އެމަޖެންސީގައި ދިޔަ ފަޔާ ވެހިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް، ސައިކަލުތަކަކަށް އަރައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މިއަދު ހެނދުނު 06:00 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ މާފަންނު ގަޑިބުރާ ދިމާލުން އޯކިޑުމަގަށް ވަންނަން ދިޔަ ފަޔާ ލޮރީއެއް ކަހާލައިގެން ގޮސް، ކޮންޓްރޯލުން ނައްޓައިގެންނެވެ.

އޯކިޑުމަގަށް ވަންނަން ދިޔަ ފަޔާ ލޮރީއެއް ކޮންޓްރޯލްނުވެ، ސައިކަލުތަކަަކަށް އަރާފައި ---

މަންޒަރުދުށް މީހުން "ސަން"އަށް ބުނީ އެ ލޮރީ ކަހާލީ، މަގަށް ވަންނަ ދިމާލުގައި ނުގަވާއިދުން ޕާކު ކޮށްފައި އޮތް ކާރަކުން ނެއްޓުމަށް ބުރެކި ޖެއްސި ވަގުތު ކަމަށެވެ. ރެއިންސުރެ، ފެށިގެން ވާރޭވެހެމުންދާތީ މަގުމަތީ ކޮންމެވެސް ވަަރަކަށް ފެން ހުރުމުން ފަސޭހައިން ކަހާލީ ކަމަށެވެ.

އެކްސިޑެންޓުވި ފަޔާ ލޮރީ އަދި އެތަނުގައި ޕާކުކޮށްފައި އޮތް ކާރު ---

އެ ލޮރީ ކަހާލައިގެން ގޮސް އެރީ މަގުގެ އަނެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށެވެ. ލޮރީން ޖެހުނު ސައިކަލުތަކަށް ވަނީ އެކި ގެއްލުންތައް ވެފައެވެ.

އަދި ކައިރީ ހުރި ޑީބްލޫ މެރިންގެ ފިހާރައަށް ބައެއް ސައިކަލުތައް އަރައި، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓުވި ލޮރީއަކީ، ދުންއަރަމުން ދިޔަ ތަނަކަށް ދިޔަ ވެހިކަލެއް ކަމަށެވެ. އެތަނަށް އެހެން ވެހިކަލެއް ފަހުން އެޓެންޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.