31 Aug 2023, 09:09
ޔަޝް ރާޖް ފިލްމްސްއިން 1993ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑަރް"އަށްފަހު ފިލްމުގެ މުހިއްމު ރޯލް ކުޅުނު ދެ ތަރިންކަމަށްވާ ޝާހްރުކްއާއި ސަނީ ޑިއޯލްގެ ގުޅުން ހީނަރުވިކަމަށް ސަނީ ބުނެފިއެވެ.
އެހެންނަމަވެސް ފިލްމު ރިލީޒްވިތާ 16 އަހަރަށް ފަހުން ޝާހްރުކް ޚާންއާއި އެކްޓަރުގެ ޢާއިލާއިން ސަނީ ޑިއޯލްއަށް ފިލްމު "ގަދަރު2"ގެ ކާމިޔާބީއާ ގުޅިގެން މަރުހަބާ ކިޔާފައިވާ ކަމަށް ސަނީ ވަނީ ބުނެފައެވެ.
ލޯބީގެ ތުރިލަރ "ޑަރް"އަށްފަހު ސަނީ ޑިއޯލްއާއި ކުރީގެ ޑައިރެކްޓަރު ޔަޝް ޗޯޕްރާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވިކަމަށް ސަނީ ވަނީ ބުނެފައެވެ. އިންޑިއާގެ މީޑިއާއަށް ތަންކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި ތަޖުރިބާކާރު އެކްޓަރު ސަނީ ޑިއޯލް، ޑައިރެކްޓަރު ޔަޝް ޗޯޕްރާ ސިފަކޮށްފައިވަނީ ބުނާ ބަހުގެ އެއްވެސް އިތުބާރެއް ނޯންނަ ފަރާތެއްގެ ގޮތުގައެވެ.
ޔަޝް ރާޖް ފިލްމްސްއާމެދު ދެކެމުންއައިގޮތް ވަރަށް ބޮޑަށް ބަދަލުވެ އިތުބާރު ގެއްލުމާއެކު ސަނީ އޭރު ނިންމީ ޑައިރެކްޓަރު ޔަޝް ޗޯޕްރާއާއެކު އެއްވެސް މަސައްކަތެއް ނުކުރުމަށެވެ. މީގެ ހަތަރު އަހަރުކުރިން އިންޑިއާ ޓީވީއިން ގެނެސްދޭ އާޕްކީ އަދާލަތުގައި ސަނީ ބުނީ ފިލްމު "ޑަރް"ބެލުމަށްފަހު ޝާހްރުކްއަށް ލިބުނު ލޯބި ސަނީއަށް ވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ކަމަށެވެ. ނަމަވެސް ސަނީގެ މައްސަލައަކަށްވީ ސަނީއަށްވުރެ ބޮޑަށް ފިލްމުގައި ވިލެންގެ ރޯލް ކުޅުނު ޝާހްރުކް ޚާންގެ ރޯލަށް އާއްމުންގެ ސަމާލުކަން ލިބޭފަދަގޮތަކަށް ފަރުމާކުރުމުންނެވެ. އަދި އެކަން ކުރިން ސަނީއާއި ޔަޝް ރާޖް ކުންފުނިން ހިއްސާ ނުކުރާކަމުގެ ތުހުމަތު އެކްޓަރު ވަނީ ކޮށްފައެވެ.
ނަމަވެސް ދެ ތަރިންގެ ދެމެދުގައި އޭރު އުފެދުނު ނުތަނަވަސްކަމާއެކު ޝާހު ވަނީ ފިލްމު "ގަދަރު2" ބެލުމަށްފަހު ޓްވިޓަރ މެދުވެރިކޮށް ފިލްމުގައި ސަނީ ދައްކުވައިދިން އެކްޓިންގްއަށާއި ފިލްމަށް ވަރަށް ތަޢުރީފުކޮށްފައެވެ.
ސަނީ ބުނެފައިވަނީ މާޒީގައި ދިމާވެފައިވާ ކަންކަމަކީ އެކަމެއްގެ ވަގުތުޖެހުމުން ހައްލުވާ ކަންކަން ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަނީ ވެދިޔަކަންކަން ހަނދާންނައްތާލުމަށްފަހު ދިރިއުޅުމާއިގެން ކުރިޔަށް ދިއުމަށެވެ. ސަނީއާއި އަމީޝާ ޕަޓޭލް އަދި އުތްކަރްޝް ޝަރުމާ މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ގަދަރު 2"އަށް މިހާތަނަށްވަނީ 615ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައެވެ. މި ފިލްމު އުފެއްދުމަށް ޚަރަދުކޮށްފައިވަނީ 60ކްރޯޑް ރުޕީސްއެވެ.