31 Aug 2023, 00:56
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން މާލެއިން އެކި ރަށްރަށަށް ދާ ފުލުހުންގެ ޓީމުތައް މިއަދު ފުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ޓީމްތައް ރޭ ފަތިހުން ފެށިގެން މާލެއިން ފުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ފުރީ އުތުރުގެ އަތޮޅުތަކަށްދާ ފުލުހުންނެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދާ ފުލުހުން ފުރާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.
"ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ވަނީ ގާއިމުކޮށްފަ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޓީމްތައް ހަރަކާތްތެރިވަމުންދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައި ކަމަށާއި އަދި އިންތިޚާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތު ވެސް ފުލުހުންނަށް ވާނީ ފޯރުކޮށްދީފައި ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ދުރާލައި ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރުއެވެ.
ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމްއެވެ.
ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވައި ރިޔާސީ އިންތިޚާބުގައި މުޅިއެކު އަށް ކެންޑިޑޭޓުން ވާދަ ކުރައްވާއިރު، އެއީ ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވައި ފަސް ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ވާދަ ކުރައްވައި ތިން ކެންޑިޑޭޓުންނެވެ.