01 Sep 2023, 11:13
ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ، އެ ގައުމުގެ ފުކުޝީމާ ނިއުކްލިއާ ޕްލާންޓްގެ ފެން ކަނޑަށް ބޭރުކުރާ ސަރަހައްދުން ބާނާފައިވާ މަސް ފަރިއްކުޅުއްވައިފިއެވެ.
ފުކުޝީމާ ނިއުކްލިއާ ޕްލާންޓްގެ ޓޭންކުތަކުގައި ރައްކާކޮށްފައިވާ ފެން އެ ސަރަހައްދުގެ ކަނޑަށް ބޭރުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޖަޕާނުން ބުނާ ގޮތުގައި އެ ފެނަކީ ރޭޑިއޯއެކްޓިވް މާއްދާތައް ފިލްޓާކޮށްފައިވާ، ރައްކާތެރި މިންގަނޑުތަކަށް ފެތޭ ފެނެވެ. ނަމަވެސް ޗައިނާ އާއި ދެކުނު ކޮރެއާއިން ވަނީ އެ ފެނުގެ ރައްކާތެރިކަމާ މެދު ޝައްކު އުފެދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗައިނާއިން ވަނީ ޖަޕާނުގެ ކަނޑުމަސް އެތެރެކުރުން މަނާކޮށްފައެވެ.
ޗައިނާއަކީ ޖަޕާނުގެ ކަނޑުމަސް އެންމެ ގިނައިން ގަންނަ ގައުމުކަމަށްވުމުން، އެ ފިޔަވަޅާއެކު ޖަޕާނުގެ ކަނޑުމަހުގެ ވިޔަފާރިއަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައެވެ.
އެހެންވެ، ޖަޕާނުން ދަނީ އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ބާނާ މަހުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޔޫރަޕް ފަދަ އެހެން މާކެޓްތަކުގައި އެ ގައުމުގެ ކަނޑުމަހުގެ ބާވަތްތައް ވިއްކާ މިންވަރު އިތުރުކުރަން މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތްތަކުގެ ތެރެއިން، އިއްޔެ ބޮޑުވަޒީރު ކިޝިދާ އާއި ކެބިނެޓް މިނިސްޓަރުންތަކެއް ވަނީ ފުކުޝީމާ ކައިރިން ބާނާފައިވާ މަހުގެ ބާވަތްތައް ފަރިއްކުޅުއްވާފައެވެ. ނޫސްވެރިން ބައިވެރިކޮށްގެން ބޭއްވި އެ ފަރިއްކޮޅުގައި ބޯވަ މަހާއި ވެލިމަޑި މަހާއި އިތުރު، ތަފާތު ބާވަތްތަކުގެ މަހާއި ތަރުކާރީ އާއި މޭވާ ހުއްޓެވެ.
'ސަޝިމީ'ގެ ގޮތުގައި ތުނިކޮށް ކޮށައި ތައްޔާރުކޮށްފައިވާ މަހުގެ ބާވަތްތައް ފަރިއްކުޅުއްވަމުން ބޮޑުވަޒީރު ވިދާޅުވީ "ރަހަ ވަރަށް މީރު" ކަމަށާއި އެ ސަރަހައްދުން ބާނާ ކަނޑުމަހުގެ ބާވަތްތައް ކަމުދާނެ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ.
