މާލޭގައި މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައަކާ ގުޅިގެން އަލީ ޝާހިދު (ސްޓެޕް އައްޔަ) އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަތަރެއްގައި ކަމަށާއި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ސްޓެޕް އައްޔައެވެ.

"މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުނެފައިވެއެވެ.

މި މަހުގެ ތެރޭގައި ތަފާތު މައްސަލައަކާ ގުޅިގެން ވެސް ސްޓެޕް އައްޔަ ހޯދަން ފުލުހުން އިއުލާންކުރިއެވެ. އޭރު ފުލުހުން ބުނީ އެއީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައެއްގައި ތަހުގީގަށް ހާޒިރު ކުރުމުގެ ޗިޓު ހަވާލު ނުކުރެވި، އޭނާ އުޅޭ ތަނެއް ނޭނގޭތީ ކަމަށެވެ.

އޭގެ ފަހުން ސިޔާސީ ތަފާތު ޕާޓީތަކުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތްތަކުން ސްޓެޕް އައްޔަ ފެނިފައިވެއެވެ.

މީގެ ކުރިން ފިލްމީ ދާއިރާގައި ހަރަކާތްތެރިވެ މަޝްހޫރުވެފައިވާ ސްޓެޕް އައްޔަ ފަހުން ބޮޑަށް ފެނިފައި ވަނީ ސިޔާސީ ދާއިރާއިންނެވެ.