30 Aug 2023, 10:07
އެޕަލްއިން އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ ޕްރޮޑަކްޓް އިވެންޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެކްއަށް ޝައުގުވެރިވާ ފަރާތްތަކުން އިންތިޒާރު ކުރަމުން އަންނަ އިރު، އެ އިވެންޓުގައި އެޕަލްއިން ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފު ކުރަން ތައްޔާރުވެއްޖެއެވެ.
"ވޮންޑަލަސްޓް"ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ އެޕަލް ވޮޗް ސީރީޒް 9 އާއި އެޕަލް ވޮޗް އަލްޓްރާ 2ގެ އިތުރުން އައިފޯން 15ގައި ހިމެނޭ ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޒައިން ދައްކާނެ ހަރަކާތެކެވެ.
އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެޕަލް ޕާކް ކެމްޕަސްގައި ބާއްވާ މި އިވެންޓް ބްރޯޑްކާސްޓް ކުރަން ހަމަޖެހިފައި ވަނީ އެގައުމުގެ ގަޑިން ހެނދުނު 10:00ގައެވެ.
މި ހަރަކާތުގެ އެންމެ ޚާއްޞަ ކަމަކީ އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ހިމެނޭ ގޮތަށް އައިފޯން 15 ސީރީޒް އިފްތިތާހު ކުރުމެވެ. މި އާ މޮޑެލްތަކުގެ ތަފާތު ކުލަތަކާއި ޔޫއެސްބީސީ ޗާޖިން ފީޗާ ފުރަތަމަ ފަހަރަށް ފެންނާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، އައިފޯން 15އަކީ 3-ނެނޯމީޓާ ޗިޕްއެއް ބޭނުންކުރާ ފުރަތަމަ ސްމާޓްފޯނަށް ވާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
މި ފޯންތަކުގައި މިއުޓް ސްވިޗްގެ ބަދަލުގައި ކަސްޓަމައިޒޭބަލް ބަޓަނެއް ކަމަށްވާ އެކްޝަން ބަޓަން ހިމަނާފައިވާނެ ކަމަށް ވެސް ޚަބަރު ފެތުރިފައިވެއެވެ.
އައިފޯން 15 ޕްރޯ މޮޑެލްތަކުގައި ހުންނާނީ ލުއި ޓައިޓޭނިއަމް ފްރޭމާއި ތުނި ބެޒެލްސް އާއި "ކާވްޑް" އެޖުތަކެވެ.
އައިފޯން 15 ޕްރޯ މެކްސްގައި ފޮޓޯގްރަފީ އިތުރަށް ފުރިހަމަ ކުރުމަށް ޕެރިސްކޯޕް ޒޫމް ލެންސެއް ހުންނާނެ ކަމަށް ބެލެވެއެވެ. އަދި ރަނާއި ދަނބު ކުލައިގެ ފޯން ދޫކޮށްލުމަށް ފަހު އަޅި ކުލަ އާއި ނޫ ކުލައިގެ ފޯންތައް ނެރޭނެ ކަަމަށް ބެލެވެއެވެ.
އައިފޯން 15 ޕްރޯ މޮޑެލްތަކުގެ އަގު ފެށޭނެ ކަމަށް ލަފާކޮށްފައި ވަނީ 1099 ޑޮލަރާއި 1199 ޑޮލަރާ ދެމެދުގެ އަގަކުންނެވެ.
އެޕަލް ވޮޗް ސީރީޒް 9އާއި އެޕަލް ވޮޗް އަލްޓްރާ 2ގައި ޓެކްނޮލޮޖީއަށް ލޯބިކުރާ ކަސްޓަމަރުން ބޭނުންވާ ގޮތަށް، ހަލުވި ޕްރޮސެސަރެއް ހުންނާނެ ކަމަށް ބެލެވެއެވެ. އަދި ވޮޗްގެ ވެސް އާ ކުލަތައް ތައާރަފުކޮށް، ކުރިއަށް ވުރެ ތަފާތު ކަމަރެއް ނެރޭނެ ކަމުގެ އަޑުވެސް ވަނީ ގަދަވެފައެވެ.