އެމްޑީޕީން ވަކިވި މެންބަރުން އުފައްދާފައިވާ ދަ ޑިމްކޮރެޓްސްއަށް ތާއީދު ކުރައްވާ ރައްޔިތުން އަލުން އަނބުރާ ސަރުކާރާ ގުޅިވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިންތިޚާބު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ދައުވަތު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވައިފިއެވެ.

ރައީސް ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ފަޅައިގެން ގޮސް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުންތަކެއް އެމްޑީޕީން ވަކިވެ، ވަނީ ސިޔާސީ ޕާޓީއެއް އުފައްދައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ވެސް ނިންމާފައެވެ.

ރޭ ގަމުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އަސްލަމް ވިދާޅުވީ އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުތަކުން ރައީސް ޞާލިހް, މި އިންތިހާބު އެއްބުރުން ކާމިޔާބް ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. މި އިންތިޚާބު ދެވަނަ ބުރަކަށް ދާނެ ކަމަށް އުންމީދުކޮށްގެން ތިބޭނީ 'މޮޔަ' ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަޑައިގަންނަވާ. އޭގެ ތެރެއިން ބައެއް ބޭފުޅުންނަކީ އަޅުގަނޑުމެންގެ ފިކުރާ ވަރަށް ގާތް އަޅުގަނޑުމެންނާ މިހެން ވަރަށް ގާތްކޮށް ތިއްބެވި ބޭފުޅުން ކޮޅެއް. ވަޑައިގަންނަވާ. އަޅުގަނޑުމެން މި ތިބީ ހަމަ ތިބޭފުޅުންނާ އެކީގައި އަދިވެސް މިއީ ހަމަ ރަހުމަތްތެރިން. އަދިވެސް މިއީ ހަމަ ގާތް މީހުން. ވަޑައިގަންނަވާ. އަޅުގަނޑުމެންނަކީ ދުޝްމަނުންނެއް ނޫން," އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވެގެން ދިޔަ މެންބަރުންނަށް އިޝާރާތް ކުރައްވައި އަސްލަމް ވިދާޅުވީ މި ވަގުތު މި ތިބީ ސިޔާސީ ގޮތުން ތަންކޮޅެއް ދުރުގައި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ވިސްނުން ބަދަލުވާކަން އެނގޭ ކަމަށެވެ. އެެމްޑީޕީއާ އަލުން ގުޅެމުންދާ މެންބަރުންނަށް މަރުހަބާ ކިޔުއްވަމުން އަސްލަމް ވިދާޅުވީ މި ގައުމަށްޓަކައި އެ ބޭފުޅުން އެކަން ކުރައްވަން ޖެހޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވުރެ އަޅުގަނޑަށް ޕާސަނަލީ މާ ގާތް ބޭފުޅުން. އޭގެ ތެރޭގައި އެބަތިއްބެވި. އަޅަގަނޑު އެކީގައި ސައި ބޯން އަރާލެވޭ އަރާއުޅުނު އަދިވެސް ފަހުން ވެސް އަރާފާނަށް އެ މީހުންނާ އެކީގައި ސައި ބޯން. އެކަމުން އެ ރައްޓިހިކަމުން ލޯތްބަކުން މިއީ ހިތާ ވެގެން ރުޅި އައިސްގެން ކުރާ ކަމެއް ނޫން މިއަކީ. ހިތާވާ މީހަކަށް ނޫން މި އުޅެނީ ވެރިކަން ދޭކަށް," އަސްލަމް ވިދާޅުވިއެވެ.

މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ގައުމާ ދޭތެރޭ ވިސްނާ ހިކުމަތްތެރި ބޭފުޅަކު މި ގައުމުގެ ވެރިކަމަށް ގެންނަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް ޞާލިހަށް ދެވެނަ ދައުރެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ފެށީ އެއީ މި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށްވާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ. އިދިކޮޅު ޕީޕީއެމަށް އެންމެ ފައިދާ ހުރި ގޮތަކީ ވެސް ރައީސް ޞާލިހް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ޕީޕީއެމް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިކަން ވާނީ މިހެން ކަން. އެ ބޭފުޅުންގެ ކެންޑިޑޭޓެއް ނެތް. ޕީއެންސީގެ ކެންޑިޑޭޓެއް ހުރީ. އެ ބޭފުޅުންގެ ކުލަ ބޭނުން ކުރައްވަނީ. މިއާ ދޭތެރޭ ރަނގަޅަށް ވިސްނާ ވަޑައިގެންފަ އެ ބޭފުޅުންގެ ތެރެއިން ވެސް ވިސްނުންތެރި ބޭފުޅުން ގޮތެއް ނިންމަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން," މިނިސްޓަރު ވިދާޅުވިއެވެ.

ތަހުޒީބީ ގައުމުތަކުގައި ރައީސަކަށް ދެވަނަ ދައުރެއް ދީފައި ހުރީ އެ ރައީސެއްގެ ފުރަތަމަ ދައުރުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާފައިކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ, ރައީސް ޞާލީހަކީ އެ ފަދަ ބޭފުޅެއް ކަމަށެވެ.

"ކަމެއް ކޮށްގެން އަޅުގަނޑުމެންނާ ވާދަކުރެވޭނެ އިތުރު ބޭފުޅަކު ނެތް," މިނިސްޓަރު ވިދާޅުވިއެވެ.