ސުލްހަވެރި އެއްވުންތަކުގައި މީހުން ހައްޔަރު ކުރާކަމަށް ބުނެ އެމްޑީޕީން މިއަދު މުޒާހާރާއެއް ކޮށްފި އެވެ.

ސުޕްރީމް ކޯޓް ހިމެނޭ ސަރަހައްދު ހުންނަ ބަންޑާރަ މިސްކިތް ދޮރުމަތީ މިއަދު މެންދުރު ފަހު ފެށި މުޒާހަރާ ހަވީރާ ހަމައަށް ކުރިޔަށް ގެންދިޔަ އެވެ.

މުޒާހާރާގެ ބައިވެރިން ބުނަމުން ދިޔައީ ފުލުހުންނާއި ސިފައިން މުޒާހަރާތަކުގައި މީހުން ހައްޔަރު ކުރަނީ އަނިޔާވެރި ގޮތަށް ކަމަށާއި ފުލުހުންނާއި ސިފައިން އަތަށް މުގުރާއި ކަރުނަ ގޭސް ދޭން ހެޔޮ ނުވާނެ ކަމަށެވެ.

ފުލުހުންނާއި ސިފައިން ކޯޓުތަކުގައި ދޮގު ހެކި ދޭ ކަމަށާއި އެމީހުންނާ މެދު ފިވަޅު އަޅައި ހަމަހަމަ އުސޫލެއްގެ މަތީން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ދައުވާތައް ކުރުމަށް ވެސް މުޒާހާރާގެ ބައިވެރިން ގޮވާލި އެވެ.

އެމްޑީޕީގެ މުޒާހަރާ ކުރިޔަށްދިޔައިރު އެ ސަރަހައްދު ބަލަހައްޓަމުން ދިޔަ ފުލުހުންނާ ދިމާލަށް ވަކި ލާރި އުކައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ރިޝްވަތު ހިފައި ބަޣާވާތެއް ކޮށްފައިވާ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެހެން ނަމަވެސް ފުލުހުންނާއި މުޒާހާރާގެ ބައިވެރިންނާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

އެމްޑީޕީގެ މުޒާހާރާ ނިންމާލީ އަދިވެސް މުޒާހަރާ ބާއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ. މިއަދު ކުރި މުޒާހަރާގެ އިތުރުން މިއަދު ހަވީރު ސިފައިން ލޮނުޒިޔާރަތްކޮޅުގައި އަމާޒަށް ބަޑި ޖެހުމުގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ވަގުތު ވެސް އެމްޑީޕީން ވަނީ އެ ސަރަހައްދުގައި އަޑު އުފުލާފަ އެވެ.