01 Sep 2023, 23:16
ނިއު ޒިލެންޑުގައި ހުންނަ މަލްޓިނޭޝަނަލް ކުންފުނިތަކުން ޑިޖިޓަލް ސާވިސް ޓެކްސްއެއް ދައްކަން ޖެހޭ ގޮތަށް ގާނޫނެއް ތަންފީޒު ކުރަން އެގައުމުން ނިންމައިފިއެވެ.
ނިއު ޒިލެންޑުން އެކަން އިއުލާންކޮށްފައި ވަނީ، މަލްޓިނޭޝަނަލް ކުންފުނިތަކުން ޑިޖިޓަލް ސާވިސް ޓެކްސް ދައްކަން ޖެހޭ ގޮތަށް ހެދުމާ ބެހޭ ގޮތުން އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ)ގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ.
ނިއު ޒިލެންޑުން ބުނި ގޮތުގައި އެގައުމުން އެކަމާ ބެހޭ ގާނޫނު ތަންފީޒު ކުރަން ފަށާނީ 2025 ވަނަ އަހަރެވެ.
އެޕަލް ފަދަ ޑިޖިޓަލް ބޮޑެތި ކުންފުނިތަކުން ޓެކްސް ނެގުމަށް 140އަށް ވުރެ ގިނަ ގައުމަކުން ވަނީ 2021 ވަނަ އަހަރު އެއްބަސްވެފައެވެ. އެ އެއްބަސްވުމަށް އަންނަ އަހަރު އަމަލު ކުރާ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް މިދިޔަ މަހު ކެނެޑާ ފިޔަވާ ހުރިހާ ގައުމަކުން ވަނީ އެ އެއްބަސްވުން ތަންފީޒު ކުރުން އިތުރު އަހަރަކަށް ފަސްކުރުމަށް ނިންމާފައެވެ.
ނިއު ޒިލެންޑުން ބުނި ގޮތުގައި، އެ ޓެކްސް ނެގުން އިތުރު އަހަރަކަށް ފަސްކުރަން އެގައުމުން ބޭނުންނުވެއެވެ.
ޑިޖިޓަލް ސަވިސަސް ޓެކްސް ދައްކަން ޖެހޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ސާޗް އިންޖީނުތަކާއި އޮންލައިން މާކެޓްޕްލޭސްތައް މެދުވެރިކޮށް އާމްދަނީ ހޯދާ ކުންފުނިތަކެވެ.
މި ޓެކްސް ދައްކަން ޖެހޭނީ ދުނިޔޭގެ ޑިޖިޓަލް ހިދުމަތްތަކުން އަހަރަކު 750 މިލިއަން ޔޫރޯ (812 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކާއި ނިއުޒީލެންޑްގައި ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތަކުން އަހަރަކު 3.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުންނެވެ.
މި ޓެކްސް ނަގަން ފެށުމުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި 222 މިލިއަން ނިއުޒީލެންޑް ޑޮލަރު ލިބޭނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.
ފްރާންސާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން މިފަދަ ޓެކްސް ނަގާ މިންވަރަށް ބަލައި، ނިއުޒީލެންޑް ޑިޖިޓަލް ސާވިސަސް ޓެކްސް ނަގަން ނިންމާފައިވަނީ ތިން ޕަސެންޓުގައެވެ.
މި ބިލު އަންނަ ބުރާސްފަތި ދުވަހު ނިއުޒިލޭންޑްގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓް ކޮށްފައި ވެއެވެ.