ދިވެހި ރެޑް ކްރެސެންޓުގެ 'ޕާރޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް' ގައި ދިރާގުން ބައިވެރިވާން ނިންމައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ތައާރަފު ކޮށްފައިވާ މި މަސައްކަތުގައި ދިރާގުން ބައިވެރިވާން ނިންމީ، މިއީ އިންސާނިއްޔަތައްޓަކައި ކުރާ މަސައްކަތަކަށް ވާތީ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓިވް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

'ޕާރޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް'ގައި ދިރާގުން ބައިވެރިވުމުން، ކާރިސާތަކުގެ ވަގުތުގައްޔާއި، އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ރެޑް ކްރެސެންޓުން އެހީތެރިކަން ފޯރު ކޮށްދެވޭނެއެވެ.

މި މަސައްކަތުގެ ތެރޭގައި ފަސްޓް އެއިޑާއި، ނަފްސާނީ، އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި، ކާރިސާ ތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން ހިމެނެއެވެ.

މީގެ އިތުރުން، މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީން ކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީ ކުރުމަށް ވެސް މަގުފަހިވާނެކަމަށް ވެސް ދިރާގުން ބުނެއެވެ.

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން ޑިރެކްޓަރު، މުހައްމަދު މިރުޝާން ވިދާޅުވީ މި މަސައްކަތުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި، ހުރިހާ ވޮލަންޓިޔަރުން ކުރައްވާ މުހިންމު މަސައްކަތުގެ އަގު ވަޒަންކޮށް , ދިވެހި ރެޑްކްރެސެންޓް އިން ކުރައްވާ ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް" މިރުޝާން ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރެޑް ކްރެސެންޓުން ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށްދީ، ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަންއާ ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން ވެދީފައިވާ އެހީތެރިކަން ރެޑް ކްރެސެންޓުން ވަނީ ފާހަގަ ކޮށްފައެވެ.

ދިރާގުން ފޯރުކޮށްދީފައިވާ މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައާއި، ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިވުމަށް މަގުފަހިވެ، ދިރާގާއި، ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމު ކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.