މަގާމްގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނަޖާއިޒު ފައިދާއެއް ހޯދައިދޭން އުޅުނު ކަމުގެ ދައުވާ ނެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސާގެ މައްޗަށް ކޮށްދިނުމަށް އެދި އެސީސީން ޕީޖީއަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ނައިބު ރައީސާ މުޒުހިރާ އިބްރާހިމް، އެ އެސޯސިއޭޝަންގެ ލެޓާހެޑް ބޭނުން ކޮށްގެން އޭނާއަށް އެ އެސޯސިއޭޝަނުން މަހަކު 12،000ރ. ލިބޭ ކަމަށް ބުނެ ދޮގު މައުލޫމާތު ހިމެނޭ ސިޓީއެއް އަމިއްލަ އަށް ސޮއިކޮށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަން ބެލިއިރު މުޒުހިރާއަށް މަހަކު ލިބެނީ 4000ރ. ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ދޮގު މައުލޫމާތު އެޗްޑީއެފްސީއަށް ދީފައިވަނީ މުޒުހިރާގެ އާއިލާގެ ގާތް ފަރާތެއްގެ ލޯނު އެޗްޑީއެފްސީން ހޯދުމަށް ބާރުއެޅުމުގެ ގޮތުން ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި ނެޓްބޯލް އެސޯސިއޭޝަންގެ ޖަލްސާއެއްގައި މުޒުހިރާގެ ނަމުގައި އެފަދަ ސިޓީއެއްގައި ސޮއިކޮށް އެޗްޑީއެފްސީއަށް ފޮނުވި ކަމަށް މުޒުހިރާ އެއްބަސްވެފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އެކޮމިޝަނުން އަދި ބުނީ މުޒުހިރާ އަމިއްލަ އަށް ފޮނުވި ސިޓީގެ އިބާރާތް ބަދަލުކޮށް ދިނުމަށް އެދި 27 އޭޕްރިލް 2011 ގައި އެޗްޑީއެފްސީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މުޒުހިރާ އިބްރާހިމްގެ އެ އަމަލަކީ އެޗްޑީއެފްސީއަށް އޮޅުވާލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަން ތަހުގީގަށް އެނގޭ ކަމަށެވެ. އަދި އެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ދައުވާ ކޮށްދިނުމަށް އެދި މިދިޔަ މަހުގެ 16 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.