09 May 2012, 21:31
އެކި އެކި މައްސަލަތަކުގައި އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލެވި ފަސް އަހަރު ވެފައިހުރި މަސްތުވާތަކެތި އެބަހުރި ކަމަށް ނެޝެނަލް ޑްރަގް އެޖެންސީ ބޯޑުން (އެންޑީއޭ) ބުނެފި އެވެ.
ތަފާތު އެކި ސަބަބުތަކާ ހެދި ނައްތާނުލެވި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ޝަހީދު ހުސެއިންއާދަމް ބިލްޑިންގް ގައި ނޫސްވެރިންނަށް މިއަދު ވަނީ ދައްކާފަ އެވެ.
ނައްތާނުލެވި ހުރި މަސްތުވާތަކެއްޗާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ނެޝެނަލް ޑްރަގް އެޖެންސީ ބޯޑުގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ ފަސް އަހަރު ދުވަސްވީ މަސްތުވާތަކެއްޗާއި ތިން އަހަރު ދުވަސްވީ މަސްތުވާތަކެތި ވެސް ނައްތާނުލެވި އެބަހުރި ކަމަށެވެ.
ލުބުނާ ވިދާޅުވީ އެތަކެތި ނައްތާ ނުލެވި ލަސްވަނީ މަސްތުވާތަކެތި ނައްތާލުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހަދަންޖެހޭ ގައިވާއިދު ހެދުން ލަސްވާތީ ކަމަށެވެ. އަތުލައިގެންފައިވާ މަސްތުވާތަކެތި ނައްތާނުލާ އެގޮތަށް ބަހައްޓާނަމަ ހުރިހާ ގޮތަކުން ވެސް މައްސަލަތަކެއް ނުކުމެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަސް އަހަރު ދުވަހާއި ތިން އަހަރު ދުވަސްވީ މަސްތުވާތަކެތި އެބަހުރި ނައްތާނުލެވި. ގިނަ ދުވަސް ތަކެއް ވަންދެން މިގޮތަށް ބައިވަރު މަސްތުވާތަކެތި ބަހައްޓާފައި ހުންނަ ކަމަށްވަންޏާ ހުރިހާ ގޮތަކުން ވެސް މައްސަލަތައް ނުކުމެދާނެ،" ލުބްނާ ވިދާޅުވި އެވެ.
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ ޕީޖީ ހައްދަވަން ޖެހޭ ގަވާއިދު މި މަސް ނިމެންވާއިރަށް ޑްރާފްޓް ކުރެވޭނެ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭ މަސްތުވާތަކެތި ނައްތާލުމުގެ ކަންތައް ކުރިއަށްގެންދެވޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ނައްތާނުލެވި ހުންނަނީ ކޯޓުން އެމައްސަލައަކާ ގުޅޭގޮތުން ސުވާލެއް އުފައްދަފާނެތީ ކޯޓުގެ މަރުހަލާތައް ނިމެންދެން އެ ތަކެތި ބަހައްޓަންޖެހޭތީ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ގަވާއިދު ހަދާނިމުމުން މަސްތުވާތަކެތި ހުންނާނީ ސުޕްރީމް ކޯޓުގެ މަރުހަލާއިން ނިމޭ ހިސާބަށް ދަންދެން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ މަރުހަލާ ނިމުމުން ނުވަތަ ސުޕްރީމް ކޯޓާ ހިސާބަށް ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވީމަ އެތަކެތި ނައްތާލެވޭނެ އެވެ. ތަހުލީލު މަރުހަލާނިމި ތަހުގީގުތަކާ ޝަރީއަތުގައި ހުރި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ނައްތާނުލެވި ހުރި މަސްތުވާތަކެތީގެ ސީދާ ޖުމްލަ އެއް ފުލުހުން ހާމައެއްނުކުރެ އެވެ.