްލަ ޕްރޮޑަކޝަން ހައުސް ރެޑް ޗިލީޒްއިން ގެނެސްދޭ ފިލްމެކެވެ. ތަމަޅަ ޑައިރެކްޓަރު އެޓުލީގެ ފުރަތަމަ ހިންދީ ފިލްމުގެ ނޮން ތިއޭޓްރިކަލް ރައިޓްސް ވަނީ ރިލީޒް ކުރުމުގެ ކުރިން 250ކްރޯޑް ރުޕީސްއަށް ވިއްކާލާފައެވެ. އެހެންނަމަވެސް އެއީ ކޮން ޕްލެޓްފޯމްއެއްކަމެއް އަދި ހާމައެއް ނުކުރެއެވެ.