މީގެ އަހަރުތަކެއް ކުރިން ޑައިރެކްޓަރު ސަންޖޭ ބަންސާލީގެ ފިލްމު ކުންފުނިން އުފައްދަން ނިންމި ފިލްމު "އިންޝާﷲ"ގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެއެވެ.

ސަލްމާން ޚާންއާއި އާލިއާ ބަޓް އެކީގައި މުހިއްމު ރޯލެއް ކުޅޭ މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ވެސް ނިންމި ފަހުން ސަލްމާން ޚާން ވަނީ ފިލްމު ދޫކޮށްލާފައެވެ. އެހެންނަމަވެސް ސަލްމާން ޚާން ފަހުން ކުޅުނު ފިލްމުތަކަށް އާއްމުންގެ މަގުބޫލުކަން ކުޑަވުމުން އެކްޓަރު ފިލްމު އަނބުރާ ބޭނުންވާ ކަމަށް ސަންޖޭ ލީލާ ބަންސާލީ ގާތު އެދިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު މި ފިލްމަށް އިންތިޒާރު ކުރަމުންއައި ނަމަވެސް 2019ވަނަ އަހަރު އިއުލާނުކުރި ފިލްމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ނިންމާ ސަންޖޭވަނީ ފިލްމުގެ މަސައްކަތް ފެށޭނެ ދުވަހެއް ފަހުން އިއުލާނުކުރެވޭނެ ކަމަށް ބުނެފައެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއާ ޓުޑޭއިން މި ފިލްމާ ބެހޭ ގޮތުން ބަންސާލީ ޕްރޮޑަކްޝަންސްގެ ސީއީއޯ ސުވާލު ކުރުމުން ބުނެފައިވަނީ، ފިލްމު "އިންޝާﷲ"އަކީ ވަރަށް ރީތި ހިތްގައިމު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދަން ނިންމި ފިލްމެއް ކަމަށެވެ. އެހެންނަމަވެސް ފިލްމުގެ މަސައްކަތް ވަގުތު ޖެހުމުން ފެށޭނެ ކަމަށާއި އެއީ ކޮން ދުވަހެއް ކަމެއް ބުނަން ދަތިކަމަށް އެ ކުންފުނީގެ ސީއީއޯ ޕްރޭނާ ސިންގްވަނީ ބުނެފައެވެ.

ސަލްމާން ޚާން ފިލްމުން ވަކިވުމާ ގުޅިގެން ސަންޖޭ ވަނީ އެ އަހަރު އާލިއާ ބަޓް ހިމަނައިގެން ފިލްމު "ގަންގޫބާއި ކަތިއާވާޅީ" އުފައްދާފައެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުނުއިރު ފިލްމުގައި އާލިއާ ކުޅެފައިވާ ރޯލުން މި އަހަރުގެ އެންމެ މޮޅު ބަތަލާގެ ޤައުމީ އެވޯޑްވެސް ބަތަލާއަ ށްވަނީ ކާމިޔާބުވެފައެވެ.

ފިލްމު "އިންޝާﷲ"ގެ މަސައްކަތް އެއްކައިރިކޮށްލުމަށް ފަހު ސަންޖޭ ތައްޔާރުވަމުން އަންނަނީ ނެޓްފްލިކްސްގައި ޕްރިމިއަކުރަން ނިންމާފައިވާ ވެބް ސީރީސް "ހީރާމަންޑީ" އުފެއްދުމަށެވެ. ސަންޖޭގެ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިން ކެތްމަދުކަމާ އެކު އިންތިޒާރުކުރާ ފިލްމުތަކަކަށްވެފައި ގިނަބަޔަކު މިހާރު އިންތިޒާރުކުރަނީ "ހީރާމަންޑީ" ރިލީޒްކުރެވޭނެ ތާރީޚަކަށެވެ.