އަޖޭ ދޭވްގަންއާއި ރަކުލް ޕްރީތް އަދި ތައްބާ ލީޑް ރޯލް ކުޅުނު ހެއްވާ މަޖާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ދެވަނަ ފިލްމު އަންނަ އަހަރު ފަށަން ނިންމައިފިއެވެ.

މި ފިލްމަކީ، ކާމިޔާބު ފިލްމު ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެކެވެ. ހެއްވާ މަޖާ ފިލްމުތައްކަމަށްވާ "ޕިޔާރުކޭ ޕަންޗްނާމާ"، "ސޯނޫކޭ ޓިޓޫ ކީ ސްވިޓީ" އަދި "ތޫ ޖޫތީ އޯރް މޭ މައްކާރު"ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ލަވް ރަންޖަންގެ "ދޭ ދޭ ޕިޔާރު ދޭ"އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.

ލަވްރަންޖަން ލިޔެ ތައްޔާރުކޮށްފައިވާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" ޑައިރެކްޓްކުރާނީ ފިލްމު ޑައިރެކްޓްކުރުމުގެ މައިދާނަށް އަލަށް ނުކުންނަ އަންޝުލް ޝަރުމާއެވެ. އަންޝުލް ޝަރުމާ ވަނީ ފިލްމު "ސޯނޫކޭ ޓިޓޫ ކީ ސްވިޓީ" އަދި "ތޫ ޖޫތީ އޯރް މޭ މައްކާރު"ގައިވެސް ލަވް ރަންޖަންއާއެކު މަސައްކަތް ކޮށްފައެވެ.

ޑައިރެކްޓަރު އަކިވް އަލީ 2019އަހަރު ގެނެސްދިން މި ސިލްސިލާގެ ފުރަތަމަ ފިލްމުގައި ލީޑް ރޯލް ކުޅެފައިވާ އެކްޓަރު ދެވަނަބައިން ފެންނާނެކަން ކަށަވަރުވެފައިވާއިރު ބަތަލާއިންގެ ރޯލް ކުޅޭނީ ކޮން ފިލްމީ ތަރިންނެއްކަން އަދި ކަށަވަރު ނުވެއެވެ. މި ފިލްމުގެ މަސައްކަތް 2024ވަނަ އަހަރު ފެށުމަށް ނިންމާފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.

ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޓީމުން ނިންމާފައިވާގޮތަށް ހުރިހާ މަސައްކަތެއް ތާވަލާ އެއްގޮތަށް ފުރިހަމަ ކުރެވިއްޖެނަމަ އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ އަޖޭގެ ދެ ފިލްމަށް މި ފިލްމު ރިލީޒް ކުރެވިދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ލަފާކުރެއެވެ. އަޖޭ ދޭވްގަން ކުޅެފައިވާ ގިނަ ފިލްމުތަކެއް ފްރެންޗައިސްއަކަށް ބަދަލުވަމުން އަންނައިރު ސިލްސިލާކޮށް އެކްޓަރު ކުޅޭ ފިލްމުތަކުގެތެރޭ، "ގޯލްމާލް"، "ސިންގްހަމް" އަދި "ދްރިޝްޔަމް" ހިމެނެއެވެ. މި ހުރިހާ ފިލްމުތަކަކީ ވެސް ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ.