ލިބަރވީލް (30 އޮގަސްޓް 2023): ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ގެބޯންގެ ސިފައިން އަސްކަރީ ބަޣާވާތެއް ގެނެސް އެގައުމުގެ ރައީސް އަލީ ބޮންގޯ މަގާމުން ދުރުކޮށްފިއެވެ.

ގެބޯންގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އަލީ ބޮންގޯ މަގާމުން ދުރުކޮށް ސިފައިންގެ މުއައްސަސާއިން ވެރިކަމާ ހަވާލުވެއްޖެ ކަމަށާއި މިކަން ކުރީ ސިފައިންނާއި ފުލުހުންނާއި ރިޔާސީ ގާޑުންގެ ލަޝްކަރު ހިމެނޭގޮތަށް ގައުމުގެ ސަލާމަތީ ހުރިހާ ބާރުތަކެއް ގުޅި އެކަތި ގަނޑަކަށް ވެގެން ކަމަށެވެ.

ގެބޯންގެ ރަސްމީ ޓީވީ ކަމަށްވާ "ގެބޯން 24" މެދުވެރިކޮށް އިންގިލާބީ އިސްވެރިޔާ ދެއްވި ޚިތާބެއްގައި ވިދާޅުވީ ގެބޯންގައި ބޭއްވި އިންތިޚާބުގެ ނަތީޖާ އުވާލާފައިވާކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ވަގުތީ ގޮތުން އުވާލައި ސަރަހައްދީ ރޮނގުތައް ބަންދުކޮށް ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ކަމަށެވެ. އިންގިލާބީ ވެރިޔާ ޚިތާބު ދެއްވިއިރު އޭނާގެ ވަށައިގެންނާއި ފަހަތުގައި އެގައުމުގެ ސިފައިންނާއި ރިޔާސީ ގާޑުންގެ އެންމެ އިސް ޖެނެރަލުންގެ 10 ބޭފުޅުން ތިއްބެވިއެވެ.

އިންގިލާބީ ވެރިންނަކީ މި 10 ޖެނެރަލުން ކަމަށްވެސް ޚިތާބުގައި އިންގިލާބީ ލީޑަރު ވިދާޅުވިއެވެ.

ގެބޯންގެ ރައީސް އަލީ ބޮންގޯ

ގެބޯންގެ ރައީސް އަލީ ބޮންގޯގެ ވެރިކަން އަސްކަރީ ބަޣާވާތަކުން މިވައްޓާލީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރިޔާސީ ތިންވަނަ ދައުރަކަށް އޭނާ އިންތިޚާބުވެ ވަޑައިގެންނެވިކަން އެގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާއިން އިއުލާނު ކޮށްފައި ވަނިކޮށެވެ.

ސިފައިން ނެރުނު ބަޔާނުގައި ރައީސް އަލީ ބޮންގޯ ރިޔާސީ ތިންވަނަ ދައުރެއް ކާމިޔާބު ކުރެއްވީ އިންތިޚާބަށް ބާރާއި ނުފޫޒު ފޯރުވުމުގެ އިތުރުން އިންތިޚާބު އޮޅުވާލައި މަކަރު ހައްދަވައިގެންކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ރިޔާސީ އިންތިޚާބު އަލީ ބޮންގޯ ކާމިޔާބު ކުރައްވާފައިވަނީ ވޯޓުލީ މީހުންގެތެރެއިން 64 އިންސައްތަ މީހުންގެ ވޯޓު ހޯއްދަވައިގެންކަމަށް އިންތިޚާބުތަކާބެހޭ އިދާރާއިން ބުނެފައިވެއެވެ. ނަމަވެސް އިންތިޚާބު ބާއްވާފައިވަނީ ވާދަވެރި ކެންޑިޑޭޓުންނަށް ބިރުދައްކައި ރައީސް ބޮންގޯ ދައުލަތުގެ ރިސޯސްތައް ނަހަމަގޮތުގައި ބޭނުން ކުރައްވައިގެންކަމަށް އިދިކޮޅު ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ.

ގެބޯންއަށް އަސްކަރީ ބަޣާވާތެއް ގެނެސް ވެރިކަން ބަދަލުކޮށްފައި މިވަނީ ހުޅަނގު އެފްރިކާގެ އެހެން ގައުމެއްކަމަށްވާ ނައިޖަރުގެ ވެރިކަންވެސް އަސްކަރީ ބަޣާވާތަކުން ވައްޓާލައި އެގައުމުގެ ރައީސް މުހައްމަދު ބާޒޫމް ރިޔާސީ ގަނޑުވަރުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ.

ހުޅަނގު އެފްރިކާގެ ގައުމުތައް ހިމެނޭ އިގްތިސާދީ ޖަމާއަތް ކަމަށްވާ "އީކުވާސް" ޖަމާއަތުން ގެންދަނީ ނައިޖަރަށް އަސްކަރީ ގޮތުން އަރައިގަނެ އެގައުމުގެ ރައީސް މުހައްމަދު ބާޒޫމް އަލުން އަނބުރައި މަގާމަށް ރުޖޫއަކުރާނެކަމުގެ އިންޒާރުތައް ދެމުންނެވެ. މިފަދަ އަސްކަރީ ހަރަކާތެއް ހިންގާނެކަމުގެ އިންޒާރުތައް ދިންނަމަވެސް މިކަންކުރަން އެޖަމާއަތުގެ ގައުމުތަށް ދަނީ ފަސްޖެހެމުންނެވެ.