އެކްޓަރު ޝާހްރުކް ޚާނާ އެކު މަސައްކަތްކޮށް 2017 ވަނަ އަހަރު ރިލީޒްވި ފިލްމު "ރައީސް"އަށް ފަހު އިންޑިއާއާއި ޕާކިސްތާނުން ވެސް ބަތަލާ މާހިރާ ޚާންއަށް ނުރައްކާތެރި އިންޒާރުގެ މެސެޖުތައް ރައްދުވިކަމަށް ބަތަލާ ބުނެފިއެވެ.

ދާދިފަހުން ޕާކިސްތާނުގެ ޕޮޑްކާސްޓް ޝޯއެއްގައި ވާހަކަދައްކަމުން މާހިރާ ބުނީ ފިލްމު "ރައީސް" ރިލީޒް ކުރެވުނީ 2016 ވަނަ އަހަރުގެ 'އުރީ' އެޓޭކަށް ފަހު ޕާކިސްތާނަށް ނިސްބަތްވާ ފިލްމީ ތަރިން ބޮލީވުޑުގައި މަސައްކަތް ކުރުން މަނާކުރިތާ ދުވަސްކޮޅެއް ފަހުން ކަމަށެވެ.

ފިލްމު "ރައީސް"އަށް ފަހު މާހިރާ ދިޔައީ ބޮލީވުޑްގައި ހުރި އިތުރު ފުރުސަތުތަކާ މެދު މަޝްވަރާ ކުރަމުން ކަމަށެވެ. މި ފިލްމު ރިލީޒްކުރިތާ ދުވަސްކޮޅެއް ފަހުން މާހިރާއާއި އެކްޓަރު ރަންބީރު ކަޕޫރު އެކީގައި ނިއުޔޯކްގެ މަގެއްމަތީ ދުންފަތުގެ އިސްތިއުމާލު ކުރާ މަންޒަރު ދައްކުވައިދިން ފޮޓޯތަކެއް ވެސް ވަނީ ލީކުވެފައެވެ.

ސިޔާސީ ކޯޅުންތަކެއް ހިނގި 'އުރީ" ހާދިސާއަށް ފަހު މާހިރާ އެކޭ އެއްގޮތަށް ބޮލީވުޑްގައި މަސައްކަތްކުރުމަށް ބޭނުންވި ވަރަށް ގިނަ ޕާކިސްތާނު އާޓިސްޓުންނަށް ބޮޑު ގެއްލުމަކާއި ކުރިމަތިވިކަމަށް މާހިރާވަނީ ބުނެފައެވެ.

ޝާހްރުކާ އެކު "ރައީސް"ގެ ޕްރޮމޯޝަނަލް އިވެންޓުތަކުގައި މާހިރާއަށް ބައިވެރިނުވެވުނު ނަމަވެސް ފިލްމު އަމިއްލަ ޤައުމުގައި ރިލީޒްކުރާތީ އެކަމާ އުފާވި ކަމަށް ބަތަލާވަނީ ބުނެފައެވެ. އަދި، އެއްވެސް ފަރާތެއްދެކެ އޭރު ވެސް ބިރު ނުގަންނަ ކަމަށާއި އެހެންނަމަވެސް ބިރު ދެއްކުމުގެ ގޮތުން ބަޔަކު މީހުން ޓުވީޓުކޮށް ފޯނު ކޯލްތައް ވެސް ކުރި ކަމަށް މާހިރާ ވަނީ ބުނެފައެވެ.

އޭގެ ސަބަބުން މާހިރާ ޑިޕްރެޝަންގެ ޝިކާރައަކަށްވި ކަމަށާއި އެ ކަމަށް ފަރުވާ ހޯދި ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. އަދި، ވޭތުވެދިޔަ ހަތްވަރަކަށް އަހަރު ހޭދަކުރީ އެ ކަމަށް ހާއްސަ ފަރުވާ ހޯދުމުގައި ކަމަށް މާހިރާ ވަނީ ބުނެފައެވެ.

މާހިރާއާއި ފަވާދު ޚާން އެކީގައި ފެންނަ ނެޓްފްލިކްސްގެ ފުރަތަމަ ވެބް ސީރީސްއަށް ބަތަލާ ތައްޔާރުވަމުން އަންނައިރު މާހިރާއާއި ފަވާދު ޚާންއަކީ ޕާކިސްތާނު ޓީވީ ޑްރާމާތަކާއި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު ޖޯޑެވެ.