އިންޑިޔާގެ ކުންފުންނެއް ކަމަށްވާ އޭޕެކްސް ރިއަލްޓީ ޕްރައިވެޓް ލިމިޓެޑް (އޭޕެކްސް) އިން މާލޭގައި އިމާރަތް ކުރަމުންދާ 350 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ދިމާވި މައްސަލަތައް ހައްލުކުރެވިއްޖެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އޭޕެކްސް އިން ފްލެޓް އަޅަނީ އަރަބިއްޔާ އާއި ނާދީ އާއި އޯޑިއޯނާއި ގާކޮށީގެ ބިމުގަ އެވެ. މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތް ހުއްޓިފައި ވިޔަސް ދިމާވެފައިވާ މައްސަލަތަކަށް މިހާރު ހައްލު ގެނެވިފައިވާތީ މަސައްކަތް ފެށުން ދެން ލަސް ނުވާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އޭޕެކްސް އިން އިމާރާތްކުރާ ހައުސިން ޔުނިޓް މަޝްރޫއުގެ މަސައްކަތް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުގެންވުނީ މަސައްކަތްކުރާ ޑިވޮލޮޕަރާއި ކޮންޓްރެކްޓަރާއި ދެމެދު ބައެއްކަންކަމުގައި އެއްބަސްވުމަށް ނޭދެވުމުގެ ސަބަބުން ކަމަށެވެ.

"... މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މި މަޝްރޫއަށް ކުރިމަތިވެގެން އައި މައްސަލަތައް ރަސްމީކޮށް އޭޕެކްސް ރިއަލްޓީ އިން މިމިނިސްޓްރީއަށް ހުށައަޅާފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު،" ބަޔާނުގައި ވެއެވެ.

އެމައްސަލަ ހައްލުކުރުމަށް ސަރުކާރައި އެޕެކްސްގެ އިސްފަރާތްތަކާއި ދެމެދު ފެބުރުއަރީ މަހުގެތެރޭގައި ބޭއްވި ބައްދަލުވުމަށް ފަހު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު އެފަރާތްތަކުން އެއްބަސްވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

" މަޝްރޫއު އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ގެނެދެވޭނެ ކަމަށްހުރިހާ ފަރާތެއްގެ މެދުގައި ވަނީ އެއްބަސް ވެވިފައި. އަދި މަޝްރޫއު ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެކަން ފާހަގަކުރަން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އަދި ބުނެފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކއި ސަރުކާރުން އެންމެ މުހިންމު އެއްސިޔާސަތުތަށް ކަމަށް ވާއިރު ހުރިހަ ޕްރޮޖެކްޓްސް ތައް ހިންގުމުގައިވެސް ފުރިހަމަކުރަން ޖެހޭކަން ކަން ސަރުކާރުން ފުރިހަމަކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވަނީ ބުނެފައެވެ.