09 May 2012, 16:04
އަންނަ ހޯމަ ދުވަހުގެ ކުރިން އުސްފަސްގަނޑު ހައުސިންގް މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލަށް އަންގައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށް ގެންދާ އުސްފަސްގަނޑު ސިޓީކައުން ސިލުގެ ބެލުމުގެ ދަށުން ވަކިކުރަން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލިހުން ނިންމުމާއި ގުޅިގެން އެ ބިން އެފަރާތުން ވަކިކުރިކަމަށް ސިޓީއަކުން އަންގަފައިވާކަމަށާއި އަންނަ ހޯމަދުވަހުގެ ހައުސިން މިނިސްޓްރީއާއި ބިން ހަވާލުކުރުމަށް ވެސް މިހާރު އެދިފައި ވާނެ ކަމަށެވެ.
"ސިޓީ ކައުންސިލަށް ދެންނެވިފައި ވާނީ އެތަން ވަނީ އިއްޔެ ކެބިނެޓުން ނިންމި ގޮތަށް ސިޓީ ކައުންސިލުން ވަކިކުރިކަމާއި އަދި ހޯމަ ދުވަހުގެ ނިޔަލަށް އެބިން ހަވާލުކޮށްދިނުމަށް އެދޭ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އުސްފަސްގަނޑު ސިޔަސީ ބޭނުންތަކަށް ނުދެވޭނެ ކަމަށް ސިޓީކައުންސިލަށް އެތައް ފަހަރަކު އަންގާފައިވާނެ ކަމަށާއި އަދި އެތަނަކީ ދިގު މުއްދަތަށް ސިޔާސީ ބޭނުންތަކަށް ދޫކުރެވޭނެ ތަނެއް ނޫން ކަމަށް ވެސް އަންގާފައިވާނެ ކަމަށެވެ.
އުސްފަސްގަނޑު ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ އާއްމުންނަށް ހިތްފަސޭހަ މައިދާނެއްގެ ގޮތަށް ހުޅުވާލާފައި ބޭއްވުމުގެ ގޮތުން ކަމަށާއި އެތަން އެއްވެސް ސިޔާސީ ބޭނުމަކަށް ދޫނުކުރުމަށް މީގެކުރިން ވެސް ހައުސިން މިނިސްޓްރީން ވަނީ އެދިފަ އެވެ.
އުސްފަސްގަނޑު މައްސަލާގައި މާލޭ ސިޓީ ކައުން ސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ ހައުސިން މިނިސްޓްރީން ފޮނުވާފައިވާ ސިޓީގައި ވަކިއެއްޗެއް ލިޔެފައި ނެތްކަމަށާއި ފަސްގަނޑު ނަގާ ވާހަކަ އޮތްކަމަށެވެ.
"ވަކިއެއްޗެއް ސިޓީގައި ލިޔެފައެއް ނެތް. ފަސްގަނޑު ނަގާވާހަކަ އޭގައި އޮތީ،" އަލިބެ ވިދާޅުވި އެވެ.
އަލިބެ ވިދާޅުވީ ގާނޫނީ ބޭފުޅުންގެ ލަފާ ހޯދައިގެން އެކަން ކުރެވެން އޮތީ ކޮންގޮތަކަށްތޯ ސިޓީ ކައުންސިލުން ބައްލަވާނެ ކަމަށާއި ތަނެއް ނަގާ ނަމަ ކޯޓަށް ގޮސް އެމައްސަލާގައި ގޮތެއް ނިންމަން ޖެހޭކަމަށެވެ.
"ގާނޫނީ ގޮތުން އެފަސްގަނޑު ނުއެއް ނެގޭނެ. ތަނެއް ނަގަންޏާ އެކަހަލަ ގޮތަކަށް ސިޓީއެއް ފޮނުވާލައިގެން ތަނެއް ނުއެއް ނެގޭނެތާ ކޯޓާއި ހަމައިން އަޅުގަނޑުމެންނަށް ނިންމޭނީ އެކަހަލަ ކަންތައްތައް،" އަލިބެ ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އުސްފަސްގަނޑު ނެގޭނެ ވާހަކަ މިހާތަނަށް ދައްކާފައި ނެތްކަމަށާއި އަދި ފަސްގަނޑު ސަރަހައްދު ސުވިމިން ޓްރެކައި ގުޅުވައިގެން އެތަން ތަރައްގީ ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުއްލިއަކަށް އެތަން ވަކިކުރަން އެންގުމަކީ އެހާ ރަނގަޅުކަމެއް ނޫން ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓަރު ވިދާޅުވީ އަލިބެގެ ވާހަކަތަކަށް ވިދާޅުވާނެ ވާހަކެއް ނެތްކަމަށާއި ވަރަށް ގިނަ ފަހަރު ފަސްގަނޑު ސިޔާސީ ކަންކަމުގައި ބޭނުން ނުކުރުމަށް ދެންނެވިފައި ވާނެ ކަމަށެވެ.