މީގެ އިތުރުން ކިޝިދާ ވަނީ ޓޯކިޔޯގައި ހުންނަ، ދުނިޔޭގެ އެންމެ ބޮޑު އެއް މަސް މާރުކޭޓު ކަމަށްވާ ޓޯޔޯސޫ މަސް މާރުކޭޓަށް މިއަދު ޒިޔާރަތް ކުރައްވާފައެވެ. އެ ޒިޔާރަތުގައި ބޮޑުވަޒީރު ވަނީ މަސްވެރިކަމުގެ ދާރިއާގައި ހަރަކާތްތެރިވާ މީހުންނަށް ފަހި ގޮތްތަކެއް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"ޗައިނާއިން ވިޔަފާރިއަށް ހުރަސްއަޅާފައި ވަނީ ސައިންޓިފިކް ގޮތުން ބަލާއިރު ބަލައިގަނެވޭ އެއްވެސް ސަބަބެއް ނެތި، އެ ފިޔަވަޅުތައް އުވާލަން އަޅުގަނޑުމެން އެ ގައުމަށް ގޮވާލާނަން،" ކިޝިދާ ވިދާޅުވިއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ، ޓޯކިޔޯގައި ހުންނަ ޓޯޔޯސޫ މަސް މާރުކޭޓަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ/ އޭޕީ
ޖަޕާންގެ ފިޝަރީސް އޭޖެންސީގެ އޮފިޝަލުން ވަނީ ފުކުޝީމާއިން ފެން ބޭރުކުރަން ފެށުމާއެކު އެގައުމުގެ ކަނޑުމަހުގެ ބާވަތްތަކުގެ އަގާއި ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނެފައެވެ. އެހެންވެ، ސަރުކާރު އޮފިޝަލުން ވަނީ އެ ގައުމުން އާންމުކޮށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ ބާވަތްތައް އެ ގައުމުގެ ރައްޔިތުން ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް އެދިފައެވެ.
ފުކުޝީމާ ނިއުކްލިއާ ޕްލާންޓުން ޕެސިފިކް ކަނޑަން ފެން ބޭރުކުރުމުންދާ އިރު، ތިން މަސް ވަންދެން ކޮންމެ ހަފުތާއަކު އެ ފެން ޓެސްޓުކޮށް، ނަތީޖާ އާންމުކުރާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.
އެ ކާރުހާނާ ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ) ކުންފުނިން ބުނި ގޮތުގައި އެ ސަރަހައްދުން ނަގާފައިވާ ފެނާއި މަހުގެ ބާވަތްތަކުގެ ސާމްޕަލްތައް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތެއެވެ. އަދި ރޭޑިއޯއެކްޓިވިޓީ ލެވެލް ނުރައްކާތެރި މިންވަރަކަށް އަރާވަރާ ގާތް ވެސް ނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފުކުޝީމާގެ ޑައިޗީ ނިއުކްލިއާ ޕްލާންޓަކީ، 2011 ވަނަ އަހަރު ޖަޕާން ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން ސުނާމީ އެރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި ކާރުހާނާއެކެވެ. އެ ހާދިސާގައި އެ ކާރުހާނާގެ ތިން ނިއުކްލިއާ ރިއެކްޓަރު ގޮވާ، ރޭޑިއޭޝަން ބޭރުވިއެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ބަދަލު ކުރަން ޖެހުނެވެ.
އޭގެ ފަހުން އެ ކާރުހާނާގެ ރިއެކްޓަރުތައް ފިނި ކުރަން ޖަޕާނުން ބޭނުން ކުރަމުން ދަނީ ކަނޑުގެ ފެނެވެ. އެ ފެން ނިއުކްލިއާ މާއްދާތަކުން ތަޣައްޔާރުވާތީ ޖަޕާނުން މިހާތަނަށް ދިޔައީ ފެން ރައްކާކުރަމުންނެވެ. އެގޮތުން މިހާރު ރައްކާކޮށްފައިވާ ފެނުގެ މިންވަރު 1.3 މިލިއަން ޓަނަށް އަރައެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ ޓޭންކުތައް ފުރޭނެ ކަމަށް އެ ކާރުހާނާ ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ) ކުންފުނިން ވަނީ ބުނެފައެވެ.
ޖަޕާނުން އެ ފެން ބޭރުކުރަން ފަށާފައި ވަނީ، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)އިން ދެ އަހަރު ވަންދެން ކުރިއަށްގެންދިޔަ ތަހުލީލުތަކަށް ފަހު އެކަމަށް ހުއްދަ ދިން ފަހުންނެވެ.