ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ލަވަކިޔާދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން އަރުމާން މަލިކްއާއި ދުވަސްވީ ލޯބިވެރިޔާ އާޝްނާ ޝްރޮފް އެންގޭޖްވެއްޖެއެވެ.

ފެޝަން ދުނިޔޭގައި މަޝްހޫރު ޒުވާނާ އާޝްނާއާއި އަރުމާނު އެންގޭޖްވިކަން ދެ މީހުންގެ އަމިއްލަ އިންސްޓަގްރާމްގައި ވެސްވަނީ އިއުލާނުކޮށްފައެވެ.

އަރުމާންއާއި އާޝްނާ އެންގޭޖްވެފައިވަނީ ދެ މީހުން ލޯބީގެގޮތުން ގުޅިގެން އުޅޭތާ އަހަރުތަކަކަށްފަހުއެވެ. ދެ މީހުންގެ ގުޅުން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރު އަރުމާނު ބައިވެރިވި އެމްޓީވީ ޔޫރަޕް އެވޯޑްސްގެ ރެޑް ކާޕެޓް އިވެންޓްގައެވެ.

އާޝްނާ ޝްރޮފްއަކީ އިންޑިއާގެ ކުރީގެ މޮޑެލް ކިރަން ޝްޔާމް ޝްރޮފްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އާޝްނާ ފެޝަންއާއި އާޓްސް ދާއިރާއިން ކުރިޔަށް ދިއުމަށް އޭނާގެ މަންމަ ކިރަން ނުރުހުންވުމުން، އާޝްނާ އެންމެ ފުރަތަމަ މަސައްކަތްކޮށްފައިވަނީ މުދައްރިސެއްގެގޮތުގައި ސްކޫލެއްގައެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ ކޮލެޖަކުން ފެޝަން ޑިޒައިނިންގް ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރުމަށް ފަހު އާޝްނާ ފެޝަން އިންފުލުއެންސާއެއްގެގޮތުގައި މަސައްކަތްކުރަން ފަށާފައިވަނީ ޢުމުރުން އެންމެ 20 އަހަރުގައެވެ. އަމިއްލަ އޮންލައިން ފެޝަން ސްޓޯއަކާއެކު 1.5 މިލިއަން ސަބްސްކްރައިބާސްގެ ޔޫޓިއުބު އެކައުންޓެއް ގެންގުޅޭ އާޝްނާ މަސައްކަތްކުރާ ހާއްސަ ބްރޭންޑްތަކުގެތެރޭގައި މަޝްހޫރު ނައިކާ، ލޯރެއަލް، މެއިބެލައިން އަދި އެސްޓީލޯޑާ ހިމެނެއެވެ.

އަރުމާންއާއި އާޝްނާ އެންގޭޖްވެފައިވާކަން އިއުލާނުކޮށްފައިވާއިރު ދެ މީހުންގެ ކައިވެނި އޮންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ލޯބީގެ ރީތި ލަވަތަކެއް ކިޔާފައިވާ އަރުމާނު މަލިކު ނިސްބަތްވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނޫ މަލިކުގެ ޢާއިލާއަށެވެ. އަރުމާންގެ ބައްޕަގެ އިތުރުން ބޭބެ އަމާލް މަލިކަކީވެސް މިއުޒިކް ކޮމްޕޯސްކޮށް ލަވަ ހުށަހަޅައިދޭ ކުޅަދާނަ ލަވަކިޔުންތެރިންނެވެ.