09 May 2012, 15:35
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ސިޔާސީ ބައެއް ލީޑަރުން އަޑީގައި ތިއްބަވައިގެން، ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ބަޣާވާތަކުން ކަމަށް ބުނެ އެމްޑީޕީން ކުރަމުން ގެންދާ ތުހުމަތުތަކާ ގުޅިގެން ޖަމިއްޔަތުއް ސަލަފުން ހޯދަން އެދުނު މައުލޫމާތުތައް ފޯރުކޮށްދެވެން ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް ހަސަން ޝާހު ސޮއިކުރައްވައި ސަލަފްގެ ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (ޝައިހް އަބްދުﷲ) އަށް މިދިޔަ މަހުގެ ހަވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ހިންގާދިޔަ ކަންތައްތައް ތަހުގީގު ކުރެވެން ޖެހޭނެ ކަމަށް އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ކަމެއް ތަހުގީގު ކޮށްދިނުމަށް އެދި މައްސަލަ ހުށަހަޅަންޖެހޭ އިދާރާތަކުގެ ހާލަތު ހުރިގޮތުން، މިނިވަން މުސްތަގިއްލުގޮތެއްގައި އެކަމުގެ ތަހްގީގެއް ހިންގާ އިންސާފުވެރި ކަމާ އެކު ޝަރުއީ ނިޒާމުގެ ތެރެއިން ހުކުމެއް ކުރެވިދާނެ ގޮތަކަށް އެކަން ހިނގާނެ ކަމަކަށް އެމްޑީޕީން ގަބޫލްނުކުރާ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ކަންތައްތައް ހިނގާދިޔަ ގޮތުގެ ތަހްގީގެއް ކުރެވޭނީ ބައިނަލް އަގުވާމީ ޖަމިއްޔާތަކުގެ އިސް ދައުރެއް އޮވެގެން ހިންގޭ މިނިވަން މުސްތަގިއްލު ބަޔަކަށް ކަމަށާއި އެޕާޓީން އެމަގު ތަނަވަސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެސިޓީގައި ބުނެފައިވެ އެވެ.
ޝައިހް އަބްދުﷲ މިއަދު ވިދާޅުވީ ވެރިކަން ބަދަލުވީ ބަގާވާތަކުން ކަމަށް އެމްޑީޕީން ކުރާ ތުހުމަތުތަކާއި އެދުވަހުގެ ހާދިސާއާ ގުޅިގެން އެމްޑީޕީން ސިފައިންނާއި ފުލުހުން ރިސްވަތު ހިފި ކަމަށް ބުނާ ވާހަކަތަކުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެދި ސަލަފުން އެމްޑީޕީން ހުށަހެޅުމުން އެމްޑީޕީން ސަލަފަށް ޖަވާބުދާރީވެފައި ވަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ގޮތެއްގައި ކަމަށެވެ.
އަބްދުﷲ އަދި ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް އެ ޖަމިއްޔާއިން ދިރާސާ ކުރަނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަކީ ބަގާވާތަކުން ގެނައި ސަރުކާރެއް ކަމަށް އެމްޑީޕީން ބުނާއިރު އެކި ފަހަރު އެކި ގޮތްގޮތަށް އެވާހަކަތައް ބަދަލުވަމުންދާތީ ކަމަށެވެ.
"ތަހުގީގީ ކޮމިޓީތަކަށް އިތުބާރު ނުކުރެވޭ އެމްޑީޕީން ވަނީ ބުނެފައި، އަޅުގަނޑުމެންގެ އެދުވަހުގެ ހިނގައިދިޔަ ކަންތައްތައް މިބަލަކީ 'ބަޣާވާތް' އެލަފްޒު ބޭނުން ކުރާތީ އެލަފްޒު ބޭނުން ކުރެވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް، އެކަންތައްތައް ސަލަފުން ބަލަނީ ރާއްޖޭގެ ރައްޔިތުންނަށް އެވާހަކަތަކުގެ ޝައްހަކަން އަންގައިދިނުމަށް، ރައީސް ނަޝީދުގެ ވާހަކަތައް ވެސް އެއްދުވަހުން އަނެއް ދުވަހަށް މިގެންދަނީ ބަދަލުވަމުން، އަނެއްކޮޅުން އެމްޑީޕީގެ ވާހަކަތައް ވެސް އެކިފަހަރު އެކި ގޮތްގޮތަށް މިހުންނަނީ، އެހެންވެ އެކަންތައްތަކުގެ ހަގީގަތް ހާމަކުރުން ބޭނުމަކީ،" ޝައިހް އަބްދުﷲ ވިދާޅުވި އެވެ.
ޖަމިއްޔަތުއް ސަލަފުން ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު އުފައްދަވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ އެދުމުގެ މަތިން އެކޮމިޝަނަށް ހާޒިރުވެ އެޖަމިއްޔާއަށް އެނގިފައިވާ މައުލޫމާތުތައް އެކޮމިޝަނާ ހިއްސާކޮށްފަ އެވެ. އަދި އިންކުއަރީ ކޮމިޝަނުން ކުރިއަށްދާ ތަހުގީގްތައް ކުރިއަށްދާ ގޮތް އޮބްޒާޒްކުރުމުގެ ފުރުސަތު އެކޮމިޝަނުން އެޖަމިއްޔާ އަށް ވެސް ދީފައިވާ ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ މަޖުބޫރުވެގެން ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވާ ވާހަކަ ބެލުމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހެޅުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ވަނީ އެކަމަށް ހުރަސް އަޅުއްވާފަ އެވެ. ވެރިކަން ބަދަލުވި ގޮތް އެމްޑީޕީން ވެސް ގެންދަނީ ބަލަމުންނެވެ.