31 Aug 2023, 09:04
ފިލްމީ ދާއިރާއަށް ނުކުތްއިރު ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި އަބަދު ވެސް ބޭނުންވީ ފިލްމު އިންޑަސްޓްރީން ބޭރުގައި މަސައްކަތް ކުރާ ފަރާތެއް ކަމަށް އެކްޓަރު ވިޖޭ ވަރުމާ ބުނެފިއެވެ.
އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ ފިލްމު ކޮމްޕޭނިއަންއަށް ދިން އިންޓަވިއުއެއްގައި "ދާހަދު" ސީރީސްގެ އެކްޓަރު ބުނީ ބަތަލާ ތަމަންނާ ބާޓިއާއާ ބައްދަލުވި ހިސާބުން އެ ޚިޔާލު ބަދަލުވި ކަމަށެވެ.
ސައުތު ސިނަމާގެ އެންމެ ފުންނާބު އުސް ބަތަލާއިންގެ ތެރޭ ހިމެނޭ ތަމަންނާ ބާޓިއާއާއި ވިޖޭ ވަރުމާގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާތަކަށް އަރަންފެށީ މި އަހަރުގެ ޖަނަވަރީ މަހު ތެރޭ އިންޑިއާގެ ގޯއާގައި ކުރިއަށް ދިޔަ ޕާޓީއެއްގެ ތެރެއިން ދެ ތަރިން އެކީގައި ނޫސްވެރިންނަށް ފެނުމާ ގުޅިގެންނެވެ.
މީޑިއާއަށް ދިން މި އިންޓަވިއުގައި ވިޖޭ ބުނެފައިވަނީ މީގެ ކުރިން ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއް ހަޔާތަށް ގެންނަން ހިތަށް ވެސް ނާރުވާ ކަމަށާއި ފިލްމީ ދާއިރާ ދެކެ ވެސް އިންތިހާއަށް ރުޅި އަންނަ ކަމަށެވެ. އެހެންނަމަވެސް ބަތަލާ ތަމަންނާ ބާޓިއާވަނީ އެ ވިސްނުން ބަދަލު ކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް ވިޖޭ ވަނީ ބުނެފައެވެ.
އެއް ދާއިރާއެއްގައި އެއް މަސައްކަތެއް ކުރާ ފަރާތަކާ އެކު ދިރިއުޅެން ފެށުމުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށް ފަސޭހަވި ކަމަށާއި ފިލްމީ ދާއިރާގެ މަސައްކަތްތަށް ދެނެގަންނަން ފަސޭހަކަމަށް ވިޖޭ ވަނީ ބުނެފައެވެ. ތަމަންނާއަކީ ފިލްމީ ދާއިރާގައި ވަރަށް ތަޖުރިބާ ހުރި ބަތަލާއަކަށްވެފައި ވިޖޭގެ ފިލްމީ ކެރިއަރުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދެނީ ވެސް ތަމަންނާކަމަށް ވިޖޭވަނީ ބުނެފައެވެ.
ވިޖޭއާއި ތަމަންނާ އެކީގައި ފުރަތަމަ ފެނިފައިވަނީ ދާދި ފަހުން ނެޓްފްލިކްސްއިން ޕްރިމިއަކުރި ފިލްމު "ލަސްޓް ސްޓޯރީސް2"އިންނެވެ. އެމޭޒަން ޕްރައިމްއިން ގެނެސްދިން ވެބް ސީރީސް "ދާހަދު"އަށް ފަހު ވިޖޭ އެންމެފަހުން ފެނިފައިވަނީ ވެބް ސީރީސް "ކާލްކޫތު"އިންނެވެ. އެކްޓަރު ވިޖޭ ވަރުމާ ދެން އެންމެ އަވަހަށް ފެންނާނީ މި ފެށޭ ސެޕްޓެމްބަރު 21ގައި ނެޓްފްލިކްސްގައި ރިލީޒްކުރެވޭ ފިލްމު "ޖާނެ ޖާ"އިންނެވެ. ސުޖޯއި ގޯޝްގެ މި ފިލްމުގައި ވިޖޭއާއެކު ލީޑު ރޯލުން ފެންނާނީ ބަތަލާ ކަރީނާ ކަޕޫރެވެ.