29 Aug 2023, 08:44
ތަމަޅަ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ ވިޖޭގެ ދަރިފުޅު ޖޭސަން ސަންޖޭ ފިލްމު ޑައިރެކްޓުކުރުމުގެ މަސައްކަތަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.
ޢުމުރުން 23 އަހަރުގެ ޖޭސަންވަނީ ތަމަޅަ ފިލްމުތައް އުފައްދާ ލައިކާ ޕްރޮޑަކްޝަންސްއާ ގުޅިގެން ކެރިއަރުގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރުމަށްވެސް ސޮއިކޮށްފައެވެ.
އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދަރިފުޅު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުގެ އެއްބަސްވުމުގައި ސޮއިކުރި ހަފްލާގެ ފޮޓޯތައް އާއްމުންނާ ހިއްސާކުރުމާއެކު ގިނަބަޔަކުވަނީ އެކްޓަރަށް މަރުހަބާ ކިޔާފައެވެ.
ތަލަޕަތީ ވިޖޭގެ ނަމުން ތަމަޅަ ސިނަމާގައި މަޝްހޫރު އެކްޓަރު ބުނެފައިވަނީ މިފިލްމުގައި ހިމަނާނެ ކާސްޓުންނާބެހޭ މައުލޫމާތު ވަރަށް އަވަހަށް އާއްމުންނާ ހިއްސާކުރާނެކަމަށެވެ. ވިޖޭ ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކޮށްފައިވާއިރު ވަރުގަދަ އެކްޝަން ފިލްމުތައް ކުޅެފައިވާ އެކްޓަރަކީ ތަމަޅަ ސިނަމާގެ އެންމެ ޑިމާންޑު ބޮޑު އެއް އެކްޓަރެވެ.
ވިޖޭގެ ދަރިފުޅު ޖޭސަން ބުނެފައިވަނީ ގިނަބަޔަކު އުއްމީދުކުރީ ބައްޕައެކޭ އެއްގޮތަށް އޭނާވެސް ފެންނާނީ އެކްޓިންގްގެ ދާއިރާއިންކަމަށެވެ. އެހެންނަމަވެސް ޖޭސަން ބޭނުންވަނީ ބައްޕަ ފަރާތު ކާފައެކޭ އެއްގޮތަށް ފިލްމު އުފެއްދުމުގެ ދާއިރާއިން ކުރިޔަށްދިއުމަށްކަމަށް އޭނާވަނީ ބުނެފައެވެ. އަދި ލައިކާ ޕްރޮޑަކްޝަންފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު މަސައްކަތްކޮށްލަން ލިބުމަކީ ލިބޭ އުފަލަށްވުރެ ކޮނޑުގައި އެޅޭ ވަރަށް ބޮޑު ޒިންމާއެއްކަމަށް ޖޭސަންވަނީ ބުނެފައެވެ.
ޖޭސަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުގެ ސްކްރިޕްޓްވެސް ތައްޔާރުކޮށް ނިމިފައިވާއިރު އޭގެ ތަފުސީލުތައް ވަރަށް އަވަހަށް ހިއްސާކުރާނެކަމަށްވަނީ ބުނެފައެވެ. ތަމަޅަ ފިލްމުތަކުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ވިޖޭ އެންމެފަހުން ފެނިފައިވަނީ މިއަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ވަރިސޫ"އިންނެވެ. ވިޖޭ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިއަހަރު ރިލީޒްކުރުމަށް ނިންމާފައިވާ އެކްޝަން ތްރިލާ ފިލްމު "ލިއޯ"އިންނެވެ.