އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރަން އިނދިކޮޅުން ހުރީ "ވަސަންތީ" ކަމަށާއި "ބަޣާވާތު"ގައި ބައިވެރިވި ސިޔާސީ ލީޑަރަކު ފިޔަވައި އެހެން މީހަކު ވާދަވެރިފަރާތަކުން އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރަން ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވަސަންތީއަކީ ނޮވެންބަރު 3، 1988ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގައ ހިމެނޭ ޕްލޮޓް ޖަމާއަތުގެ ހަނގުރާމަވެރިންގެ އިސް ކޮމާންޑަރެވެ. އޭނާ މަރުވީ ސިފައިންގެ ތެރެއިން ދިން ބަޑީގެ ހަމަލާއެއްގަ އެވެ.
~
ސީދާ ހަރަކާތައް އެމްޑީޕީ ނުކުތުމަށް ގޮވާލައި ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "ސާފު ސާދާކޮށް ބަޣާވާތް ކުރި" މީހަކު ފިޔަވައި އެހެން މީހަކު އެމްޑީޕީއާ ދެކޮޅަށް ނުކުންނާކަން ނެތް ކަމަށެވެ.

"އަޅުގަނޑުމެން ވާދަކުރަން ހުރީ ވަސަންތީއޭ! ބާޣީއެއް ނޫން މީހަކު އިދިކޮޅަކުންނެތް އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކުރަން އަންނާކަށް. ސާފު ސާދާކޮށް ބަޣާވާތްކޮށްގެން ނެތް އެއްވެސް ސިޔާސީ ވެރިއެއް ވާދަވެރި ފަރާތްތަކަކުން ނުކުންނާކަން ނެތް،" އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި ސިއްކަ އަހުމަދު އިސްމާއީލް މަނިކު މައިގަނޑު ރޯލެއްް ކުޅުނު ނޮވެމްބަރު 3ގެ ހާދިސާގައި ރާއްޖެ އައި ޕްލޮޓް ޖަމާއަތުގެ ކޮމާންޑަރާ ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ރައީސް މައުމޫންގެ 30 އަހަރުގައި ކޮށްދީފައިވާ ކަންތައްތަކުގެ ދެ ގުނަ ހިދުމަތްތަކާއި ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ވައުދުތަކުގެ ތެރެއިން ރައްޔިތުންނަށް ފުއްދާދީފައިވާ ވައުދުތަކުގެ މަންފާއާއި ނަފާ ރައްޔިތުންނަށް މިހާރު ވެސް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ހެޔޮވެރިކަމެއް ކުރުމަށްޓަކައި އެމްޑީޕީ އަލުން ވެރިކަމަށް އާދެވެން އޮތީ އިންތިހާބަކަށް ގޮސްގެން ކަމަށާއި އެކަމުގެ މަގު ފެންނަން އޮތީ ސީދާ ހަރަކާތައް އެމްޑީޕީ ނުކުމެގެން ކަމަށެވެ.

ފެބްރުއަރީ 8، 2012ގައި އެމްޑީޕީން ރާއްޖޭގައި ކުރި މުޒާހަރާގައި ދައުލަތުގެ އެކިތަނަށް ގެއްލުން ދިން މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިންގަމުންދާ މައްސަލާގައި ރައީސް ނަޝީދު ވިދާޅުވީ އެ މީހުންނަކީ ހިޔާލު ފާޅުކުރުމަށް ނުކުތް ބައެއް ކަމަށާއި އެ މީހުންގެ މައްޗަށް ޝަރީއަތް ހިންގަމުންދަނީ ޣައިރު ގާނޫނީ ގޮތެއްގައި ކަމަށެވެ. އަދި އެ މީހުންނާއެކު އެމްޑީޕީ އޮތްކަން ދެއްކުމަށްޓަކައި އެމްޑީޕީ މަގުމައްޗަށް ނުކުންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތަކުން ވެރިކަން ބަދަލުވި ނަމަވެސް މިހާރު ސަރުކާރުގައި ތިބި ބޭފުޅުންނަށް ބަޣާވާތް ކާމިޔާބު ނުވާ ކަމަށެވެ. ބަޣާވާތް ކާމިޔާބުވި ނަމަ އެމްޑީޕީ ނޯންނާނެ ކަމަށާއި އެމަނިކުފާނު ވެސް ދުނިޔޭގައި ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިންތިހާބަކަށް މިދެވެނީ އެ ބޭފުޅުންނަށް ބަޣާވާތް ނުނިންމުނީތީވެ، ބަޣާވާތް އެމީހުން ބޭނުންގޮތަށް ނިންމުނުނަމަ އަޅުގަނޑުމެންނެއް ދުނިޔޭގައި ނުތިބީސް. އަޅުގަނޑުމެންގެ މުދާ ނެތުނީސް. އަޅުގަނޑުމެންގެ ގާތްތިމާގެ މީހުން ސަލާމަތަކުން ނޫޅުނީސް. ބަޣާވާތް ފުރިހަމަ ނުކުރެވުނީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުމުގެ މިނިވަންކަން އަޅުގަނޑުމެން ހޯދައިފައިވާތީވެ. ބަޣާވާތް ފުރިހަމަ ނުކުރެވުނީ ސިޔާސީ ޕާޓީ އުފެދިފައިވީތީވެ. އެކަން ނުކުރެވުނީ އެމްޑީޕީ އޮތީތީވެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ސީދާ ހަރަކާތައް ނުކުމެ ބަޣާވާތް އެއްފުށަށް ޖަހައި އެކަމުގައި ބައިވެރިވީ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭނެ ކަމަށެވެ.