09 May 2012, 17:26
މޯލްޑިވްސް މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގެ އިންތިހާބު މާދަމާ ބާއްވަން ހަމަޖައްސާފައި އޮތުމަށްފަހު އިންތިހާބު ކެންސަލްކޮށް އަލުން އެ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މާދަމާ ބާއްވަން ހަމަޖައްސާފައިވާ އިންތިހާބު ކެންސަލްކޮށް، އަލުން އެ ކައުންސިލްގެ މެންބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ ކުރިން އެ މިނިސްޓްރީން އެ ކައުންސިލަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ކޮށްފައިވާ އިއުލާންގައި ތާރީހާއި ގަޑިފަދަ ކަންކަމުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށެވެ.
މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަށް ތައުލީމީ ސެޓްފިކެޓްތަކާއި ވަނަވަރު އަދި އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އަދި އެކައުންސިލަށް މީޑިއާގެ މެންބަރެއްގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން އެފަރާތެއް ތަމްސީލްކުރާ މީޑިއާއެއްގެ ލިޔުމެއް އެ ލިޔުންތަކާއެކު ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް އެދި މިހާރު ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިޔުންތައް ބާތިލެއް ނުވާނެ ކަމަށެވެ. ނަމަވެސް އެ ކައުންސިލްގެ މެންބަރުން އިންތިހާބު ކުރުމާ ގުޅިގެން މީގެކުރިން ކޮށްފައިވާ އިއުލާންތައް ބާތިލްކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާ ތަކުން ކަނޑައަޅާ 8 މެންބަރުންނާއި އާއްމުންގެ ފަރާތުން ކަނޑައަޅާ 7 މެންބަރުންނެވެ. އަދި އެކައުންސިލް ދެމި އޮންނާނީ އިންތިހާބް ކުރާ ދުވަހުން ފެށިގެން ދެ އަހަރުގެ މުއްދަތަށެވެ.