29 Aug 2023, 09:39
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ވެސް ހަމަނުވެ، ޖަލްސާ ނުބޭއްވި ނިންމާލައިފިއެވެ.
މި ދައުރުގެ ތިންވަނަ ޖަލްސާ މިއަދު ބޭއްވުމަށް އެޖެންޑާ ކޮށްފައިވާއިރު މިއަދުވެސް ކޯރަމް ހަމަނުވުމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ މަޖިލިސް ނިންމާލައްވާފައެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ، އެންމެ ނުވަ މެންބަރުންނެވެ.
މަޖިލީހުގެ ގާނޫނު ބުނާގޮތުން ނަމަ މަޖިލިސް ކުރިއަށް ގެންދިއުމަށްޓަކައި 22 މެންބަރުން ހަމަވާން ޖެހޭނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ގިނަ މެންބަރުންތަކެއް އަންނަނީ ކެމްޕެއިން ދަތުރުތަކުގައި އަތޮޅުތެރެއަށް ދަތުރުކުރަމުންނެވެ. އަދި، ބައެއް މެންބަރުން އިންތިޚާބުގައި ވާދަކުރައްވާއިރު، ރަނިންމޭޓުންގެ ގޮތުގައި ވެސް މަޖިލިސް މެންބަރުން ތިއްބަވައެވެ.
އެކަމާ ގުޅިގެން މި ދައުރު ފެށުނުއިރު ވެސް މަޖިލީހުގެ ކުރީ ދެ ޖަލްސާގައި ގިނަ މެންބަރުން ހާޒިރުވެފައެއް ނުވެއެވެ.
އެގޮތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް އިންތިޚާބުގައި ވާދަކުރައްވައެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމެވެ. އިދިކޮޅު ޕީއެންސީގެ ރަނިންމޭޓަކަށް ވެސް ހަމަޖައްސާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
މި ދައުރު ފެށުނީންސުރެ މިހާތަނަށް އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
އެންމެ ފުރަތަމަ ޖަލްސާ ވެސް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެ ޕާޓީއަށް ސޮއިކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެން ދެވޭނެ ކަމަށެވެ. އެ ކަމާ ގުޅިގެން، މަޖިލިސް ހޫނުވެ، ތިން މެންބަރެއްގެ ނަން އިއްވައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޖަލްސާ ނިންމާލައްވާފައެވެ.
ދެވަނަ ޖަލްސާގައި ވެސް ވަނީ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ދަފުތަރަށް އައި ބަދަލާއި ގުޅޭ މައްސަލަ އެޖެންޑާ ކުރެވިފައެވެ. އެހެންނަމަވެސް އެޖެންޑާއާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް ވަނީ ހުރަސްތަކެއް ދިމާވެފައެވެ.
މިއަދުގެ ޖަލްސާގައި ވެސް އެޖެންޑާ ކޮށްފައިވަނީ ހަމަ މި މައްސަލައެވެ.
އެހެންނަމަވެސް މިދިޔަ ދައުރުގެ ފަހުކޮޅުން ފެށިގެން މި ދައުރު ފެށިގެން އައި އިރު ވެސް މަޖިލީހުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވި މަޖިލިސް އޮތީ ހުއްޓުމަކަށް އައިސްފައެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ ތެރޭ އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށްލާފައެވެ. އެއާ އެކު މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ އެކު، މިދިޔަ ދައުރުގެ ފަހުކޮޅު ވެސް މަޖިލީހުގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު، ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ، ދާއިމީ ކޮމިޓީތައް ފަހުން އެކުލަވައިލިއެވެ. އެހެންނަމަވެސް ނަޝީދަށް ތާއިދުކުރާ މެންބަރުން އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް'އަށް އެ މެންބަރުން ސޮއިކުރުމުން އަނެއްކާ ވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް ވަނީ ބަދަލު އައިސްފައެވެ.
ކޮމިޓީތައް އެކުލަވައިނުލެވި ލަސްވުމުގެ ސަބަބުން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އޮތީ ހުއްޓިފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރިޔާސަތައް ވަނީ އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައެވެ.