09 May 2012, 14:10
ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކުން ދޭ ހިދުމަތުގެ އަގުން ނަގާ ޓެކްސް ޓީ-ޖީއެސްޓީ ބޮޑުކުރެވޭތޯ ޓޫރިޒަމް އިންޑަސްޓްރީ އާއި އެ އިންޑަސްޓްރީއާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާކޮށް ހިޔާލުހޯދުމަށް ޓޫރިޒަމް މިނިސްޓްރީ އިން ނިންމައިފި އެވެ.
ދައުލަތުގެ ބަޖެޓް ލަފާ ކުރި އަދަދަށް ވުރެ ބޮޑަށް ޑެފިސިޓް ވާނެ ކަމަށް ލަފާ ކުރެވޭތީ އެ ބައި ފޫބެއްދުމަށް ޓޫރިޒަމް ސެކްޓާ އިން ނަގާ ހަ ޕަސެންޓްގެ ޖީއެސްޓީ 12 ޕަސެންޓަށް ބޮޑު ކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ސަރުކާރަށް ލަފާދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އައިއެމްފް އިން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއި އަދި ވެސް އެހެން ކަންކަމާގުޅޭ ގޮތުން ޓޫރިޒަމް އިންޑަސްޓްރީން ދެކޭ ގޮތް ހޯދުމަށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެ ބައްދަލުވުންތައް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އައިއެމްއެފް އިން ހުށަހަޅާފައި ހުރި ކަންތައްތަކުގެ ތެރެއިން ޓޫރިޒަމް ސެކްރެޓާ އާއި ގުޅުން ހުރި ކަންތައްތަކުން އެ އިންޑަސްޓްރީގެ މީހުން އެ ކަންކަމުގައި ދެކޭ ގޮތް ބަލައި ހިޔާލު ބަދަލުކުރުން މީގެ މަގުސަދަކީ. އެކަމަށް ޓޫރިޒަމް އިންޑަސްޓްރީން ދެކޭ ގޮތާއި ހިޔާލު ހޯދާނީ. އެބޭފުޅުންގެ ވިސްނުން މީގައި ބަލާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީގެ ސިޔާސަތަކީ ވެސް މި ވަގުތަށް ޓީ-ޖީއެސްޓީ ބޮޑުނުކޮށް ވޭތޯ ބެލުން ކަމަށާއި އިގްތިސޯދާ ދިމާވެފައިވާ މައްސަލަތަކުގައި އެޅޭނޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަކީ މި ވަގުތަށް މުހިންމުވެފައިވާ ކަމެއް ކަމަށެވެ. އެ ފިޔަވަޅުތަކަށް އިންޑަސްޓްރީގެ އިތުބާރު މުހިންމު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެސް ސިޔާސަތެއް ނެތް ކޮންމެހެން [ޓީޖީއެސްޓީ] ބޮޑުކުރާކަށް. ހަމައެކަނި އަޅުގަނޑުމެންނަށް ބަޔަކު ހުށަހަޅާފައި ހުރި ކަންތައްތަކެއް މަޝްވަރާކޮށްލަނީ. އޭރުން މި މައްސަލަތަކަށް [އިގްތިސޯދީ މައްސަލަތަކަށް] ހޯދޭނެ ހައްލުތަކެއް ބެލޭނެ،" އޮފިޝަލް ވިދާޅުވި އެވެ. "އަޅުގަނޑުމެން އިންޑަސްޓްރީގެ ތާއީދުނެތި އެފަދަ ބޮޑަތި ނިންމުންތަކެއް ނުނިންމާނަން،"
ޓީޖީއެސްޓީއަކީ ދައުލަތަށް ލިބޭ އާމްދަނީގެ 32.4 ޕަސެންޓެވެ. އަދި ދައުލަތުގެ އާމްދަނީގެ ދެ ބައިކޮށްފަ އެއްބަޔަށް ވުރެ ވެސް ބޮޑު ބައެއް ހިއްސާ ކުރަނީ ޓޫރިސްޓު ރިސޯޓްތަކުން އެކި ގޮތްގޮތަށް ދައުލަތަށް ނެގޭ ފައިސާއިންނެވެ.
ޓީ-ޖީއެސްޓީ ބޮޑުކުރުމުގެ މައްސަލައިގައި ސަން އޮންލައިނާ މިއަދު ވާހަކަ ދެއްކި ޓޫރިޒަމް ސެކްޓާގެ ބައެއް ބޭފުޅުން މިއަދު ވިދާޅުވީ ޓީ-ޖީއެސްޓީ ބޮޑުކުރުމަކީ މި ވަގުތަށް ތާއީދު ކުރާ ކަމެއް ނޫން ކަމަށާއި ރާއްޖެއަކީ މިހާރު ވެސް ނިސްބަތުން އަގު ބޮޑު މަންޒިލެއް ކަމަށެވެ. އަދި ރިސޯޓްތަކުން އެނދު ވިއްކާފައި ހުންނަނީ ދުރާލާ މާކުރިން ކަމަށް ވާތީ ކުއްލިއަކަށް ޓީ-ޖީއެސްޓީ ބޮޑުކޮށްފި ނަމަ އޭގެ ގެއްލުން ވަރަށް ބޮޑަށް ފޯރާނެ ކަމަށެވެ.
"އެކަމާ މެދު މަޝްވަރާ ކުރެވިދާނެ، އެކަމަކު އެއީ މި ވަގުތަށް އަދި ކުރެވޭނެ ކަމެއް ނޫން. އެހެނެއް ނޫން ވަގުތު އޮވެގެން ދުރާލާ ވިސްނުންތަކެއް ނެރެގެން އެކަން ކުރެވޭނެ. އެހެން ނޫނީ ޓުއާ އޮޕަރޭޓަރުންނާއި ރިސޯޓު އޯނަރުންނަށް ވެސް އޭގެ ގެއްލުން ވާނެ. އަދި ޓޫރިޒަމް އެރައިވަލްއިން ވެސް އޭގެ އަސަރުފެންނާނެ،" ޓޫރިޒަމް ސެކްޓާގެ ތަޖުރިބާ ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
ރާއްޖެއަކީ އަގު ބޮޑު ޓޫރިސްޓު މާކެޓްތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.