15:00


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވައިފި އެވެ.


މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައި މިވާ ޤާނޫނީ މައްސަލަތަކުގައި މަޖިލީހުގެ ކަންކަން ގެންދެވުމުގައި މަޖިލީހުގެ ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި، މިހާރު ނުނިމި ހުރި މަސައްކަތްތައް ކުރިއަށް ގެންދެވުމަށްޓަކައި ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރައްވައި، މަސައްކަތްތައް އަވަހަށް ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޕާޓީތަކުގެ މެދުގައި ބާއްވަމުންގެންދަވާފައިވާ މަޝްވަރާތަކުގައި މިހާތަނަށް ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވި ކަމަށް ރައީސް އޮފީހުން ބުނެވެ.


އިންތިގާލީ މަރުހަލާގެ ކަންތައްތައް ނިންމުމަށް އިއްޔެ ބޭއްވުމަށް ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތިން ފަހަރެއްގެ މަތިން ފަސްކުރަމުން ގޮސް އެންމެ ފަހުން އަށެއް ޖަހާއިރު ބާއްވަން ހަމަޖައްސާފައި އޮތް އެމަޖިލީހުގެ ޖަލްސާވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކެންސަލްކޮށްފަ އެވެ.