ނ. ހޮޅުދޫ ކައުންސިލާއި، ލ. އަތޮޅު ކައުންސިލާއި، އެ އަތޮޅު ރަށު ކައުންސިލްތަކުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސް އޮފީހުގަ އެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލްތަކުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރަށް، ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ހާމަކުރެއްވިއެވެ.

މީގެއިތުރުންވެސް، ތަރައްގީގައި ކުރިމަތިވެފައިވާ ހުރަސްތަކާއި ތަފާތު ދަތިތަކުގެ ތަފްޞީލް، ކައުންސިލްތަކުގެ މެންބަރުން ރައީސް ވަހީދަށް ދެންނެވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ އަތޮޅުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް، މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވުމުގައި މަޝްވަރާކުރައްވަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވި އެވެ.