ކޮންމެ މަހެއްގެ އެންމެ ފަހު ބުރާސްފަތި ދުވަހު ގޭގައި މަސައްކަތް ކުރެވޭ ގޮތަށް, ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ގަވާއިދު ބަދަލުކޮށްފިއެވެ.

އެފްޕީއޭއިން ބުނިގޮތުގައި މި އުސޫލުގެ މަގުސަދަކީ އޮތޯރިޓީގެ އިދާރީ ހިންގުމުގެ ބައެއް މާއްދާތަކަށް އަމަލު ކުރުމުގައި ލުއިފަސޭހަކަން ދިނުމެވެ.

މި އުސޫލުގެ ދަށުން، މުވައްޒަފުން އޮފީހަށް ގަޑި ޖެހޭ ވަގުތު ވަނީ ހެނދުނު 08:30 އަށް ބަދަލު ކޮށްފައެވެ. އެފްޕީއޭގެ ގަވާއިދުގާ ކުރިން ބުނާގޮތުން ނަމަ އޮފީހަށް ގަޑި ޖެހޭނީ ހެނދުނު 08:00ގެ ފަހުންނެވެ.

ވާރޭ ވެހޭނަމަ މާލޭގައި ދިރިއުޅޭ މުވައްޒަފުންނަށް ހެނދުނު 08:45ގެ ނިޔަލަށް ގަޑި ނުޖެހޭ ކަމަށް ބަލާނެއެވެ. އަދި ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ މުވައްޒަފުންނަށް 09:15ގެ ނިޔަލަށް ގަޑި ނުޖެހޭ ކަމުގައި ބަލާނެއެވެ.

މީގެ އިތުރުން، އެފްޕީއޭގެ މުވައްޒަފުންނަށް އަހަރަކު 10 ދުވަހު ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭނެއެވެ. ނަމަވެސް، ޚާއްސަ ހާލަތްތަކުގައި މި މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭނެއެވެ. އަދި އަހަރަކު 10 ދުވަހު ލަހުން އޮފީހަށް ހާޒިރު ވުމަށް ނުވަތަ އަވަހަށް އޮފީހުން ދިއުމަށް ވެސް މި އުސޫލުގެ ދަށުން ހުއްދަ ދެވޭނެއެވެ.

އިދާރީ ހިންގުމުގެ ބައެއް މާއްދާތަކަށް އަމަލު ކުރުމުގައި ލުއިފަސޭހަކަން ދިނުމުގެ އުސޫލުގެ އިތުރުން، އެފްޕީއޭއިން ވަނީ ނަފްސާނީ ދުޅަހެޔޮ ސިއްހަތާގުޅޭ އުސޫލެއް ވެސް ތައާރަފްކޮށްފައެވެ.

މި އުސޫލުގެ ދަށުން، ސްޓްރެސް މެނޭޖްމަންޓާ ގުޅުން ހުރި ކަންކަމަށް މުވައްޒަފުން އަހުލުވެރި ކުރުވާނެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ސެޝަންތައް މުވައްޒަފުންނަށް ނަގައިދިނުމާއި ކޯޕިން މެކޭނިޒަމަށް މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ އިތުރުން ކޮންމެ ދުވަހަކު އޮފީހުގައި ސްޓްރެޗް ކުރުމަށް ވަގުތުކޮޅެއް ހުސް ކުރުމުގެ ފުރުސަތު ވެސް މި އުސޫލުގެ ދަށުން މުވައްޒަފުންނަށް ލިބޭނެއެވެ.

ވާރޭވެހޭ ނަމަ ވަކި ވަގުތަކަށް ގަޑި ނުޖެހޭ ފަދައިން ލުއި ދިނުމަކީ ރާއްޖޭގެ ބައެއް އޮފީސްތަކުގައި މިހަރު ވެސް ކޮށްއުޅޭ ކަމެކެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ވަނީ މުވައްޒަފުން މަސައްކަތް ކުރާ ދުވަހާއި ވަގުތަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ނަތީޖާ ރަނގަޅު ކަމަށް އެ އޮފީހުން ބުނެއެވެ.

އެފްޕީއޭއަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރެއްވި މަސައްކަތުގެ ތެރެއިން ތަސްފީގު ކުރެއްވި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ދަށުން އުފެއްދި އޮތޯރިޓީއެކެވެ.