ޓޯކިޔޯ (31 އޮގަސްޓް 2023): ޖަޕާންގެ ދިފާއީ ކަންކަމުގައި އެހެންގައުމަކަށް ބަރޯސާވުމުގެ ސިޔާސަތު ދޫކޮށް ޖަޕާން ދިފާއުކުރުމުގެ ގާބިލްކަން އަމިއްލައަށް ހޯދަންޖެހޭ ކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ޔޮޝިހިދޭ ޔޮޝީދާ ވިދާޅުވެއްޖެއެވެ.

ޖަޕާން ސިފައިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖެނެރަލް ޔޮޝިހިދޭ ވިދާޅުވީ ޖަޕާނުގެ ލަޝްކަރުތަކުގައި ގައުމު ދިފާއުކުރުމުގެ ގާބިލުކަން މިހާރު ނެތް ކަމުގައެވެ. އަދި ޖަޕާންގެ ލަޝްކަރުތަކަކީ ޒަމާނަށް ފެތޭވަރުގެ އަސްކަރީގޮތުން ގާބިލް ލަޝްކަރުތަކެއް ނޫނެވެ. ނަމަވެސް ސިޔާސަތު ބަދަލުކޮށްފިނަމަ ޖަޕާނުގެ ލަޝްކަރުތަކުގައި ގައުމު ދިފާއުކުރުމުގެ ގާބިލުކަން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ޖަޕާނަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އަސްކަރީ ބާރެވެ. އަދި އެންމެ އަނިޔާވެރި އަދި އެހެން ގައުމުތަކަށް އިސްވެ ހަމަލާދީ އުދުވާން ހިންގި އިންޕީރިއަލް ސިޔާސަތެއް ގެންގުޅުނު އެއް ގައުމެވެ.

ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާން އޮތީ ނާޒީ ޖަރުމަނުގެ ފަޅީގައެވެ. ހިޓްލަރުގެ ފަޅީގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ އެމެރިކާއިން ޖަޕާނަށް އާދައިގެ ބޮމާ އަދި އެޓޮމްބޮން އަޅައި މުޅިން ގައުމު ފުނޑާލައި އަމާންދިނުމަށް ޖަޕާނަށް މަޖުބޫރު ކުރުވިއެވެ. އެއަށްފަހު ޖަޕާން ދިޔައީ އެމެރިކާގެ އަޅުވެތިކަމުގެ ދަށަށެވެ.

އެމެރިކާގެ އަޅުވެތިކަމުން ޖަޕާން ސަލާމަތްވީ ޖަޕާނުގެ އަސްކަރިއްޔާގެ ބާރު ކަނޑުވާލައި ޖަޕާނުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ދިނުމުގެ ކަންތައް އެމެރިކާއާ ހަވާލުކުރާގޮތަށް ޖަޕާން އެއްބަސްވުމެއްގައި ސޮއިކުރުވައިގެންނެވެ. މިކަމުގެ ޚަރަދު ޖަޕާނުން އެމެރިކާއަށް ދޭގޮތަށެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ 35 ހާސް ސިފައިންނާއި ގިނަ އަދަދެއްގެ އަސްކަރީ ބޭސްތައް ޖަޕާނުގައި ގާއިމްކޮށްފައިވެއެވެ. އަދި ޖަޕާން އޮންނަނީ އަސްކަރީ ގޮތުން އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައެވެ. ފާއިތުވި 70 ވަރަކަށް އަހަރު ޖަޕާން އޮތީ މިގޮތުގައެވެ.

ޖަޕާން ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ޔޮޝިހިދޭ ވިދާޅުވިގޮތުގައި މިހާރު މި ސިޔާސަތު ބަދަލުކުރަންޖެހެއެވެ. ގައުމު ދިފާއުކުރުމުގެ ކަންތައް ބޭރުގައުމުތަކާ ހަވާލުކޮށްގެން ތާއަބަދަށް އުޅެވޭކަށް ނޯންނާނެއެވެ. އެއީ މިނިވަންކަމަށްވެސް ގެއްލުން ލިބޭ ކަމެއްކަމަށް ޖެނެރަލް ޔޮޝިހިދޭ ވިދާޅުވިއެވެ.

ޔޮޝިހިދޭ ވިދާޅުވިގޮތުގައި ޖަޕާންގެ ދިފާއީ ސިޔާސަތު ބަދަލުކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާބެހޭ ބިލްތަކެއް ޕާލަމެންޓަށް ހުށަހަޅަން ތައްޔާރުވަމުންދާކަމަށާ ގައުމުގެ ކުރިމަގަށް ވިސްނައިގެން އެ ބިލްތައް ފާސްކޮށްދީ ދިފާއީ ގޮތުން ޖަޕާން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވަގުތު ޖެހިއްޖެކަން ޕާލަމެންޓުންވެސް ދެކެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ޖަޕާން ވަނީ އެ ގައުމުގެ އަސްކަރީ ބަޖެޓް ތިންގުނައަށް ބޮޑުކޮށްފައެވެ. އަދި އަސްކަރީ އަގީދާ (މިލިޓްރީ ޑޮކްޓްރިން) ބަދަލުކުރުމަށްވެސް ސަރުކާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޖެނެރަލް ޔޮޝިހިދޭ ވިދާޅުވިގޮތުގައި ޖަޕާންގެ ދިފާއީ ސިޔާސަތު ބަދަލުކޮށް އަސްކަރިއްޔާ ބާރުގަދަކޮށް ހަތިޔާރުގެ އިންޑަސްޓްރީ ތަރައްގީ ކުރުމުގެ މާނައަކީ ޖަޕާން އިސްތިއުމާރީ ބާރެއްގެ ގޮތުގައި އަލުން ނުކުތުމެއް ނޫނެވެ. އަދި ފަނާކުރަނިވި ހަތިޔާރު އުފެއްދުމެއްވެސް ނޫނެވެ.

އެއްވެސް ހާލަތެއްގައި ޖަޕާނުން ފަނާކުރަނިވި އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނުއުފައްދާނެކަމަށާ ޖަޕާންގެ އަމިއްލަ ދިފާއުގައި މެނުވީ އަސްކަރީ ބާރުތައް އެހެން ގައުމަކާ ދެކޮޅަށް ބޭނުން ނުކުރާނެކަމަށް ޖެނެރަލް ޔޮޝިހިދޭ ވިދާޅުވިއެވެ.