އައިޕެޑް ގަތުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފައި ވަނިކޮށް އެކަން ވަގުތީގޮތުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކައުންސިލަށް އަންގައިފި އެވެ.

އޭސީސީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދު މިއަދު ވިދާޅުވީ އައިޕެޑުގަތުމަށް އައްޑޫ ސިޓީ ކައިންސިލުން ނިންމުމުން އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިމެންދެން އައިޕެޑް ގަތުން މަޑު ޖައްސާލުމަށް މި ހަފުތާގެ ތެރޭގައި އެ ކައުންސިލަށް އަންގާފައި ވާނެ ކަމަށެވެ.

"އެކަމާ ގުޅިުގެން ކޮމިޝަން މައްސަލައެއް ހުށަހެޅިފައިވާތީ. އައިޕެޑްގަތުން މަޑުޖައްސާލުމަށް މިހަފުތާގެ ތެރޭގައި ވަނީ އައްޑޫ ސިޓީ ކައުންސިލަށް އަންގާފަ،" މުއައްވިޒު ވިދާޅުވި އެވެ.

އައިޕެޑްގަތުމާ ގުޅޭގޮތުން އޭސީސީއަށް ހުށަހެޅިފައި ވަނީ ކޮން މައްސަލައެއް ކަމެއް މުއައްވިޒު ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ އެ މައްސަލައަކީ ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލައަކަށް ވާތީ އެ މައްސަލަ ބަލައި ނިމުމުގެ ކުރިން އެކަމާ ބެހޭ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

ކަޅުކުލައިގެ އަށް އައިޕެޑްގަތުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާން ކުރީ މި ދިޔަމަހުގެ 18 ވަނަ ދުވަހު އެވެ.

އައިޕެޑް ނުގަތުމަށް އައްޑޫ ސިޓީ ކައުންސިލަށް އަންގާފައިވާއިރު މިނިސްޓަރުންނަށް އައިޕެޑާއި ފޯނު ފަދަ ތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާ ބާތިލު ކުރުމަށް ވެސް އޭސީސީން ވަނީ ހޯމަ ދުވަހު އެ މިނިސްޓްރީއަށް އަންގާފައެވެ.